ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރ. އަތޮޅު ޗެމްޕިއަންކަން އަލިފުށި ބަލިކޮށް ދުވާފަރުން ހޯދިއިރު, ބ. އަތޮޅުގެ ފުރަތަމަ މެޗު އޭދަފުށިން ކާމިޔާބު ކޮށްފި އެވެ.
ރ. އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ހޯދި މިއީ ތިން ވަނަ ފަހަރެވެ. މީގެ ކުރިން 2016 އަދި 2022 ވަނަ އަހަރު ދުވާފަރުން ވަނީ މި މުބާރާތުގެ ރ. އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ.
ރޭ ކުޅުނު ފައިނަލް މެޗު ދުވާފަރުން ކާމިޔާބުކުރީ އަލިފުށީގެ މައްޗަށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ދުވާފަރުން ވަނީ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި މުސްލިމް މުހައްމަދެވެ. އެކަމަކު ފުރަތަމަ ހާފުގައި ދުވާފަރަށް އިތުރު ގޯލެއް ޖެހޭ ގޮތް ނުވި އެވެ. ދެވަނަ ހާފުގެ 15 ވަނަ މިނެޓުގައި ދުވާފަރުން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު ވެސް އެ ޓީމަށް ޖަހާދިނީ މުސްލިމް އެވެ. ދުވާފަރުގެ ފަހު ލަނޑު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެ ޓީމަށް ޖަހާދިނީ އިސްމާއިލް އީސަ (މެސީ) އެވެ.
ރ. އަތޮޅުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ މެސީ އެވެ. އަދި އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުސްލިމް އެވެ.
ރ. އަތޮޅުގެ ފައިނަލުގެ އިތުރުން ރޭ ވަނީ ހދ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ވެސް ކުޅެފަ އެވެ. ހދ. ނޭކުރެންދޫ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫ އިން ވަނީ މި ފަހަރުުގެ މުބާރާތުގެ ފައިނަލުން ވެސް ޖާގަ ހޯދާފަ އެވެ. ނޭކުރެންދޫގެ މައްޗަށް ނައިވާދޫން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނައިވާދޫގެ އަހުމަދު ހަމީދު ދެ ގޯލު ޖެހިއިރު, ކެޕްޓަން ޔާމިން މުހައްމަދާއި އަބްދުالله ވިސާމް ގޯލެއް ޖެހި އެވެ. ނޭކުރެންދޫގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ.
ހދ. އަތޮޅުގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ ނޮޅިވަރަންފަރުގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާ ނޮޅިވަރަމުންނެވެ. މި މެޗުގެ ފަސްވަނަ މިނެޓުގައި ނޮޅިވަރަމަށް ލީޑު ނަގާދިނީ ކެޕްޓަން އަމްދާން އަލީ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ނޮޅިވަރަންފަރުގެ މުހައްމަދު އަހުސަން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ރިޝްވާން އިބްރާހީމް ގޯލު ޖަހާ އަލުން ނޮޅިވަރަމަށް ލީޑު ނަގާދިނެވެ. އަދި ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ނޮޅިވަރަމުގެ ސާލިމް މުހައްމަދު ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. ނޮޅިވަރަމުގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އިބްރާހީމް އެވެ.
މީގެ އިތުރުން ރޭ ވަނީ ސ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. ހިތަދޫން އެ އަތޮޅު މަރަދޫގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު ހިތަދޫ އިން ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް ސ. އަތޮޅުގެ ފައިނަލުން ޖާގަ ހޯދާފަ އެވެ. މި މެޗުގައި ހިތަދޫގެ ކެޕްޓަން ހާޒިމް ފައުޒީ ދެ ގޯލު ޖެހިއިރު, އެޓީމުގެ ތިންވަނަ ގޯލު ޖަހާދިނީ މުހައްމަދު ރަފާހު އަބްދުالله އެވެ. މި މެޗުގައި މަރަދޫ އިން ޖެހި ދެ ގޯލުވެސް އެ ޓީމަށް ޖަހާދިނީ ހުސެއިން އައިކް އެވެ.
ސ. މަރަދޫފޭދޫ އާއި ފޭދޫ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފޭދޫ އެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ފޭދޫން ގޯލު ޖަހާ ލީޑު ނެގި އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ހުސެއިން ލައުހް އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫގެ އަލީ ނާފިއު ވަނީ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މަރަދޫފޭދޫގެ ހުސެއިން ޒައިދާން މުހައްމަދު އަލީ ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އަދި އޭގެ ހަތްމިނެޓު ފަހުން މަރަދޫފޭދޫގެ އިބްރާހީމް އާލިފް ރާޝިދު ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ފޭދޫގެ އަހުމަދު ބަލްސަމް އަލީ ގޯލު ޖަހާ އަލުން އެ ޓީމަށް ލީޑު ނަގައިދިނެވެ.
ރޭގެ މެޗު ކާމިޔާބުކޮށް ނ. މާފަރުން ވަނީ އެ އަތޮޅު ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި ފައިނަލުން ޖާގަ ހޯދާފަ އެވެ. މާފަރުން ރޭ ނ. ވެލިދޫގެ މައްޗަށް ކުރިހޯދީ 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި މާފަރުގެ އަފްރާހް މުހައްމަދު, އައްޒާމް އަބްދުالله އަދި ޝާމިލް އަބްދުލް ރަޝީދު, މި އިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. އަދި އެ ޓީމުން ދެން ޖެހި ގޯލު ޖަހާދިނީ އިރުޝާދް އަދުނާން އެވެ. މި މެޗުގައި ވެލިދޫ އިން ޖެހި ދެ ގޯލު ވެސް އެ ޓީމަށް ޖަހާދިނީ އިބްރާހީމް ޒިޔާން އެވެ.
ނ. އަތޮޅުގެ ދެވަނަ ޓީމުގެ ގޮތުގައި ކެނދިކުޅުދޫ އިން ފައިނަލުގެ ޖާގަ ހޯދީ ރޭ ނ. ހޮޅުދޫ 1-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖަހާދިނީ މުހައްމަދު އައްޒާމް އެވެ.
ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާއި, ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކާއެކު މި މުބާރާތައް ނުކުތް ބ. އޭދަފުށިން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ބ. ކެންދޫގެ މައްޗަށް ކުރި ހޯދީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އޭދަފުށީގެ ގޯލުތައް ޖަހާދިނީ އަލީ ފާސިރު (ސެންޓޭ), އިޝާން އިބްރާހީމް (ސައްޓު), ހަމްޒާ މުހައްމަދު (ހަމްޕު) އަދި ހައިޝަމް ހަސަން (ބިޑި) އެވެ. އޭދަފުށިން ޖެހި އަނެއް ގޯލަކީ ކެންދޫގެ ކެޕްޓަން މުހައްމަދު ޝިމާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި މުބާރާތުގައި މާދަމާ 12 މެޗު ކުޅޭނެ އެވެ. އެއީ ހަވީރު ހަތަރު މެޗު އަދި ރޭގަނޑު އަށް މެޗެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅޭ މެޗުތައް:
- ކ. ގާފަރު - ކ. ކާށިދޫ : 16:00 (ގްރައުންޑް 1)
- ކ. ހުރާ - ކ. ހިތްމަފުށި : 16:00 (ގްރައުންޑް 2)
- ކ. ގުޅި - ކ. ދިއްފުށި : 17:00 (ގްރައުންޑް 1)
ކ. ގުރައިދޫ - ކ. މާފުށި :17:00 (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
- މ. މުލައް - މ. މަޑުއްވަރި : 20:00 (ގްރައުންޑް 1)
- މ. ރަތްމަންދޫ - މ. ވޭވަށް : 20:00 (ގްރައުންޑް 2)
- މ. ނާލާފުށި - މ. ދިއްގަރު : 21:00 (ގްރައުންޑް 1)
- މ. ކޮޅުފުށި - މ. މުލި : 21:00 (ގްރައުންޑް 2)
- ގއ. ގެމަނަފުށި - ގއ. މާމެންދޫ : 22:00 (ގްރައުންޑް 1)
- ގއ. ނިލަންދޫ - ގއ. ކޮނޑޭ : 22:00 (ގްރައުންޑް 2)
- ގއ. ވިލިނގިލި - ގއ. ދެއްވަދޫ : 23:00 (ގްރައުންޑް 1)
- ގއ. ކޮލަމާފުށި - ގއ. ކަނޑުހުޅުދޫ : 23:00 (ގްރައުންޑް 2)













