ޔަމޯސޯކްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 20) - ކެމަރޫންގެ މައްޗަށް 3-1 އިން ކުރިހޯދައި، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން، ސެނެގާލް މި ފަހަރުގެ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުުރުން ފުރުސަތު ހޯދައިފި އެވެ.
ގްރޫޕް ސީގައި ކުޅުނު ދެ މެޗުން މޮޅުވެ، ސެނެގާލް އޮތީ ހަ ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ގިނީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ކެމަރޫން ތިން ވަނައިގައި އޮތީ ޕޮއިންޓަަކާ އެކު އެވެ. ގްރޫޕްގެ ފުލުގައި އޮތީ، ޕޮއިންޓެއް ނުލިބި އޮތް ގެމްބިއާ އެވެ.
ގިނީއާ ފުރަތަމަ މެޗު އެއްވަރުވިއިރު، ކެމަރޫންގެ އެއް ވަނަ ކީޕަރު އަންދްރޭ އޮނާނާ އަށް އެ މެޗުގައި ނުކުޅެވުނީ، ވަގުތު އޮއްވައި ޓީމާ ނުުގުޅޭތީ އެވެ. އެކަމަކު، ރޭގެ މެޗު ދިޔައި އޮނާނާ އަށް އެންމެ ރަނގަޅަކަށް ނޫނެވެ. މެޗުގެ 16 ވަނަ މިނިޓްގައި އިސްމާއިލާ ސާ ވަނީ ސެނެގާލަށް ލީޑުނަގައިދީފަ އެވެ. އަދި މެޗުގެ 71 ވަނަ މިނިޓްގައި ހަބީބް ޑިއާލޯ ވަނީ ސެނެގާލްގެ ލީޑުފުޅާކޮށްފަ އެވެ.
ރިސްކު ނަގައިގެން ކެމަރޫން އިން ކުރިއަށް ޖެހިގެން ކުޅެން ފަށައި، ގޯލެއް ޖެހި އެވެ. މެޗުގެ 83 ވަނަ މިނިޓްގައި، ޖީން-ޗާލްސް ކަސްޓެލޭޓޯގެ ގޯލުން ކެމަރޫނުން އުންމީދެއް ހޯދި ނަމަވެސް، އިތުރު ގޯލެއް ޖަހައި، އެއްވަރުނުކުރެވުނެވެ.
މެޗުގެ އިތުރު ވަގުތުގައި ސެނެގާލަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ.












