ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މިއަދު ދިން ހަމަލާ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް، އެދެވޭ މުއްދަތެއްގެ ތެރޭގައި ތަހުގީގު ނިންމާކަން ކަށަވަރު ކުރަން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ހުށަހަޅައިފި އެވެ.
މަރުތޭލަކުން ޝަމީމްގެ މުލައްދަނޑިއަށް ދީފައިވާ ހަމަލާގެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވަން ހުށަހެޅުއްވީ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
އެގޮތުން އޭނާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ޝަމީމަށް ދިން ހަމަލާ މޯލްޑިވްސް ޕޮލިސް ސާވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅައި ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.
މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭނާއަށް އޭޑީކޭގައި ފަރުވާ ދީފައިވެ އެވެ.
ޕީޖީ އޮފީހުގެ "ހަބަރުފީތާ" ވެބްޕޭޖުގައި ޝާއިއުކޮށްފައިވާ ގޮތުގައި ޝަމީމަށް މާލޭގެ މަގުމަތީގައި ހުންނަވަނިކޮށް ހަމަލާ ދިނީ ސައިކަލެއް އައި ދެ މީހަކު ވެގެންނެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވެ އެވެ.

މި ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ ޕީީޖީގެ ސެކުއިރިޓީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
ޝަމީމަށް ހަމަލާދިން މައްސަލަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ކުށްވެރިކޮށްފައިވެ އެވެ. މިހާތަނަށް ސަރުކާރުން މިކަމާ ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ.












