ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ރ. އަތޮޅު ސެމީ ފައިނަލުގައި އިނގުރައިދޫ ބަލިކޮށް އަލިފުށިން ފައިނަލުގެ ޖާގަ ހޯދިއިރު، ހުޅުދުއްފާރު އަތުން ފަސޭހަ މޮޅެއް ހޯދާ އެ އަތޮޅު ފައިނަލަށް ދުވާފަރު ވެސް ދަތުރު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި މިއަދު ހަވީރު ރ. އަތޮޅު ސެމީ ފައިނަލުގެ މެޗުތައް ކުރިއަށް ދިޔައިރު، އަލިފުށިން އިން އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން އިނގުރައިދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފު ގޯލެއް ނުފެނުނު ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އިނގުރައިދޫގެ މުހައްމަދު މަމްދޫހް ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިނެވެ.
އެކަމަކު، އޭގެ ހަތް މިނެޓު ފަހުން އަލިފުށީގެ އަބްދުލް ސަމީއު ހަސަން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ. މި މެޗުން މޮޅުކޮށްދިން ގޯލު އަލިފުއްޓަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމަކުން އަހުމަދު ހުޝާމް އެވެ.

ރ. އިނގުރައިދޫ އާއި އަލިފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ދުވާފަރުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހުޅުދުއްފާރުގެ މައްޗަށް 7-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ދުވާފަރުގެ އިސްމާއިލް އީސަ (މެސީ) އާއި މުހައްމަދު އިޝާމް (ޝަންޓެ) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު، އަހުމަދު އީރާސް ގޯލެއް ޖެހި އެވެ.
މި މެޗުގައި ހުޅުދުއްފާރުން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ހުސެއިން ޝަމްމާޚް އެވެ.

ރ. ދުވާފަރު އާއި ރ. ހުޅުދުއްފާރު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން
މީގެ އިތުރުން މިއަދު ހަވީރު ވަނީ ފ. އަތޮޅުގެ މެޗުތައް ވެސް ކުޅެފަ އެވެ. ފ. ނިލަންދޫގެ މައްޗަށް އެ އަތޮޅު ބިލެއްދޫ އިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ދެ މިނެޓު ފަހުން ނިލަންދޫގެ އަހުމަދު ރިޒްވާން އިސްމާއިލް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ޒީދާން ވަނީ އަލުން ބިލެއްދޫ އަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފު ފަށައިގެން 15 ވަނަ މިނެޓުގައި ބިލެއްދޫގެ ރިމާން އަލީ ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
އެކަމަކު އޭގެ މިނެޓެއް ފަހުން ނިލަންދޫގެ ސައްދާމް ހުސެއިން ވަނީ ލިބުނު ދުރު ޕެނަލްޓީއަކުން ފަރަގު ކުޑަކޮށްދީފަ އެވެ. އޭގެ ދެ މިނެޓު ފަހުން ބިލެއްދޫގެ ޒީދާން ވަނީ އިތުރު ގޯލެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.
ފ. ފިއަލީގެ މައްޗަށް އެ އަތޮޅު ދަރަނބޫދޫ އިން ކުރިހޯދީ 9-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަރަނބޫދޫގެ މުޒްދާން ހަސަން، މަހްފޫޒް އުމެއިރު، މުހައްމަދު ސުލައިމާން، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފަ އެވެ. މީގެ އިތުރުން މުއައްލިމް އުމެއިރު، ސާޖިދު އަހުމަދު އިބްރާހީމް ގޯލެއް ޖެހި އެވެ. ދަރަނބޫދޫގެ ނުވަވަނަ ގޯލަކީ ފީއަލީގެ މުހައްމަދު ސަމީން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ފީއަލިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ ޒިޔާން ހުސެއިން އެވެ.













