މިހާރު ކުރިއަށްދާ "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެެލެންޖް 2024" ގައި ހދ. އަތޮޅުގެ ކުއާޓާ ފައިނަލުން ނައިވާދޫ އާއި ނޮޅިވަރަންފަރު ޖާގަ ހޯދިއިރު، ރ. އަތޮޅު ބުރުގެ ގްރޫޕްގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އިނގުރައިދޫ ސެމީ އަށް ދަތުރުކޮށްފި އެވެ.
މި މުުބާރާތުގައި ރޭ ވެސް އަށް މެޗު ވަނީ ކުޅެފަ އެވެ. އެއީ ހދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ރ. އަދި އއ. އަތޮޅުގެ މެޗުތަކެވެ.
ހދ. އަތޮޅުގެ އެންމެ ކާމިޔާބު ޓީމު ނައިވާދޫން ކުއާޓާގެ ޖާގަ ކަށަވަރުކުރީ 5-0 ގެ ނަތީޖާއަކުން އެ އަތޮޅު ކުޅުދުއްފުށި ބަލިކޮށްގެންނެވެ. މި މެޗުގައި ނައިވާދޫގެ ކެޕްޓަން އަބްދުالله ޝާފިއު (ޝާއްޕެ) ދެ ގޯލު ޖެހިއިރު, ޔާމިން މުހައްމަދު, އަހުމަދު ހަމީދު އަދި އަބްދުالله ވިސާމް, މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހައިފަ އެވެ.
ރޭ ހދ. ހަނިމާދޫގެ މައްޗަށް އެ އަތޮޅު ވައިކަރަދޫ އިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވައިކަރަދޫ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އަރީހް އެވެ. މީގެ އިތުރުން، ހދ. ފިނޭ އަދި މަކުނުދޫ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނައިވާދޫ އާއި ކުޅުދުއްފުށި ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ/ ގޯލްޑަން ފުޓްސަލް ޗެލެންޖް
ހދ. ނޮޅިވަރަން އެ އަތޮޅު ކުމުންދޫގެ މައްޗަށް ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނޮޅިވަރަމުގެ މުހައްމަދު އިބްރާހީމް ދެ ގޯލު ޖެހިއިރު, މުހައްމަދު ސާއިމް އިބްރާހީމް ރަޝީދު, ސާލިމް މުހައްމަދު, ޔަމީން މުހައްމަދު, މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހާފަ އެވެ. ކުމުންދޫގެ ލަނޑުތައް އެ ޓީމަށް ޖަހާދިނީ އަލީ ހަސަން އަދި ފުރުގާން އަބްދުލް ހަމީދެވެ.
ހދ. އަތޮޅުގެ ފަހު މެޗުގައި ނޮޅިވަރަންފަރުން ނުކުތީ އެ އަތޮޅު ނޭކުރަންދޫއާ ދެކޮޅަށެވެ. މި މެޗު ނޮޅިވަރަންފަރުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި އެ ޓީމުން ވަނީ އަތޮޅު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި މެޗުގައި ނޮޅިވަރަންފަރުގެ އަހުމަދު ސިޒާން (ސިއްޕެ) ދެ ގޯލު ޖެހިއިރު, އެ ޓީމުގެ އަނެއް ގޯލު ޖަހާދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. މި މެޗުގައި ނޭކުރަންދޫ އިން ކާމިޔާބުކުރި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ.
ހދ. އަތޮޅުން 11 ޓީމެއް ތިން ގްރޫޕަކަށް ބަހާލައިފައިވާއިރު، ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމާއި ތިން ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން ރޭ ވަނީ ރ. އަތޮޅުގެ މެޗެއްވެސް ކުޅެފަ އެވެ. ހުޅުދުއްފާރުގެ މައްޗަށް އަތޮޅު ޗެމްޕިއަން އިނގުރައިދޫ އިން ކުރިހޯދީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިނގުރައިދޫގެ އަހުމަދު މަޝީދު (މައްޓެ) ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދައިފަ އެވެ. ހުޅުދުއްފާރުގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އަލީފް އެވެ.
ރޭ ވަނީ އއ. އަތޮޅުގެ މެޗުތައްވެސް ކުރިއަށް ގޮސްފަ އެވެ. އއ. އަތޮޅު ފެރިދޫގެ މައްޗަށް ތޮއްޑޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތޮއްޑޫ އިން ޖެހި ގޯލުތައް އެ ޓީމަށް ޖަހާދިނީ އިބްރާހީމް ސުހާން މުހައްމަދު, އިބްރާހީމް އުޝާމަތު އަދި އަނެއް ލަނޑަކީ ފެރިދޫގެ ހުސެއިން ސާމިޚް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ރޭގެ ފަހު މެޗުގައި އއ. މަތިވެރީގެ މައްޗަށް އެ އަތޮޅު ބޮޑުފޮޅުދޫ އިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި އަތޮޅުގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުމުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މަތިވެރިންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި މި ލަނޑު މަތިވެރިއަށް ޖަހާދިނީ އަލީ އަލްސަން އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ބޮޑުފޮޅަދޫގެ ކެޕްޓަން މުހައްމަދު ޝިރުހާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އެ ޓީމުގެ ފަހު ލަނޑު ވެސް ޖަހާދިނީ ޝިރުހާން އެވެ.
މި މުބާރާތުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭނީ ނ. އަތޮޅުގެ މެޗުތަކާއި, އދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ލ. އަތޮޅުގެ މެޗުތަކެވެ.













