ފައިސާގެ މުއާމަލާތް ހިންގާ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްގެ އިތުރު 2،500 މުވައްޒަފުން ވަޒީފާއިން ވަކިކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ޕޭޕަލްގެ ސީއީއޯ އެލެކްސް ކްރިސް ވިދާޅުވީ ކުންފުންޏަށް ބޭނުންވާ ވަރަށްވުރެ ގިނައިން ތިބި މުވައްޒަފުން ވަކިކުރުމަށް ނިންމާފައިވާ ކަމަށާއި، މިގޮތުން މި ހަފުތާ ނިމުމުގެ ކުރިން 2،500 މުވައްޒަފުންނަށް (ކުންފުނީގެ 9 ޕަސެންޓު މުވައްޒަފުން) ވަކިކުރިކަން އަންގާނެ ކަމަށެވެ.
ޕޭޕަލްއަށް ދިމާވަމުން އަންނަ މާލީ ދަތިކަމުން އަރައިގަތުމަށް މިދިޔަ އަހަރު އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ކްރިސް ގެނެސްފައިވީ ނަމަވެސް، ފާއިތުވީ އަހަރެއް ތެރޭގައި ކުންފުނީގެ ޝެއާ އަގު ވަނީ 20 ޕަސެންޓު ދަށްވެފަ އެވެ.
ޕޭޕަލް އިން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 2،000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އެއީ ކުންފުނީގެ މުވައްޒަފުންގެ 7 ޕަސެންޓެވެ.
ޓެކް ދާއިރާގެ ގިނަ ވަޒީފާތައް ފާއިތުވި އަހަރުތަކުގައި ގެއްލެމުން ދާއިރު، މިދިޔަ އަހަރު އެކަނިވެސް އެ ދާއިރާގެ 260،000 އަށްވުރެ ގިނަ ވަޒީފާ ވަނީ ގެއްލިފަ އެވެ.
މިދިޔަ މަހު މެޓަ، މައިކްރޮސޮފްޓް، ގޫގުލް، ޓިކްޓޮކް އަދި އެމަޒަން ހިމެނޭ ގޮތަށް 100 ޓެކް ފާމަކުން ވަނީ 25،000 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
ޓެކް ދާއިރާގެ ވަޒީފާތައް ގެއްލެމުންދާތީ ދާއިރާގެ މުވައްޒަފުންތައް އަންނަނީ އެކަމާ ދެކޮޅަށް ތެދުވަމުންނެވެ.







