ވަޒީރުގެ އެއް ނަމްބަރު އަމާޒަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން

ވަޒީރުގެ އެއް ނަމްބަރު އަމާޒަކީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން

މީގެ ކުރިން ނަމަ، ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ ރިހެބިލިޓޭޝަން ސްޕެޝަލިސްޓް، އަބްދުﷲ ރާފިއު، (ރާއްޕެ) އަށް އޮތީ ކުޅިވަރު އެތުލީޓުންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ އެހީތެރިޔާގެ ދައުރެވެ. ރިކަވާވެގެން ދަނޑުމައްޗާ ހަމައަށް ކުޅުންތެރިޔާ އަންނަން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގައި ރާފިއު ހުންނެވީ މީގެ ކުރިން ނުހަނު ކެރިގެންނެވެ. އެ މަސައްކަތް މި ވަގުތަށް ބަލާއިރު މި އޮތީ މާޒީވެފަ އެވެ.

މި ވަގުތު، ރާއްޖޭގެ، ކުޅިވަރު މިނިސްޓަރަކަށް، ރާފިއު ހުންނެވިއިރު، އޭނާ އަށް އޮތީ މުޅި ކުޅިވަރަށް ދޭން ޖެހޭ ފަރުވާގެ މަސައްކަތެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ކުޅިވަރު ހިނގާނެ "ފިޓް މޮޑެލް" އެއް ގާއިމް ކުރުމުގެ ޒިންމާ އެެވެ. ޒަމާނުއްސުރެ ޝަކުވާ ފުނިޖެހިފައި އޮތް ކުޅިވަރު ވަސީލަތެއް ނެތްކަމުގެ ވާހަކަތަކަށް ނިމުމެއް ގެނައުމުގެ ދާއިމީ ފަރުވާއަކާ ދިމާލަށް މިސްރާބު ޖެހުމަކީ، ރާފިއު އަށް އޮތް ގޮތެވެ.

ދާދިފަހުން، "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ރާފިއު ވެސް ވިދާޅުވީ އެ ވާހަކަ އެވެ. އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭން ޖެހެނީ، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ކަމަށް ރާފިއު އެއްބަސްވެވަޑައިގެންނެވި އެވެ.

އެކަން ނުކުރެވިއްޖެނަމަ، ކުޅިވަރު ދާން ބޭނުންވާ ލެވަލަށް ގެންދިއުމުގައި ހަރުދަނާ އުސޫލެއް ވެސް ނުހެދޭނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

"ކުޅޭނެ ރަނގަޅު ވަސީލަތްތަކެއް ދައްކަން ޖެހޭ ދެއްތޯ؟" ރާފިއު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާ ޑރ. މުހައްމަދު މުއިއްޒު، ނޮވެމްބަރު 17 ވަނަ ދުވަހު، ހަވާލުވެވަޑައިގަތުމަށް ފަހު، ސަރުކާރުގެ ފުރަތަމަ "ހަފްތާ 14" ގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ އަށް ހާއްސަ ދެ ކަމެއް ވަނީ ހިމަނައިފަ އެވެ.

އެއީ، އިންޑޯ ނެޓްބޯޅަ ކޮމްޕްލެކްސް އަކާއި އިންޑޯ ފުޓްސަލް ކޮމްޕްލެކްސްއެއްގެ މަސައްކަތެވެ.

ސަރުކާރުގެ އިސް ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ ފޯރަމް"ގެ ފުރަތަމަ އިވެންޓް، ސަލްޓަން ޕާކުގައި ދާދި ފަހުން ބޭއްވިއިރު، އެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރާފިއު ވިދާޅުވީ އިންޑޯ ދެ ކޮމްޕްލެކްސްގެ ޑިޒައިން ވެސް ނިމިފައިވާ ކަމަށެވެ.

އެ ގޮތުން، އިންޑޯ ނެޓްބޯޅަ ކޮމްޕްލެކްސް އަޅަނީ ހުޅުމާލޭ ފޭސް ވަންގަ އެވެ. އަދި ފުޓްސަލް ކޮމްޕެލްސް އަށް ބިން ހަމަޖެހިފައިވަނީ، ހުޅުމާލެ ފޭސް ދޭއްގަ އެވެ.

"ފެބްރުއަރީ 20 ވަނަ ދުވަހު އަޅުގަނޑުމެން މި ދެ ކޮމްޕްލެކްސްގެ ބިންގާ އަޅަން،" ރާފިއު ވިދާޅުވި އެވެ.

"ހަފްތާ 14"ގައި ހިމެނޭ ކަންތައްތަކަށް އިސްކަންދީގެން ކަންތައްތަކެއް ކުރަމުން އައި ނަމަވެސް އެހެން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަކީ މި ވަގުތު ވެސް ރާފިއު ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރާ ކަމެކެވެ.

އެ ގޮތުން، ރާފިއު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަގުވާމީ ޓެނިސް ފެސިލީޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ސަޕޯޓް މިނިސްޓްރީގެ ފަރާތުން ދެމުން އަންނަ ކަމަށެވެ.

އެ ގޮތުން، ރާއްޖޭގެ ކުޅިވަރަށް އެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވަމުން އަންނަ، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)ގެ ކުރީގެ ރައީސް އަހުމަދު ނަޒީރު، އަމިއްލަ ހަރަދުގައި ހުޅުމާލޭގައި އަޅާ ޓެނިސް ސެންޓަރުގެ ކަންކަން އަވަސްކުރަން ކޮށްދޭން ޖެހޭ ކަންކަން މިނިސްޓްރީން ހާއްސަ ކަމެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ ކަމަށެެވެ.

"އަމިއްލަ ފަރާތަކުން، ކުޅިވަރަށް މިވަރުގެ އިންވެސްޓްމަންޓެއް ކުރާއިރު، އަޅުގަނޑުމެންގެ ޒިންމާއެއް މީތި ކުރިއަށް ގެންދެވޭނެ ހުރިހާ ކަމެއް ފަހިކޮށްދިނުމަކީ،" ރާފިއު ވިދާޅުވި އެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ލެވަލްގެ ސްވިމިން ޕޫލެއް އެޅުމުގެ އަމާޒުގައި މަސައްކަތް ކުރަމުން އަންނަތާ އެތައް ޒަމާނެއްވެއްޖެ އެވެ. ވޭތުވެދިޔަ ސަރުކާރުތަކުން އެކި ލެވަލްގައި އެކި މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެކަމަކު، އެކި ކަންތައްތައް ދިމާވެގެން މަސައްކަތް އޮތީ މަޑުޖެހިފަ އެވެ.

މި ސަރުކާރު އައިއިރު ވެސް ސްވިމިން ޕޫލް އަޅަން ދިން ބިމުގެ މައްސަލައެއް ދިމާވެފައި އޮތުމުން، އޮތީ މަސައްކަތް ނުފެށި އެވެ.

"އެ މައްސަލަ ހައްލުކޮށް، ސްވިމިން ޕޫލް އަޅާ އެ ބިން މިހާރު ސާފުކޮށް، (ސްވިމިން) އެސޯސިއޭޝަނާ ވެސް ހަވާލުކުރެވިފައި ވަނީ. އަޅުުގަނޑަށް މީގެ ކޮށްދެވެން ހުރި ކަމެއް ވިއްޔާ މި ދަނީ، ކޮށްދެމުން، އިންފްރާސްޓްރަކްޗާ ބިލްޑް ނުކޮށެއް، އިންޓަނޭޝަނަލް ލެވަލަކަށް ނުދެވޭނެ،" ރާފިއު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ކުރަން ހުރި މަސައްކަތް ވަރަށް ވެސް ގިނަ އެވެ. އެ ގޮތުން، މި ވަގުތު ހުރި ކުޅިވަރު އިންފްރާސްޓްރަކްޗާތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން، އެތުލީޓުންނަށް މީގެ އެންމެ ރަނގަޅު މަންފާ ކުރާނެ ގޮތަކަށް ކަަަންކަން ބައްޓަން ކުރުން މުހިންމު ކަމަށް ރާފިއު ވިދާޅުވި އެވެ.

މި ފަދަ މަސައްކަތްތައް ވެސް މި ވަގުތު ކުރަމުން އަންނަކަން ފާހަގަކުރައްވައި، ރާފިއު ވިދާޅުވީ، ހުޅުމާލޭ ސިންތެޓިކް ޓްރެކް ކައިރީގައި ވޯމް އަޕް ޓްރެކެއް އެޅޭނެ ގޮތެއް އޮތްތޯ އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ކޮމްޕެޓިޝަން އެއް ބާއްވާއިރު، އެބަ ބޭނުންވޭ ވޯމްއަޕް ޓްރެކެއް ވެސް. އެހެންނޫނީ، މީގެ ކަންކަން އެންމެ ރަނގަޅަށް ހުންނަން ޖެހޭ ގޮތަކަށް ނޫން މި ދަނީ. ވޯމްއަޕް ޓްރެކެއްގެ މަސައްކަތް ކުރެވޭތޯ، އެޗްޑީސީއާ އެކު މި އަންނަނީ މަޝްވަރާ ކުރަމުން، އުންމީދަކީ، އޭގެ ވެސް ހައްލެއް ކައިރި މުސްތަގުބަލެއްގައި ލިބިގެންދިއުން،" ރާފިއު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު، ޗައިނާ އަށް ކުރެއްވި ދަތުރަށް ފަހު، ރާއްޖެ ވަޑައިގެން ވިދާޅުވި އެއް ވާހަކަ އަކީ ކުޅިވަރުގެ ދާއިރާ އިން ރާއްޖެ އަށް ޗައިނާ އިން ގިނަ ކަންތައްތަކެއް ކޮށްދެން އެއްބަސްވެފައިވާ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އެ ގޮތުން، ކުޅިވަރު އެސޯސިއޭޝަންތަކާއި، އިންޑިވިޖުއަލް އެތުލީޓުންނާއި ޓީމުތަކަށް ވެސް އެކި ކަހަލަ ފުރުސަތު އޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، ޗައިނާއާ ގުޅިގެން އެކި ކަހަލަ ކަންކަން ކުރެވޭނެ ކަމަށާއި އެތުލީޓުންނާއި އެސޯސިއޭޝަންތަކަށް ސަޕޯޓް ދިނުމުގެ އިތުރުން، މުޅި ރާއްޖެ އަށް ކުޅިވަރުގެ އިކުއިޕްމަންޓް (ސާމާނު) ދިނުމުގައި ވެސް ޗައިނާ އިން އިސް އެހީތެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށެވެ.

"ދެން، އިންފްރާސްޓްރަކްޗާގެ ކަންކަމުގައި ވެސް ޗައިނާއާ އެކު، ޗައިނާގެ ކުންފުނިތަކާ އެކު މަސައްކަތް ކުރެވޭނެ ރަނގަޅު މޮޑެލްތަކެއް މި އަންނަނީ މަޝްވަރާ ކުރަމުން،" ރާފިއު ވިދާޅުވި އެވެ.

ޗައިނާގެ އިތުރުން އިނގިރޭސިވިލާތުން ވެސް ރާއްޖޭގެ ކުޅިވަރަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން، ރާފިއު ވަނީ ދާދި ފަހުން ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. މީގެއިން ކޮންމެ މަޝްވަރާއެއްގައި ވެސް ރާފިއުގެ ހާއްސަ އަމާޒަކީ، ކުޅިވަރު އަނެއް ހަރުފަތަށް ގެންދަން ކުރަން ޖެހޭ މަސައްކަތްތަކަށް ގޮތްތަކެއް ނޫނީ އިތުރު ފުރުސަތުތަކެއް އެކި ގޮތްގޮތުން ހޯދުމެވެ.

އަތޮޅު ތެރޭގައި ހުރި ކުޅިވަރުގެ ވަސީލަތްތަކުގެ ހާލަތު ދެނެގަނެ، އެ ތަންތަން ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ ގޮތުން، ރާފިއު އަންނަނީ، އެކި ރަށްރަށަށް ވަޑައިގެން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރު އާންމުންނަށް ހިއްސާކުރައްވަމުންނެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox