"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ އީރާދަކުރެއްވިއްޔާ އަންޑާ ވޯޓާ (ކަނޑު އަޑީގެ) ޓަނަލް މާލެއިން ރަސްމާލެއަށް އިރާދުކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރެއިން (ރޭލު) ގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް," ރޭ ބޭއްވި މާލޭ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު އިއުލާނު ކުރެއްވި އެވެ.
ކަނޑު އަޑީގެ މަންޒަރުތައް ބަލާލަމުން ރޭލުގައި ދެވޭނެ ފަދަ ކަނޑު އަޑީގެ ޓަނަލެއް މުޅި ދުނިޔޭގައި ވެސް މިހާތަނަށް ބިނާކުރެވިފައި ނެތެވެ. އެކަމަކު, ކަނޑު އަޑީގެ ޓަނަލްތައް ވަރަށް ފުނުގައި ވެސް ގާއިމުކޮށް މީހުން އަންނަނީ ކޮންމެ ދުވަހަކު ދަތުރުތައް ކުރަމުންނެވެ.
މާލެ-ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލުމަކީ ކުރެވިދާނެ ކަމެއްކަން އެނގޭނީ ތަޖުރިބާކާރުންނާއި މާހިރުންގެ ބަހެއް ހޯދުމުންނެވެ. ނަމަވެސް, އެހާތަނަށް ދުނިޔޭގައި މިފަދަ ޓަނަލްތައް އަޅާފައި ހުރި ގޮތްތަކާއި, ފުންމިނާއި, ދިގުމިނާއި, ހަރަދުވި ފައިސާ ފަދަ މައުލޫމާތުތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

އީ39 ރޮގްފާސްޓް ޓަނަލް
- ގައުމު: ނޯވޭ
- ފުންމިން: 392 މީޓަރު (1286 ފޫޓު)
- ދިގުމިން:26.7 ކިލޯމީޓަރު
- އަގު: 1.9 ބިލިއަން ޑޮލަރު
- ހުޅުވާ އަހަރު: 2033

ރޮގްފާސްޓް ޓަނަލްގެ މަސައްކަތް ކުރަމުންދާ ސަރަހައްދު. ޓަނަލް ހުޅުވާނެ ކަމަށް ލަފާކުރެވޭ 2033 އަށް މަސައްކަތް ނިންމަން ވަނީ އަމާޒުކޮށްފައި
މި ޓަނަލް ހުޅުވުމާ އެކު ވެގެންދާނީ ދަތުރުފަތުރުގެ ބޭނުމަށް ކަނޑު އަޑިން އެންމެ ފުނުގައި އަޅާފައިވާ ޓަނަލަށެވެ. ނޯވޭގެ ސަރުކާރުން މި ޓަނަލްގެ މަސައްކަތް ފެށުމުގެ ހުއްދަ 2017 ގައި ދިނުމާއެކު ޖެހިގެން އައި އަހަރު ވަނީ މަސައްކަތް ފަށައިފަ އެވެ.
ޓަނަލްގެ ދެ ފަޅިން ވެސް ކޮންސްޓްރަކްޝަން މަސައްކަތް ފަށާފައި ވާއިރު ހުޅަނގު ނޯވޭގެ އައްސޭރިފަށުގައި އޮތް ސިޓީތައް ގުޅައިލާނެ އެވެ. ޓަނަލްއަށް ދާ ހަރަދު ހޯދުމުގެ ގޮތުން ފުރަތަމަ 20 އަހަރުގެ ތެރޭ ފީއެއް ނަގާނެ އެވެ.
ދަ ރައިފޯލްކް ޓަނަލް
- ގައުމު: ނޯވޭ
- ފުންމިން: 293 މީޓަރު (961 ފޫޓު)
- ދިގުމިން: 14.3 ކިލޯމީޓަރު
- އަގު: 496.6 މިލިއަން ޑޮލަރު
- ހުޅުވި އަހަރު: ޑިސެމްބަރު 30, 2019

މި ޓަނަލްއަށް ވަންނަ އެންޓްރެންސް. މިއީ ނޯވޭ އައްސޭރި ސިޓީތައް ގުޅައިދޭ މައި މަގު ނެޓްވޯކްގެ ބައެއް
މިއީ މިވަގުތު އެންމެ ފުނުގައި ހަދާފައިވާ ޓަނަލެވެ. މިއީ ދުވާލަކު 10,000 އުޅަނދަށް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓަނަލެކެވެ. މި ޓަނަލްގައި ހާފް މެރަތަން ދުވުމެއް ވެސް ބާއްވާފައިވެ އެވެ.
ސެއިކަން ޓަނަލް
- ގައުމު: ޖަޕާން
- ފުންމިން: 240 މީޓަރު (787 ފޫޓު)
- ދިގުމިން: 23.3 ކިލޯމީޓަރު
- އަގު: 7 ބިލިއަން ޑޮލަރު
- ހުޅުވި އަހަރު: މާޗު 13, 1988

ސެއިކަން ޓަނަލްއިން ދަތުރުކުރަނީ ހަމައެކަނި ރޭލު. ޖަޕާނުން އަންނަނީ ވެހިކަލް ދުއްވޭނެ ޓަނަލެއް އެޅުމަށް ވެސް މަސައްކަތް ކުރަމުން
މިއީ ޖަޕާންގެ ހޮކައިޑޫ އާއި ހޮންޝޫ ގުޅުވައިދޭ މައި ލިންކެވެ. މި މަސައްކަތާ ގުޅޭ ޖިއޮލޮޖިކަލް ސާވޭ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު 1946 ގައި ވަނީ ފަށައިފަ އެވެ. އަދި, ކޮންސްޓްރަކްޝަން މަސައްކަތް ފެށީ 1971 ގަ އެވެ.
މި ޓަނަލްގެ މެއިންޓެނަންސަށް އަހަރެއްގެ މައްޗަށް 300 މިލިއަން ޑޮލަރު ހޭދަކުރަން ޖެހެ އެވެ. އެކަމަކު މިއީ ހަމައެކަނި ރޭލު ދަތުރަށް ހާއްސަ ޓަނަލެކެވެ.
އައިސްޓްރޮއިޓް ޓަނަލް
- ގައުމު: ފެރޯ އައިލެންޑްސް
- ފުންމިން: 187 މީޓަރު (614 ފޫޓު)
- ދިގުމިން: 11.24 ކިލޯމީޓަރު
- އަގު: 380 މިލިއަން ޑޮލަރު
- ހުޅުވި އަހަރު: ޑިސެމްބަރު 19, 2020

މި ޓަނަލްގެ ތެރޭގައި ކުރަހާފައި ހުންނަ އާޓްވޯކްތަކަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވޭ.
މިއީ ފެރޯ އައިލެންޑްސްގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓެވެ. މިއީ ފެރޯ އައިލެންޑްސްގެ މައި ރަށްތައް ގުޅާލުމަށް ގާއިމުކުރި ޓަނަލެކެވެ. މި ޓަނަލުން ގުޅާލަދިން ދެ ރަށުގެ ދެމެދުގައި 64 މިނެޓުން ކުރަމުންދިޔަ ދަތުރު 16 މިނެޓަށް ވަނީ ކުރުވެފަ އެވެ.
ޔުރޭޝިއާ ޓަނަލް
- ގައުމު: ތުރުކީ
- ފުންމިން: 106 މީޓަރު
- ދިގުމިން: 5.4 ކިލޯމީޓަރު
- އަގު: 7 ބިލިއަން ޑޮލަރު
- ހުޅުވި އަހަރު: ޑިސެމްބަރު 22, 2016

ޔޫރޭޝިއާ ޓަނަލްގެ އެތެރެ. މިއީ ބޮސްފަރަސް ސްޓްރެއިޓްގައި ގާއިމުކޮށްފައިވާ ޓަނަލެއް
މިއީ ޔޫރަޕާއި އޭޝިއާ ގުޅުވާލަދޭ ޓަނަލެވެ. ތުރުކީގެ ބޮސްފަރަސް ސްޓްރެއިޓުގެ އަޑީގައި ގާތްގަނޑަށް ފަސް އަހަރުގެ ބުރަ މަސައްކަތުން އަޅާފައިވާ ޓަނަލެކެވެ.
މި ޓަނަލް ހުޅުވިތާ އަހަރެއްގެ ފަހުން ކޮންމެ އަހަރެއްގެ ދުވަހެއްގެ މައްޗަށް 120,000 ވެހިކަލް އެ ޓަނަލް ބޭނުންކުރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ކޮންމެ 600 މީޓަރަކުން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރާނެ ލޭނަށް އެގްޒިޓްތައް މި ޓަނަލުގައި ގާއިމުކޮށްފައިވެ އެވެ.
ދުނިޔޭގައި އެންމެ ފުނުގައި އަޅާފައިވާ މި ޓަނަލްތަކަށް ވުރެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނު ކުރެއްވި މާލެ-ރަސްމާލެ ޓަނަލް ގާއިމުކުރަން ޖެހޭނީ މާ ފުނުގަ އެވެ. މާލެ އާއި މާލޭ ދެކުނުން މިއޮތް ވާދޫގެ ފުންމިނުގައި 400 މީޓަރާއި 500މީޓަރު ހުރެ އެވެ. މާލެއިން ފުށިދިއްގަރަށް އެއީ 16 ކިލޯމީޓަރު ހުންނައިރު، މާލެ އިން ފެށިގެން އެނބޫދޫފަޅާ ހަމައަށް ވާދޫ ކަނޑުގައި އަށް ކިލޯ މީޓަރު އެބަ ހުއްޓެވެ. އަދި އެނބޫދޫ ފަޅާއި ފުށިދިއްގަރުފަޅާ ދެމެދުގައި ވެސް ކަނޑުއޮޅިއެއް އޮވެ އެވެ.
މި ދާއިރާގެ ފަންނީ ބައެއް ބޭފުޅުން ރޭ ވިދާޅުވި ގޮތުގުގައި މާލެ-ރަސްމާލެ ޓަނަލަކީ (ރަސް ޓަނަލް) އަކީ އިންޖިނިއަރިންގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެއީ ގޮންޖެހުން ބޮޑު ހަރަދު ވެސް އިންތިހާއަށް ބޮޑު ޕްރޮޖެކްޓަކަށް ވާނެ އެވެ.
ދެ ގޮތަކަށް ޓަނަލް އަޅައެވެ. އެއްގޮތަކީ ބިމު އަޑި ތޮރުފާލައިގެން ޓަނަލް އެޅުމެވެ. ނަމަވެސް އެ ޓެކްނޮލޮޖީއަށް ދިޔުމުގެ ބަދަލުގައި ރައީސް މުއިއްޒު ސިފަކުރެއްވީ ޓަނަލްއަކީ ކަނޑުގެ އަޑީފަށަލައިގައި ޓަނަލުން ދުއްވާފައި ދާއިރު ވާދޫ ކަނޑުގެ ދިރުންތައް ފެންނާނެ ފަދަ ގޮތަކަށް ޓަނަލް ހެދުމެވެ. މިއީ ނުވާނެ ކަމެއް ނޫނެވެ. ކަނޑު އަޑިން ޓަނަލް އެޅިދާނެ އެވެ.
ރަސްމާލެއަކީ ރައީސް މުއިއްޒުގެ "ގްރޭންޑް ވިޝަން" އެކެވެ. އެމަނިކުފާނު ރޭ އެ އިއުލާނު ކުރެއްވީ ވެސް އެ ވިޝަންގެ ބައެކެވެ. އެކަމަށް ރައްޔިތުންގެ މާލިއްޔާއިން ހަރަދުވާނެ ފައިސާ އާއި އެކަމުގައި ހުރި ޓެކްނިކަލް ގޮންޖެހުންތައް ފީސިބިލިޓީ ރިޕޯޓު ނިމުމުން ހާމަވާނެ އެވެ.







