ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ތ. އަތޮޅު ތިމަރަފުށި, ބުރުނި, ކިނބިދޫ އަދި ހިރިލަންދޫ އިން ކާމިޔާބު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނީ ތ. އަތޮޅުގެ ގްރޫޕްގެ މެޗުތަކެވެ.
މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށިން އެ އަތޮޅު ވޭމަންޑޫގެ މައްޗަށް ކުރިހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވި ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ތިމަރަފުށީގެ އާދަމް ނާސިހް (އާދަންނާ) ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި މި މެޗުގައި ތިމަރަފުށިން ޖެހި ދެ ވަނަ ލަނޑު މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ހަމްދާން އެވެ.
އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ތ. ކިނބިދޫން އެ އަތޮޅު ވިލިފުށީގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އަށް ވަނަ މިނެޓުގައި ކިނބިދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އިބްރާހީމް އިމްރާހް އެވެ. އެކަމަކު، ފުރަތަމަ ހާފުގެ ފަހު މިނެޓުގެ ތެރޭގައި ވިލިފުށިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް އައިހަމް އެވެ. އެކަމަކު، ދެވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ކިނބިދޫގެ އަހުމަދު ހަމްދާން ހުސެއިން ވަނީ ގޯލު ޖަހާ އަލުން އެ ޓީމަށް ލީޑު ނަގާ ދީފަ އެވެ. އަދި ދެ ވަނަ ހާފުގެ 12 ވަނަ މިނެޓުގައި ކިނބިދޫގެ ލީޑު ފުޅާކޮށްދިނީ އިމްރާހް އެވެ. ދެ ވަނަ ހާފުގެ 15 ވަނަ މިނެޓުގައި ވިލިފުށީގެ އަހުމަދު ރައްޔާން ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްދީފަ އެވެ.
ތ. ހިރިލަންދޫ އިން އެ އަތޮޅު ގުރައިދޫގެ މައްޗަށް ކުރިހޯދީ 5-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ގުރައިދޫ އިންނެވެ. މެޗުގެ ތިން ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ޖަހާދިނީ ހައްމާދު ނަސީމް އެވެ.
އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިރިލަންދޫ އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ރިފްޝާން އެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ރިފްޝާން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ނަގައިދީފަ އެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހިރިލަންދޫގެ އަހުމަދު މުފީދް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ހަމަޖެހިލަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ހިރިލަންދޫ އިން މި މެޗުގައި ޖެހި ހަތަރު ވަނަ ގޯލު ވެސް ޖެހީ މުފީދެވެ. އަދި އެ ޓީމުގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓުގައި ޖަހާދިނީ އަބުދުالله ފައިޒާން އެވެ.
ތ. ބުރުނިން އެ އަތޮޅު ގާދިއްފުށީގެ މައްޗަށް ކުރިހޯދީ 5-4 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ބުރުނިން ކާމިޔާބުކުރީ މެޗުގެ ފަހު ސިކުންތުކޮޅު މުހައްމަދު ޝާމް ޖެހި ގޯލުންނެވެ. މި މެޗުގައި ބުރުނީގެ މަމްދޫހް ސަލީމް ދެ ގޯލު ޖެހިއިރު, އެ ޓީމުގެ, މަސްއޫދު ޝަބީން އަދި މުހައްމަދު ނާހިލް ނޫހް ވަނީ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ގާދިއްފުށިން ޖެހި ލަނޑުތައް އެ ޓީމަށް ޖަހާދިނީ ހަސަން ރަޝީދު, މުހައްމަދު އައިހަމް, ހުސެއިން ޒާހިރު އަދި އިބްރާހީމް ސިރާހް އަބްދުލް ސައްތާރު އެވެ.













