ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުތައް ށ. ކަނޑިތީމުން ފަސޭހަކަމާއެކު, ށ. ފޯކައިދޫ ބަލިކުރިއިރު, ގދ. ތިނަދޫ ބަލިކޮށް ވާދޫ އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި މިއަދު ހަވީރު ކުރިއަށް ދިޔައީ ށ. އަތޮޅުގެ މެޗުތަކުގެ އިތުރުން ގދ. އަތޮޅުގެ މެޗުތަކެވެ.
ފޯކައިދޫގެ މައްޗަށް ކަނޑިތީމުން ކުރިހޯދީ 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ކަނޑިތީމުގެ އިބްރާހީމް ނަދާދް (ކުޑައްޓޭ) ހަ ގޯލު ޖެހިއިރު, އަހުމަދު ޒަމީމް ތިން ގޯލު ޖެހިއެވެ. މީގެ އިތުރުން ރައުލް ނިޔާޒް އާއި މުހައްމަދު ޝާން ގޯލެއް ޖެހި އެވެ. މި މެޗުގައި ފޯކައިދޫ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް މުސީރް އެވެ.

ކަނޑިތީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ށ. ފީވަށް މައްޗަށް އެ އަތޮޅު ޅައިމަގުން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓައް ވެފައިވަނިކޮށް ޅައިމަގަށް ލީޑު ނަގާދިނީ އަބްދުލް ކަރީމް އަހުމަދެވެ. އަދި ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޅައިމަގުގެ ލީޑު ފުޅާކޮށްދިނީ މުހައްމަދު ރިޝްފާން އެވެ. މި މެޗުގައި ޅައިމަގުން ޖެހި ފަހު ގޯލު އެ ޓީމަށް ޖަހާދިނީ އާދަމް ރީހާން އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ގދ. ވާދޫ އިން އެ އަތޮޅު ތިނަދޫގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. ވާދޫގެ ހަމައެކަނި ގޯލު މެޗުގެ ހަތަރުވަނަ މިނެޓުގައި އެޓީމަށް ޖަހާދިނީ ކެޕްޓަން އަޔާޒް އަހުމަދެވެ.
މިއަދު ހަވީރު ކުޅުނު ފަހު މެޗުގައި ގދ. ގައްދޫގެ މައްޗަށް އެ އަތޮޅު ހޯނދެއްދޫ އިން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ދެވަނަ ހާފުގެ 16 ވަނަ މިނެޓުގައި ހޯނދެއްދޫ އަށް ލީޑު ނަގާދިނީ އަހުމަދު ޝާނިއު އަބްދުލް ޣަނީ އެވެ. އަދި އޭގެ މިނެޓެއް ފަހުން މުހައްމަދު އިއުފާފް އަބްދުالله ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްދީފަ އެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ގައްދޫގެ އާލިމް އަބްދުލް އަޒީޒް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.













