ލިވަޕޫލް (ފެބްރުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން 4-1 އިން ޗެލްސީ ބަލިކޮށް އެއް ވަނައިގައި ލީޑުދެމެހެއްޓިއިރު، ބާންލީ އަތުން 3-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީ އަލުން ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 22 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 21 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އާސެނަލުން ވަނީ 22 މެޗުން 46 ޕޮއިންޓް ހޯދައިފަ އެވެ. މިރޭ ފަހަތުން އަރައި، 3-2 އިން ބްރެންޓްފޯޑް ބަލިކުރި ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ހަތަރު ވަނަ އަށް އަރައިފަ އެވެ. ޓޮޓެންހަމް އަށް ވަނީ ފަސް ވަނައިގައި އޮތް އެސްޓަން ވިލާއާ އެއްވަރަށް 22 މެޗުން 43 ޕޮއިންޓް ލިބިފަ އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ، 23 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ޖެހި ގޯލުންނެވެ. އޭގެ ކުރިން ޗެލްސީގެ ކޮނާ ގެލަގާ އަށް ފައުލު ކުރި ކަމަށް ބުނެ، ޗެލްސީން ޕެނަލްޓީ އަކަށް އެޕީލެއް ކުރި ނަމަވެސް ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ. މެޗުގެ 39 ވަނަ މިނިޓްގައި ލިވަޕޫލުން ލީޑުފުޅާކުރީ 20 އަހަރުގެ ފުލްބެކް، ކޮނާ ބްރެޑްލީ ޖެހި ގޯލުންނެވެ. މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ތިން ވަނަ ގޯލެއް ޖަހައިދޭން ލިބުނު ޕެނަލްޓީ އަކުން ޑާވިން ނޫނޭޒް ޖެހި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އޭގެ އިތުރުން ވެސް ފުރަތަމަ ހާފުގައި ނޫނޭޒް ޖެހި ދެ ޝޮޓެއް ވަނީ ދަނޑީގައި ޖެހިފަ އެެވެ.
ބަދަލުތަކާ އެކު ނުކުމެ ދެ ވަނަ ހާފުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން މެޗުގެ 71 ވަަނަ މިނިޓްގައި ޗެލްސީގެ ކްރިސްޓޮފާ އެންކުންކޫ ގޯލެއް ޖަހައި އުންމީދެއް ހޯދައިދިނެވެ. އޭގެ އިރުކޮޅެއް ފަހުން، އެންކުންކޫ އަށް ފައުލެއް ކުރި ކަމަށް ބުނެ، ޗެލްސީން ޕެނަލްޓީއެއް ހޯދަން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ.
ލިވަޕޫލުން ތިން ޕޮއިންޓް ކަށަވަރުކުރީ 79 ވަނަ މިނިޓްގައި ނޫނޭޒް ދިން ބޯޅައަކުން ލުއިސް ޑިއާޒް ޖެހި ލަނޑުންނެވެ. މި ހާފުގައި ނޫނޭޒް ބޮލުން ފޮނުވާލި ބޯޅައެއް ވެސް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.
ސިޓީގެ އާޖެންޓީނާ ފޯވާޑް، ޖޫލިއަން އަލްވަރޭޒް ވަނީ އޭނާގެ 24 ވަނަ އުފަން ދުވަހު، ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ. ސިޓީގެ އަނެއް ލަނޑު ޖެހީ ރޮޑްރީ އެވެ. ބާންލީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އަމީން އަލް-ދާހިލް އެވެ.
ޓޮޓެންހަމް ދަނޑުގައި ބްރެންޓްފޯޑުން ފުރަތަމަ ހާފު ނިންމާލީ ނީލް މޯޕޭ ޖެހި ގޯލުން އެއް ލަނޑުގެ ލީޑަކާ އެކު އެވެ. ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ޓޮޓެންހަމް އިން ތިން ލަނޑު ޖެހި އެވެ. މި ލަނޑުތައް ޖެހީ ޑެސްޓިނީ އުޑޯގީ އާއި ބްރެނަން ޖޯންސަން އަދި ރިޗާލިސަން އެވެ. ބްރެންޓްފޯޑަށް އައިވާން ޓޯނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިދިންއިރު، އެއްވަރުކުރަން ބަޕްޓީސްޓަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.












