ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ކ. އަތޮޅުގެ ފުރަތަމަ މެޗުގައި ކ. ގާފަރުން ވާދަވެރި ކާށިދޫ 2-1 ގެ ނަތީޖާއަކުން ބަލިކުރިިއިރު, ކ. ދިއްފުށިން އެ އަތޮޅު ގުޅި އަތުން ފަސޭހަކަމާ އެކު 9-3 އިން މޮޅު ވެއްޖެ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނީ ކ. އަތޮޅުގެ ހަތަރު މެޗެވެ.
ކ. ކާށިދޫގެ މައްޗަށް ގާފަރުން ކުރިހޯދީ ފަހަތުން އަރަ އެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކާށިދޫ އިންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله ސުޒައިރު އެވެ. މި ނަތީޖާގައި ފުރަތަމަ ހާފު ނިމުނު ނަމަވެސް ގާފަރުން ވަނީ ފަހު ހާފުގައި ކުުޅުން ރަނގަޅުކޮށް، ކާށިދޫ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ދެ ވަނަ ހާފުގެ 15 ވަނަ މިނެޓުގައި ގާފަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ކާށިދޫގެ މުހައްމަދު އަޖުވަދު ސޮލާހު އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ގާފަރު މޮޅުވީ ހިލޭ ޖެހުމަކުން، އިބްރާހީމް ރިމާހް ކާމިޔާބުކުރި ގޯލުންނެވެ.
ކ. ހިންމަފުށިން އެ އަތޮޅު ހުރާގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 16 ވަނަ މިނެޓުގައި ހިންމަފުށީގެ އަތުޝާން އިބްރާހީމް ގޯލު ޖަހާ ލީޑު ނަގާދިނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުސެއިން ނާފިޒް ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު ދެ ވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ހުރާގެ މުހައްމަދު ތަޝްމީން (ތައްތި) ގޯލު ޖަހާ ފަރަގު ކުޑަކުރިއެވެ. ހިންމަފުށީގެ ތިން ވަނަ ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައި ހުއްޓަ ޖަހާދިނީ ނާފިޒް އެވެ.

ކ. ހިތްމަފުށި އާއި ކ. ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން
ކ. ދިއްފުށިން އެ އަތޮޅު ގުޅީގެ މައްޗަށް ކުރިހޯދީ 9-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދިއްފުށީގެ އަހުމަދު ރިޒްވާން (ރިޒޭ), ޒައިން ޒަފަރު އަދި އަހުމަދު ނަދީހު, މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު, އަހުމަދު މާޒިން އަދި އިބްރާހީމް ޝިނާޒް ވަނީ ގޯލެއް ޖަހާފަ އެވެ.
އެ ޓީމުގެ ނުވަވަނަ ގޯލަކީ މުހައްމަދު އަނޫފް އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ގުޅީގެ ގޯލުތައް ޖަހާދިނީ އަހުމަދު ރިއުމާން މުހައްމަދު, އަހުމަދު އައުސޫން ޝާހިރު އަދި އިބްރާހީމް ސިމާހު އެވެ.

ކ. ދިއްފުށި އާއި ކ. ގުޅި ބައްދަލުކުރި މެޗުގެ ތެރެއިން
ކ. ގުރައިދޫ 2-1 ގެ ނަތީޖާއަކުން ބަލިކޮށް މާފުށިން ވެސް ވަނީ މުބާރާތުގެ ފެށުން ރަނގަޅު ކޮށްފަ އެވެ. މި މެޗުގެ ނުވަ ވަނަ މިނެޓުގައި މާފުއްޓަށް ލީޑު ނަގާދިނީ ޒުލްކިފްލީން ޒާހުރު ޖަހާދިން ގޯލުންނެވެ. އެކަމަކު، އޭގެ މިނެޓެއް ފަހުން ގުރައިދޫގެ އިޝްއާފް މުހައްމަދު ފިރާގު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި މެޗުން މޮޅުކޮށްދިން ގޯލު މާފުއްޓަށް ޖަހާދިނީ އިސްމާއިލް ޒަރީރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. އެއީ މ. އަތޮޅުގެ މެޗުތަކާއި ގއ. އަތޮޅުގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
މ. މުލައް - މ. މަޑުއްވަރި : 20:00 (ގްރައުންޑް 1)
މ. ރަތްމަންދޫ - މ. ވޭވަށް : 20:00 (ގްރައުންޑް 2)
މ. ނާލާފުށި - މ. ދިއްގަރު : 21:00 (ގްރައުންޑް 1)
މ. ކޮޅުފުށި - މ. މުލި : 21:00 (ގްރައުންޑް 2)
ގއ. ގެމަނަފުށި - ގއ. މާމެންދޫ : 22:00 (ގްރައުންޑް 1)
ގއ. ނިލަންދޫ - ގއ. ކޮނޑޭ : 22:00 (ގްރައުންޑް 2)
ގއ. ވިލިނގިލި - ގއ. ދެއްވަދޫ : 23:00 (ގްރައުންޑް 1)
ގއ. ކޮލަމާފުށި - ގއ. ކަނޑުހުޅުދޫ : 23:00 (ގްރައުންޑް 2)













