ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ރޭ ކުޅުނު މެޗުތަކުން ތ. ތިމަރަފުށި, ތ. ކިނބިދޫ އަދި ނ. ކެނދިކުޅުދޫ އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.
ގޯލްޑަން ފުުޓްސަލް ޗެލެންޖުގައި ރޭ ވެސް އަށް މެޗު ކުޅެފައިވެ އެވެ. އޭގެ ތެރެއިން ތ. އޮމަދޫ އާއި ތ. ވިލުފުށި ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގެ 17 ވަނަ މިނެޓުގައި ސަޕޯޓަރުންގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން މެޗު ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. އެއާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖު ހިންގާ ކޮމެޓީން މި މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު, ތ. ތިމަރަފުށިން އެ އަތޮޅު މަޑިފުށީގެ މައްޗަށް ކުރި ހޯދީ 9-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) އަދި އިބްރާހިމް ހަމްދާން ހެޓްރިކް ހެދިިއިރު, އިބްރާހީމް އަސްވަދު (ގަބޭ) އަހުމަދު ނާސިހް އަދި އިސްމާއިލް މުނީޒް (ޓްރީ) ވަނީ ގޯލެއް ޖަހާފަ އެވެ. މިި މެޗުގައި މަޑިފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަފްޒަލް މުހައްމަދެވެ.
ތ. ކިނބިދޫ އިން އެ އަތޮޅު ބުރުނީގެ މައްޗަށް ކުރިހޯދީ 7-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މުހައްމަދު ޝަޚާއު (ބޭލް) ހެޓްރިކް ހެދިއިރު, މުހައްމަދުު ޝާފިއު ވަނީ ދެ ގޯލު ޖަހާފަ އެވެ. އަދި އަބްދުالله ސާމިހު އާއި އަބްދުالله ޔާމިން މިއިން ކޮންމެ ކުޅުންތެރިއަކު ލަނޑެއް ޖެހި އެވެ. މި މެޗުގައި ބުރުނިން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހާދިނީ މުހައްމަދު ނާހިލް ނޫހު އެވެ.
މި ނަތީޖާތަކާ އެކު، ކިނބިދޫ އާއި ތިމަރަފުށިން ވަނީ އަތޮޅު ސެމީން ފުރުސަތު ހޯދައިފަ އެވެ.
މީގެ އިތުރުން ތ. ހިރިލަންދޫ އިން އެ އަތޮޅު ވޭމަންޑޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓައް ވެފައިވަނިކޮށް ހިރިލަންދޫ އަށް ލީޑު ނަގާދިނީ މުހައްމަދު މިންވާލް ޖެހި ގޯލުންނެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ހިރިލަންދޫ އަށް ލީޑު ފުޅާ ކޮށްދިނީ ކެޕްޓަން މުހައްމަދު ޝާން ޖެހި ގޯލުންނެވެ. އަދި ހިރިލަންދޫގެ ފަހު ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖެހީ އިސްމައިލް އަޒުހާން އެވެ.

ލަނޑު ޖެހުމަށް ފަހު ކިނބިދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މީގެ އިތުރުން ރޭ ވަނީ އއ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. އއ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ބޮޑުފޮޅަދޫ އިން އެ އަތޮޅު ތޮއްޑޫގެ މައްޗަށް ކުރިހޯދީ 7-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ބޮޑުފޮޅަދޫގެ މުހައްމަދު ޝިރުޚާން ހަތަރު ގޯލު ޖެހިއިރު, އަލީ ޝާނީޒް, ރުޚުޝާން ޖަމީލް އަދި އަހުމަދު ރިޔުޝާން ގޯލެއް ޖަހި އެވެ. މި މެޗުގައި ތޮއްޑޫ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ އަހުމަދު ޝަމީމް އެވެ.
އއ. މަތިވެރިން އެ އަތޮޅު ފެރިދޫގެ މައްޗަށް ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ލީޑު މަތިވެރިން ނެގީ ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގަ އަލީ އަލްސަން ޖެހި ގޯލުންނެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ފެރިދޫގެ މުހައްމަދު ޝަފްރާޒް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން މަތިވެރީގެ އަހުމަދު ފިރާޝް ވަނީ ގޯލު ޖަހާ އަލުން މަތިވެރިއަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން އަލްސަން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ރޭ ވަނީ ނ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ. ނ. އަތޮޅު ހޮޅުދޫ އާއި މިލަންދޫ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މިލަންދޫ އިންނެވެ. މެޗުގެ ފަސްވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން ހަސަން އަބްދުލް ސަމަދެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ހޮޅުދޫގެ ކެޕްޓަން އިބްރާހީމް ރަޝީދު އަބޫބަކުރު ވަނީ ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ރޭގެ ފަހު މެޗުގައި ނ. ވެލިދޫގެ މައްޗަށް ކެނދިކުޅުދޫ އިން ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކެނދިކުޅުދޫގެ އިބްރާހީމް އަލީމް ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, މުހައްމަދު އަރީހް ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި ވެލިދޫ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާ ދިނީ އަލީ އާލިމް އެވެ.
މި މުބާރާތުގައި މިއަދު ކުޅޭ މެޗުތައް:
- ށ. ކަނޑިތީމު - ށ. ފޯކައިދޫ : 16:00 (ގްރައުންޑް 1)
- ށ. ޅައިމަގު - ށ. ފީވަށް : 16:00 (ގްރައުންޑް 2)
- ގދ. ވާދޫ - ގދ. ތިނަދޫ : 17:00 (ގްރައުންޑް 1)
- ގދ. ގައްދޫ - ގދ. ހޯދެއްޑޫ 17:00 (ގްރައުންޑް 2)
- ލ. މާމެންދޫ - ލ. އިސްދޫ : 20:00 (ގްރައުންޑް 1)
- ލ. ހިތަދޫ - ލ. މުންޑޫ : 20:00 (ގްރައުންޑް 2)
- ލ. ގަން - ލ. ކަލައިދޫ : 21:00 (ގްރައުންޑް 1)
- ލ. ދަނބިދޫ - ލ. މާވަށް : 21:00 (ގްރައުންޑް 2)
- އދ. ފެންފުށި - އދ. މާމިނގިލި : 22:00 (ގްރައުންޑް 1)
- އދ. ދަނގެތި - އދ. ކުނބުރުދޫ : 22:00 (ގްރައުންޑް 2)
- އދ. ހަންޏާމީދޫ - އދ. އޮމަދޫ : 23:00 (ގްރައުންޑް 1)
- އދ. މަންދޫ - އދ. މަހިބަދޫ : 23:00 (ގްރައުންޑް 2)













