އޭދަފުށިން ރިވައިވަލް އަށް ފެނުނީ ރާއްޖޭގެ ބެޑްމިންޓަންގެ މުސްތަގުބަލަށް އޮތް ފުރުސަތު

އޭދަފުށީގައި ރިވައިވަލް އިން ބޭއްވި ޖޫނިއާ އޯޕަންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭދަފުށީގައި ރިވައިވަލް އިން ބޭއްވި ޖޫނިއާ އޯޕަންގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ބ. އޭދަފުށީގައި ރިވައިވަލް ސްޕޯޓްސް ކްލަބުން ބެޑްމިންޓަން އެކެޑަމީއެއް ފަށައި، މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުން ފެނިގެންދިޔައީ، ރާއްްޖޭގެ ބެޑްމިންޓަނަށް އޭދަފުށީގެ ފަރާތުން ވެސް އޮތް މުސްތަގުބަލުގެ ފުރުސަތުތައް ކަމަށް ރިވައިވަލް ސްޕޯޓްސްގެ ފައުންޑަރު، ޒަޔާން ޒަކީ ބުނެފި އެވެ.

ޒަޔާން ބުނީ ރިވައިވަލް ވުޖޫދުވެ، ފުރަތަމަ ހަަތަރު އަހަރު ނިމިގެންދިޔައިރު، ވަރަށް ބޮޑު ކާމިޔާބީތަކެއް ގައުމީ އަދި ބައިނަލްއަގުވާމީ ލެވަލްގައި ވެސް ލިބިގެންދިޔަ ކަމަށެވެ.

އެހެންވެ، ދެން އޮތް ހަތަރެއް ނޫނީ ފަސް އަހަރުގެ ޓާގެޓަކަށް ކަނޑައެޅީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް އިންޓަނޭޝަނަލް ލެވަލަށް ދެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އެ ގޮތުން، އެ ފަދަ ބޮޑު މަސައްކަތަކަށް އެންމެ ފަހި ފުރުސަތެއް އޮތް ރަށަކަށް ފެނިގެންދިޔައީ އޭދަފުށި ކަމަށް ޒަޔާން ބުނީ ސަބަބުތަކެއް ވެސް އޮތުމުންނެވެ.

"އޭދަފުށްޓަކީ ހަަމަ ވަރަށް ބޮޑަށް ބެޑްމިންޓަން ރަށެއް. ހަމަ ސެކަންޑް ޑިވިޝަން، އަތޮޅު ލީގު ލީގު މުބާރާތްތަކުގައި ވެސް އިންޓަ ސްކޫލް މުބާރާތްތަކުގައި ވެސް ރަނގަޅު ލެވަލަކަށް ކުޅެމުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ކޮމިއުނިޓީ އެއް،" ޒަޔާން ބުންޏެވެ.

އޭދަފުށީގައި ކަންކަން ކުރަން ރިވައިވަލް އަށް އޮތް އެންމެ ބޮޑު ފަސޭހަ އަކީ، ރާއްޖޭގެ ބެޑްމިންޓަންގެ މަތީ ލެވަލްގައި ކުރިން ކުޅެ، ކާމިޔާބީ ހޯދާފައިވާ ކުރީގެ ޗެމްޕިއަނުންތަކެއް އެ ރަށުގައި ބެޑްމިންޓަން ދިރުވައި އާލާ ކުރުމުގެ މަސައްކަތް ކުރަމުން އައުމެވެ. އެ މީހުންގެ ވެސް ދިޔައީ، ރަނގަޅު ފުރުސަތަކަށް އެދި އެދި އެވެ.

ޒަޔާން ބުނީ ރާއްޖޭގެ ބެޑްމިންޓަންގައި ކާމިޔާބު ހޯދާފައިވާ ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ އޭދަފުށީ މުހައްމަދު އިކްރާމް އާއި ހުސެއިން މުހައްމަދު ފަދަ ކުޅުންތެރިން މިހާރު ކޯޗިން އާއި އެ ނޫން ގޮތްގޮތުން ވެސް ބެޑްމިންޓަނުގެ މަސައްކަތުގައި އުޅުމަކީ މިކަމަށް އޮތް ފަސޭހައެއް ކަމަށެވެ.

"ފެސިލީޓީއެއް ވެސް އޮތުމާ އެކު އަޅުގަނޑުމެން ނިންމީ އޭދަފުށީގައި އެ ތިބި ކުދިންނަށް ދެން އިން ލެވަލަށް ދެވޭނެ ފުރުސަތެއް ހޯދައިދޭން، ރިވައިވަލް ސްޕޯޓްސްގެ އެކެޑަމީއެއް އެކޮޅުގައި ފެށުމަށް،" ޒަޔާން ބުންޏެވެ. "އެ ކުދިންނަށް ގައުމީ ޓީމާ ހަމައަށް އާދެވޭނެ މަގު ތަނަވަސްކޮށްދިނުން، އެއީ މެއިން ޓާގެޓަކީ، ދެން އެ ގޮތުން ފަސް އަހަރުގެ ޕްލޭނަކާ އެކު، އޭދަފުށީގެ ސްކޫލް، ކައުންސިލް ދެން މުޅި ކޮމިއުނިޓީގެ އެއްބާރުލުމާ އެކު އަޅުގަނޑުމެން ނިންމީ އެ ކޮޅުގައި އެކެޑަމީއެއް ރަސްމީކޮށް ލޯންޗް ކުރުމަށް،"

އޭދަފުށިން މިދިޔަ އަހަރުން ފެށިގެން ބިދޭސީ ކޯޗަކާ އެކު ބެޑްމިންޓަން ކުރިއެރުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޒަޔާން ބުނީ، މެލޭޝިއާގެ ބެޑްމިންޓަން ކޯޗު ޖިވާއާ އެކު، އޭނާގެ ވެސް ބެލުމުގެ ދަށުން އޭދަފުށީގެ ޓްރެއިނިން ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށެވެ.

"އިންޓަނޭޝަނަލް ލެވަލަށް ދެވޭނެ ހުނަރުވެރި ކުޅުންތެރިން އެބަތިބި އެ ފުރުސަތު އެ ކުދިންނަށް ތަނަވަސްކޮށްދިނުން މެއިން ޓާގެޓަކީ،" ޒަޔާން ބުންޏެވެ.

ޒަޔާން ބުނީ މިދިޔަ ހަފްތާ ބަންދުގައި އޭދަފުށީގައި އެ ނިމުނު ރިވައިވަލް ސްޕޯޓްސް ޖޫނިއާ އޯޕަން ހީނުކުރާ ލެވަލަށް ސަޕޯޓް ލިބުނު ކަމަށެވެ.

މީގެ ކުރިން ވެސް އޭދަފުށީގައި ހުނަރުވެރި ކުޅުންތެރިން އެބަތިބިކަން އެނގޭ ކަމަށް ޒަޔާން ބުނެފައިވެ އެވެ. އެކަމަކު، މި ފަހަރުގެ ޖޫނިއާ މުބާރާތުން ފެނިގެންދިޔަ ބައެއް ކުޅުންތެރިން އެ އުމުރުގައި ތިބި ލެވަލް ފެނިފައި، ހައިރާންވާ ކަމަށެެވެ.

"ރާއްޖޭގެ ބެޑްމިންޓަންގައި ޔަންގް (ޒުވާން) ލެވަލްގައި ނުފެންނަ ވަރުގެ ކުޅުންތެރިން އެބަތިބި. އެހެންވީމަ އެ ކުދިން ބޭނުންވާނެ މާލޭގައި އޮތް ވަރުގެ ސަޕޯޓެއް ދޭން ބޭނުންވަނީ، އެ ލިބިއްޖިއްޔާ އޭދަފުށި އެހެން ލެވަލަކަށް ދާނެ. ގައުމު ތަމްސީލް ކުރާނެ، އަދި މިހާރު ރާއްޖޭން އިންޓަނޭޝަނަލް ލެވަލްގައި އެ ހޯދާ ކާމިޔާބީ އަށް ވުރެ މަތިން ފެނުމަކީ މާ ދުރު ކަމެއް ނޫން،" ރާއްޖޭގެ ގައުމީ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން ލެވަލްގެ މުބާރާތަކުން މެޑަލް ހޯދާފައިވާ ޒަޔާން ބުންޏެވެ.

އެކެޑަމީއެއް ފަށައި އެހާ އަަވަހަށް މުބާރާތެއް ބޭއްވި ސަބަބެއް ކަމަށް ޒަޔާން ބުނީ މުޅި ރާއްޖެ އަށް ދައުވަތު ދީގެން މާލޭން ވިޔަސް އެހެން ރަށްރަށުން ވިޔަސް ކުޅުންތެރިން ގޮސްގެން އެ ތަނުގައި މުބާރާތެއް ކުޅެ މިހާރު އޮތް ލެވަލްގެ ކަންކަން ދެނެގަތުމާއި ދަސްކުރުމުގެ ބޭނުމުގައި ކަމަށެވެ.

ޖޫނިއާ މުބާރާތެއް ވިޔަސް، ކުޅޭނެ އުމުރުފުރާތައް ކަނޑައެޅުުމުގައި ބެލީ ބައިނަލްއަގުވާމީ މިންގަނޑަށެވެ. އެއީ 18 އަހަރުން ދަށަށް ވީހާ ވެސް ގިނަ ފުރުސަތެއް ދިނުމަށެވެ. ނުވަ އަހަރުން ދަށުގެ ކެޓަގަރީ އެއް ވެސް ބޭއްވި އެވެ. އެއީ، ފަށައިގަންނަ ކުޅުންތެރިންނަށް ވެސް ވާދަވެރި މާހައުލަކަށް ހޭނެން ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށް ފެންނާތީ އެވެ.

ޒަޔާން ބުނީ އަސްލު ޓާގެޓަކީ ގިނަ މުބާރާތްތަކެއް ބޭއްވުން ކަމަށެވެ. ދެން، މި ވަގުތު އޭދަފުށީގައި މި މުބާރާތް ބޭއްވީ ކުރިން ފާހަގަކުރި ސަބަބުތަކާ ވެސް އެކުގައި ކަމަށާއި ހަގީގަތުގައި މުބާރާތަކީ ކޮންމެ ހުނަރުވެރި ކުޅުންތެރިއަކު ވެސް ވަރަށް ބޮޑަށް ބޭނުންވާނެ ފުރުސަތެއް ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.

"މާލޭން 40 ވަރަކަށް ކުޅުންތެރިން ބައިވެރިވިއިރު، ގައުމީ ޖޫނިއާ ޕޫލާއި އެކެޑަމީތަކުގެ އެންމެ ރަނގަޅު ކުުޅުންތެރިން ވެސް ބައިވެރިވި. އެހެންވީމަ މިއި ހުރިހާ ކޮޅަކަށް ވެސް ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެއް. އެ ކުދިން އެ ދޭ މި ފަދަ އިތުރު މުބާރާތްތައް ބޭއްވުމަށް،" ޒަޔާން ބުންޏެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފައުންޑަރު، ޒަޔާން: އޭނާ އަންނަނީ ކުޅުމުގެ ކެރިއަރު ކުރިއަށްގެންދިއުމުގެ އިތުުރުން ބެޑްމިންޓަން ޑިވެލޮޕްމަންޓް މަސައްކަތްތަކެއް ވެސް ކުރަމުން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޒަޔާން ބުނީ ރިވައިވަލް އިން މި މުބާރާތް ބޭއްވިއިރު ބޭނުންކުރީ ފަތް ބޯޅަ ކަމަށެވެ. އެ ގޮތުން، 192 މެޗުގެ މުބާރާތެއް މުޅިން ފަތް ބޯޅައިން ކުޅެން ނިންމީ ޖޫނިއާ މުބާރާތެއް ވިޔަސް ކުދިންނަށް ބައިނަލްއަގުވާމީ ލެވަލަށް ހޭނެން ފަސޭހަ އަކަށެވެ. މިއީ، މި ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ ޖޫނިއާ މުބާރާތަށް ވުމުގެ ފުރުސަތު ބޮޑުކަން ފާހަގަކޮށް ޒަޔާން ބުނީ، މިއީ ހަގީގަތުގައި މިކަން ކުރަން ޖެހޭ ގޮތް ކަމަށެވެ.

"އަސްލު ބެޑްމިންޓަން އިންޓަނޭޝަނަލް ޓޯނަމެންޓްތައް ދެން ޕްރެކްޓިސް ވެސް ކުރާނީ ފަތް ބޯޅައިން، އެހެންވެ، އަޅުގަނޑުމެން ބަދަލަކަށް މި ގެނައީ، ޕްރެކްޓިސް ކުރުމާއި އަދި މުބާރާތްތަކުގައި ވެސް ފަތް ބޯޅަ ބޭނުންކުރުން، ރާއްޖޭގެ ތަމްސީލްކޮށް، އިންޓަނޭޝަނަލް ލެވަލްގައި ކުޅެންޏާ އެބަޖެހޭ ހުރިހާ ކަމެއް އެ ލެވަލްގައި ހުންނަން، އެހެންވެ، އަޅުގަނޑުމެން އިންވެސްޓްކޮށްގެން ވިޔަސް ނިންމީ މި ލެވަލްގައި ކަންކަން ހުންނަން،" ޒަޔާން ބުންޏެވެ.

ޒަޔާން ބުނީ އަމިއްލަ ފަރާތްތަކާއި އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި ވެސް ކުޅޭ ބޯޅައިގެ މި ބަދަލު ގެނައުން ވަރަށް މުހިންމު ކަމަށެވެ. އެެހެންނޫން ނަމަ ކުދިންނަށް ވަރަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

ރިވައިވަލް އިން އޭދަފުށީގައި ބޭއްވި މި ޖޫނިއާ މުބާރާތުގައި މެޑަލް ލިބުނު ކުޅުންތެރިންނަށް ރެކެޓެއް ވެސް ދޭން ނިންމުމުގެ ފަހަތުގައި އޮތް ސަބަބަކީ، "މި ކުޅިވަރުން ކުރިއަށްދާން އިތުރު ހިތްވަރެއް ވެސް ދޭން" ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.

ރިވައިވަލް އިން މި އަހަރަށް ޕްލޭން ކުރާ ކަންތައްތަކުގެ ވާހަކަ ހިއްސާކުރަމުން ޒަޔާން ބުނީ އިތުރު މުބާރާތްތަކެއް ވެސް ޕްލޭން ކުރަމުން އަންނަ ކަމަށާއި ބިދޭސީ ކޯޗަކާ އެކު ތިން ރަށެއްގައި ކޭމްޕް ކުރުމުގެ ވިސްނުން ވެސް ގެންގުޅޭ ކަމަށެވެ. އެއީ، ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން ފާހަގަކޮށް ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގަ އެވެ.

މި ވަގުތަށް ބަލާއިރު، އޭދަފުށީގައި މި ފެށި ބެޑްމިންޓަނުގެ ޕްރޮޖެކްޓްްގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ، އެކެޑަމީގައި 150 އަށް ވުރެ ގިނަ ކުދިން ޓްރެއިން ކުރަން ލިބިފައި އޮތީ ދެ ކޯޓު ކަމަށް ވުމެވެ. އެކަމަކު، އިތުރު ފެސިލިޓީއެއް ހޯދޭތޯ އޭދަފުށިން ވެސް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޒަޔާން ވަނީ ބުނެފަ އެވެ.

"އެ ރަށުން (އޭދަފުށިން) އަންނަނީ މަސައްކަތް ކުރަމުން، އަޅުގަނޑުމެން ވެސް ދެވުނު އެއްބާރުލުމެއް ދެމުން މި އަންނަނީ،" ޒަޔާން ބުންޏެވެ.

ބެޑްމިންޓަންގެ ޑިވެލޮޕްމަންޓް މަސައްކަތް ރާއްޖޭގެ އެކި ރަށްރަށުގައި ކުރުމުގެ ވިސްނުން ރިވައިވަލް އިން ގެންގުޅެ އެވެ. ރަނގަޅު ފެސިލިޓީ ހުރުމާއި، ހުނަރު އޮތް ރަށެއްގައި އެކަން ކުރަން ފަސޭހަވާނެ ކަމަށް އެ ކްލަބުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox