ސިހުރު ހެދި މީހަކު އެނގޭ ކަމަށް ބުނާނަމަ އެއީ ދޮގެވެ.

ސިހުރު ހެދި މީހަކު އެނގޭ ކަމަށް ބުނާނަމަ އެއީ ދޮގެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވަނީ ރުޤްޔާކުރުން ވަރަށް ބޮޑު ތަނުން އާންމުވެފަ އެވެ. އަދި އެއީ ބައެއް މީހުން މުއްސަނދިވުމުގެ ވަސީލަތަކަށް ވެސް ވަނީ ހަދާފަ އެވެ. މާސިންގާ ބޮޑު ވިޔަފާރިއަކަށް ބަދަލުވެ ރުޤްޔާއަކީ މާކެޓްކޮށްގެން ހިންގޭ ވިޔަފާރިއަކަށް ވެގެންދިއުމުން ނުކުމެ ނުދާނެ ވަރަށް ގިނަ ނޭދެވޭ ކަންކަން ދަނީ ފެންމަތިވަމުން އޭގެ ގެއްލުން އިންތިހާއަށް ލިބެމުންނެވެ.

ޝަރުޢީގޮތުން ބަލާއިރު ސިހުރަކީ ހަގީގަތެކެވެ. ސިހުރަކީ ޖެހޭ އެއްޗެކެވެ. އަދި ޝަރުޢީ ރުޤްޔާކޮށްގެން ސިހުރުން ސަލާމަތްވެވެއެވެ. އަދި ފަރުޟު ނަމާދުތަކާއި އިސްލާމްދީންގެ އެހެނިހެން ރުކުންތައް ބަރާބަރަށް އަދާކޮށް، ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވާނަމަ، ސިހުރުން ދުރާލާ ރައްކާތެރިވެވޭކަމީ ވެސް އެނގެން އޮތް ހަގީގަތެކެވެ.

ދީނީ ކަންކަމުގެ ތެރެއިން އެހެން ކޮންމެ ކަމަކަށް ވަކި އުޖޫރައެއް ނެގުމާއި ރުޤްޔާގެ ދާއިރާގައި އުޖޫރަ ނެގުން މިއީ ވަރަށް ތަފާތުވެގެންވާ ދެކަމެކެވެ. އެއްގޮތަކަށް ވެސް އެއީ ހުއްދަ ނޫންކަމެއްގެ ގޮތުގައި ބުނަނީކީ ނޫނެވެ. މިދެންނެވި ތަފާތު ބަޔާންކޮށްލުމަށް މިސާލެއް ގެންނާނަމެވެ. ޤުރުއާން ކިޔެވުމާއި އުގެނުމާއި އުގަންނައިދިނުމަކީ ވެސް އަޅު ކަމެކެވެ. އަދި ބަންގިގޮވުމާއި އިމާމްކަން ކުރުމަކީ ވެސް އަޅުކަމެކެވެ. އަދި މިކަންކަން އަދާކުރާ މީހުން އެކަމަށް ހުސްވެތިބޭ ކަމަށްޓަކައި އެމީހުންނަށް ކަނޑައެޅިފައި އޮންނަ އުޖޫރައެއް އޮތުން އިލްމުވެރިން ހުއްދަކުރެއެވެ.

އުޖޫރަ ނަގައިގެން ވެސް ކުއްޖަކަށް ނުވަތަ މީހަކަށް ޤުރުއާން އުގަންނައިދެނީ ރަނގަޅަށްކަން ނުވަތަ ނުރަނގަޅަށްކަން ދެނެގަތުމަކީ ދާދި ފަސޭހަ ކަމެކެވެ. އުޖޫރައެއް ނެގިޔަސް، ބަންގި ގޮވާ އިމާމްކަން ކުރާ މީހާގައި އެކަމުގެ ގާބިލިއްޔަތުކަމާއި މޮޅު ދެރަކަން ހުންނަ ވަރު ވަޒަންކުރުމަކީ ނަމާދަށް އަރާ އުޅޭ މީހުންނަށް ފަސޭހަ ކަމެކެވެ. އަދި ކަމުގެ އިލްމުހުރި އެހެން މީހުންގެ ކޮމެންޓްތަކަށް ބަލައިގެންވެސް އެކަން ދެނެގަނެވެއެވެ. އެހެންކަމާއެކު އެބާވަތުގެ އަޅުކަންކަމުގައި ވަކި އުޖޫރައެއް ބޭފުޅަކު ނެންގެވިޔަސް އެއިން ނުކުންނަ ނުރަނގަޅު ނަތީޖާއެއް ނޯވެއެވެ. އޮތަސް އެކަމެއް އޮންނާނީ އުޖޫރަ ނަގާ މީހާގެ ނިޔަތާ ހަމައިގައި ހުއްޓިފައެވެ. އެހެންވިޔަސް އެކަންކަމަށް އުޖޫރަ ނެގޭގޮތަށް އޮތުމުން އިލްމު ފެތުރުމަށް އެކަމުން ލިބެނީ އިތުރު ބާރާއި ކުރިއެރުމެވެ.

ރުޤްޔާކުރުމުގެ ކަންތައް ހިނގާ ގޮތް ވަރަށް ތަފާތެވެ. އެއްކަމަކީ ރުޤްޔާކުރުން ވެފައި އޮންނަނީ ވަރަށް ޕާސަނަލްކަމަށެވެ. އެހެންކަމާއެކު ފަރުވާދެވޭ މީހާއަށް އޭނާގެ ޕްރައިވެސީ މުހިންމުވާކަމަށްޓަކައި އަދި އޭނާގެ އާއިލާއަށްވެސް އެޔަށްވުރެ މުހިންމު އެހެން ކަމެއް ނޯންނަކަމަށްޓަކައި މިކަމެއް ހިނގަނީ އާދަޔާ ހިލާފަށް ސިއްރިއްޔާތުގަ އެވެ. ގިނަ ފަހަރަށް ރުޤްޔާކުރަން މީހަކު ގެންނައިރު، އެކަން ކުރާ ކަމާއި، އެކަން ކުރަން ގެންނަ މީހެއް ވެސް ސިއްރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިހެންކަމާއެކު ރުޤްޔާކުރާ މީހާއަކީ ނިޔަތް ރަނގަޅު މީހަކަށް ނުވާނަމަ، ފަސާދައިގެ ދޮރުތައް އޭނާގެ ކުރިމަތީގައި ހުޅުވިގެންދަނީ ތަންމިނަށް އިމެއް ނެތި އެވެ.

އަދި މީގެ އިތުރުން ޤުރުއާން އުގަންނައިދިނުމާއި އިމާމްކަން ފަދަ ކަންކަމަކީ ސަރުކާރުން ވަކި އިންތިޒާމެއްގެ ތެރެއިން ވަރަށް ބޮޑަށް ބަލަހައްޓަމުންދާ ކަމެކެވެ. ނަމަވެސް ރުޤްޔާކުރުން ރާއްޖޭގައި އާންމުވެ، އޭގެ ތެރެއިން ބައެއް މީހުން ކަނޑައެޅިގެން އިސްލާމްދީނާ ހިލާފު އަމަލުތައް ގެނެސްގަތުން އާންމުވެފައިވާއިރު، ސަރުކާރުން އެކަމުގެ ތެރެއަށް ވަންނަންޖެހޭ ވަރާ ގާތަށް ވެސް އަދި މިހާތަނަށް ވަދެފައިނުވާކަމުގައި ދަންނަވަންޖެހެ އެވެ.

ހަމަ އެކަނި އެންމެ ފިތުނަޔެއްގެ ވާހަކަ ދަންނަވަންތޯއެވެ! ރުޤްޔާކުރަން އައި މީހާ ބުނާ ގޮތުން ބަލިމީހާއަށް ޖެހިފައިވަނީ ސިހުރެވެ. އަދި އޭނާއަށް ސިހުރު ހެދީ އެވެނި މީހެކެވެ. މީހާ ވެސް ދެނަގަތީ އެވެ. ނުވަތަ ބަލިމީހާގެ ހަށިގަނޑުގެ ތެރެއިން ޖިންނި ވާހަކަދައްކާކަމުގައި ބުނެ، އަދި ބަލިމީހާގެ އަނގައިން އޭނާއަށް ސިހުރު ހެދީ މިވެނި މީހާކަމަށް ބުނަނީއެވެ. ހަގީގަތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަވަލާފައިހުރި ޖިންނިއަކީ ކާފަރު ޖިންނިއެއްކަމަށް ނޫނީ ނުވާނެއެވެ. އެފަދަ ކާފަރު ޖިންނިއަކު އޭނާއާ ދެކޮޅަށް ރާޤީއަކު ކުރާ ހަނގުރާމައިގައި ތެދު ބަހުން ވާހަކަދައްކަންޖެހޭ ސަބަބެއް އޮވޭތޯ އެވެ؟

ސިހުރު ހެދީ މިވެނި މީހެއްކަމަށް ބުނުމާއި، އަދި އެއީ މިވެނި މީހެއްކަމަށް ގަބޫލުކުރުމުން، އާއިލާތަކުގެ މެދުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދިފައި އެބަހުއްޓެވެ. ދެކޮޅުވެރިކަމާއި ހަސަދަވެރިކަން އުފެދިފައި އެބަހުއްޓެވެ. ކުރިން އޮތް އާއިލީ ހަމަނުޖެހުން އިތުރަށް ފުޅާވެފައި އެބަހުއްޓެވެ. ކިއެއްތަ؟ ތޫނު ހަތިޔާރާއެކު ހިނގާފައިވާ މާރާމާރީތައް ވެސް މަދެއް ނޫނެވެ. މީހުން މަރައިފައިވެސް އެބަހުއްޓެވެ. އާދޭހެވެ! ސިހުރުވެރިޔާގެ އަދަބަކީ ޤަތުލުކުރުންކަމަށް ވަރަށް ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެކަމަކު އެއީ ތަހުގީގަށްފަހު ދައުލަތުގެ ފަރާތުން ކުރާން އޮތް ކަމެކެވެ. އެކަމާ އިންކާރުކުރަނީކީ ނޫނެވެ.

ސިހުރު ހެދި މީހާ އެނގޭކަމަށް ދައުވާކުރުމާއި ގަބޫލުކުރުން ހިމެނެނީ ޣައިބުގެ އިލްމު އެނގޭކަމަށް ދައުވާކުރުމުގެ ތެރެއިންނެވެ. އަންނަމްލު ސޫރަތުގެ 65 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާކަމެއް ނޭނގޭނެއެވެ." އަލްއަންޢާމް ސޫރަތުގެ 57 ވަނަ އާޔަތް ނިމޭ ޖުމުލައާއި 58 ވަނަ އާޔަތް ފެށޭ ޖުމުލަ ވެސް ބައްލަވާށެވެ. "...އަނިޔާވެރިން ދެނެވޮޑިގަތުންބޮޑީ ﷲ އެވެ. އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ހަޒުރަތުގައެވެ..." އަދި އަލްޖިންނު ސޫރަތުގެ 26 އަދި 27 ވަނަ އާޔަތްވެސްމެއެވެ. " ޣައިބު ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ޣައިބު، އެއްވެސް މީހަކަށް ފާޅެއްނުކުރައްވައެވެ. އެކަލާނގެ ރުހިވޮޑިގެންވާ ރަސޫލަކަށް މެނުވީއެވެ.."

އަލްއަޢުރާފް ސޫރަތުގެ 188 އަށްވަނަ އާޔަތުގައި މާތް ﷲ އެކަލާނގެ ނަބިއްޔާއަށް އަމުރުކުރައްވަނީ ވެސް މިފަދައިންނެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ ނަފުސަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް މިލްކުވެގެނެއް ނުވެއެވެ. އަދި ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ ހަބަރު ދެއްވާ ބޭކަލަކު ކަމުގައްޔާއި، އީމާންވާ ބަޔަކަށް އުފާވެރިކަމުގެ ހަބަރު ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ."

އަޅުގަނޑު ވެސް އެއްބަހެވެ. މީހަކު ސިހުރުހަދާނަމަ، އެކަން ބަލައި، ތަޙްޤީޤުކޮށް އެމީހަކަށް އަދަބުދޭންވީ އެވެ. އެކަމަކު ޣައިބުގެ ތެރޭގައި ފޮރުވިފައިވާ ކަންކަމުގެ މައްޗަށް ބަސްކިޔައި، އެގޮތުން ކިޔޭ ބަސްތަކަށް ހިތްވަރުލައި، މުޖުތަމައުގައި ފިތުނަ ފަސާދައުފެއްދުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި އެއީ ވެސް ތަޙްޤީޤުކޮށް ބަލައި ފިޔަވަޅުއެޅެންޖެހޭ ކަންކަމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox