މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި އއ. އަތޮޅު ފައިނަލުގައި މި އަހަރު ވެސް މަތިވެރި އާއި ބޮޑުފޮޅުދޫ ވާދަކުރަން ޖެހިއްޖެ އެވެ.
އއ. އަތޮޅު ފައިނަލުގައި މިދިޔަ ދެ އަހަރު ވެސް ވާދަކޮށްފައި ވަނީ ބޮޑުފޮޅުދޫ އާއި މަތިވެރި އެވެ. އެ އަތޮޅުގެ އެންމެ ވާދަވެރި ދެ ޓީމު މި އަހަރުގެ ފައިނަލުގައި ވެސް ވާދަކުރަން ޖެހުނުއިރު, އެ އަތޮޅުގެ އަތޮޅު ބުރުގައި މި ދެ ޓީމުގެ މި އަހަރުގެ ކުރިމަތިލުން ބޮޑުފޮޅުދޫ އިން ވަނީ ކާމިޔާބު ކޮށްފަ އެވެ.
އއ. އަތޮޅުގެ މެޗުތައް ލީގު އުސޫލުން ކުރިއަށްދިޔައިރު, ބޮޑުފޮޅުދޫ އިން ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކުރި އެވެ. ރޭ އެ ޓީމު ކުޅުނު މެޗު ކާމިޔާބު ކުރީ އއ. ފެރިދޫގެ މައްޗަށް 4-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ބޮޑުފޮޅަދޫގެ މުހައްމަދު ޝިރުޚާން ދެ ގޯލު ޖެހިއިރު, ޒީދާން އަލީ އަދި ހުސެއިން ޒަޔާން ހަސަން, މިއިން ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި އެވެ. މި މެޗުގައި ފެރިދޫ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ހުސެއިން ސާމިހް އެވެ.
އއ. އަތޮޅުގެ އަތޮޅު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައި މަތިވެރިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ތޮއްޑޫގެ މައްޗަށް 6-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގައި މަތިވެރީގެ މުހައްމަދު ޝަފްރާޒް, އަލީ އަލްސަން އަދި އަހުމަދު ފިރާޝް (ކަހޫ) މި އިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ތޮއްޑޫގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ އަލީ އިޒްމީލް އަހުމަދު އާއި ހުޒާމް ހަމީދެވެ.
އއ. އަތޮޅުގެ އިތުރުން މިރޭ ވަނީ ތ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. ތ. ބުރުނީގެ މައްޗަށް އެ އަތޮޅު އޮމަދޫ އިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތިން ވަނަ މިނެޓުގައި އޮމަދޫ އިން ގޯލު ޖަހާ ލީޑު ނެގީ ހަސަން ކިއާން ސިނާން ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗުގެ 12 ވަނަ މިނެޓުގައި އޮމަދޫގެ މުހައްމަދު އުނޭޝް ގޯލު ޖަހާ ލީޑު ފުޅާކޮށްދިނެވެ. ބުރުނީގެ ހަމައެކަނި ގޯލު މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖަހާދިނީ މުހައްމަދު ނާހިލް ނޫހު އެވެ.

ހިރިލަންދޫ ޓީމުގެ މުފީދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ގޯލްޑަން ފުޓްސަލް ޗެލެންޖް
ތ. ހިރިލަންދޫ އާއި މަޑިފުށީގެ ކުރިމަތިލުން އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 13 ވަނަ މިިނެޓުގައި ހިރިލަންދޫ އަށް ލީޑު ނަގާދިނީ މުހައްމަދު ރިފްޝާން އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން މަޑިފުށީގެ ކެޕްޓަން އާދަމް އަފީފް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި މެޗުގެ ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި އަފީފް ވަނީ އިތުރު ގޯލެއް ޖަހާ މަޑިފުއްޓަށް ލީޑު ނަގާދީފަ އެވެ. އެކަމަކު، މެޗު ނިމެން ސިކުންތު ކޮޅަކަށް ވެފައި ހުއްޓައި ހިރިލަންދޫގެ އަހުމަދު މުފީދު ހިތްގައިމު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.
ތ. ކިނބިދޫ އިން އެ އަތޮޅު ގާދިއްފުށީގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ކިނބިދޫގެ އިބްރާހީމް އިމްރާހް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އެ ޓީމުގެ އަނެއް ގޯލު ޖަހާދިނީ އަހުމަދު ހަމްދާން ހުސެއިން އެވެ.
ތ. އަތޮޅުގެ ފަހު މެޗުގައި ވާދަކުރީ ގުރައިދޫ އާއި ވޭމަންޑޫ އެވެ. މި މެޗު ވޭމަންޑޫ އިން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވޭމަންޑޫގެ މޫސާ މުހައްމަދު މަނިކު ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ހަމްދާން އަހުމަދު ވަނީ ގޯލެއް ޖަހައިފަ އެވެ. ވޭމަންޑޫގެ އަނެއް ގޯލަކީ ގުރައިދޫގެ މުހައްމަދު އައްޒާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ގުރައިދޫ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަބްދުالله ޔާމީން އެވެ.
ރޭ ނ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށްދިޔަ އެވެ. އެގޮތުން ނ. އަތޮޅު ކެނދިކުޅުދޫގެ މައްޗަށް ނ. މިލަންދޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ލީޑު މިލަންދޫ އިން ނެގީ 18 ވަނަ މިނެޓުގައި ހުސެއިން ޝާފީ ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފުގެ 12 ވަނަ މިނެޓުގައި މިލަންދޫ އިން އެ ޓީމުގެ ލީޑު ފުޅާކުރީ ހުސެއިން ސައިފް މޫސާ އެވެ. މިލަންދޫގެ ފަހު ލަނޑު އެ ޓީމަށް ޖަހާދިނީ މުހައްމަދު ނާޖިހު އެވެ.
ނ. ހޮޅުދޫގެ މައްޗަށް އެ އަތޮޅު މާފަރުން ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާފަރުގެ އަފްރާހް މުހައްމަދު އަދި އައްޒާމް އަބްދުالله ދެ ގޯލު ޖެހި އެވެ. މީގެ އިތުރުން އިރުޝާދް އަދްނާން ގޯލެއް ޖެހި އެވެ. ހޮޅުދޫގެ ގޯލުތައް ޖެހީ އިބްރާހީމް ރަޝީދު އަބޫބަކުރުގެ އިތުރުން އިބްރާހީމް އަފްލާހް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް އަށް މެޗު ވެސް ކުޅޭނެ އެވެ. އެއީ ށ. އަތޮޅުގެ މެޗުތަކާއި, އދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ލ. އަތޮޅުގެ މެޗުތަކެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
ށ. ކަނޑިތީމު - ށ. ޅައިމަގު : 20:00 (ގްރައުންޑް 1)
ށ. ފޭދޫ - ށ. ފޯކައިދޫ : 20:00 (ގްރައުންޑް 2)
އދ. މާމިގިލި - އދ. މަންދޫ : 21:00 (ގްރައުންޑް 1)
އދ. މަހިބަދޫ - އދ. ދަނގެތި : 21:00 (ގްރައުންޑް 2)
ލ. މާބައިދޫ - ލ. ގަން : 22:00 (ގްރައުންޑް 1)
ލ. ކަލައިދޫ - ލ. ދަނބިދޫ : 22:00 (ގްރައުންޑް 2)
ލ. އިސްދޫ - ލ. ހިތަދޫ : 23:00 (ގްރައުންޑް 1)
ލ. މުންޑޫ - ލ. މާމެންދޫ : 23:00 (ގްރައުންޑް 2)













