ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ދ. ކުޑަހުވަދޫ އިން ކުޅުނު ފުރަތަމަ މެޗުން އެއްވަރުވިއިރު, އދ. މަހިބަދޫ އިން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފި އެވެ.
މި މުބާރާތުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުގައި ކުޅޭއިރު, ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ އދ. އަތޮޅުގެ މެޗުތަކާއި, ފ. އަތޮޅުގެ މެޗުތަކުގެ އިތުރުން ދ. އަތޮޅުގެ މެޗުތަކެވެ.
މިދިޔަ އަހަރު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ކުޑަހުވަދޫ ޓީމު މިއަހަރު ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ އެ އަތޮޅު މާއެނބޫދޫ އަތުން 2-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ތިންވަނަ މިނެޓުގައި މާއެނބޫދޫ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ އަލީ ޝާމިއު އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކުޑަހުވަދޫގެ މުހައްމަދު އަރީޝް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި މެޗުގެ ދެވަނަ ހާފުގައި މާއެނބޫދޫއިން ވަނީ އަލުން ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ އަހުމަދު ޝައިހާން އެވެ. އެކަމަކު މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް ކުޑަހުވަދޫގެ ހާރޫން އިބްރާހީމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ދ. އަތޮޅުގެ ދެވަނަ މެޗުގައި ދ. މީދޫ އާއި ދ. ބަނޑިދޫ ބައްދަލުކުރި މެޗު މީދޫން ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މީދޫގެ ޝާއިމް ޝިޔާމް ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. މީދޫގެ އަނެއް ދެ ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ފާރިޝް އާއި އިލާފް އަހުމަދެވެ. މި މެޗުގައި ބަނޑިދޫ އިން ކާމިޔާބުކުރި ލަނޑުތައް ޖަހާދިނީ އިބްރާހީމް އަފްނާން, މުހައްމަދު އަޒްލީން އަލީ އަދި ރީހާން މޫސާ އެވެ.
ރޭ އދ. މަހިބަދޫ އިން އެ އަތޮޅު އޮމަދޫ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި މަހިބަދޫ އިން ވަނީ ފުލުފުލުގައި އޮމަދޫގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެކަމަކު މަހިބަދޫ އަށް ގޯލެއް ޖެހުނީ ދެވަނަ ހާފުގެ 11 ވަނަ މިނެޓުގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ އަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އަދި މަހިބަދޫގެ ދެވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އާދަމް ފަހުމާން އެވެ.
ރޭ ވަނީ އދ. ކުބުރުދޫ އިން މާމިގިލި މޮޅުވިޔަ ނުދީ ހިފަހައްޓައިފަ އެވެ. މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ކުބުރުދޫ އިންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަހުމަދު ޝަފްރާޒް މުހައްމަދެވެ. މި ލަނޑަށްފަހު ކުބުރުދޫ އިން ޑިފެންސަށް ވިސްނައިގެން ކުޅުނު ނަމަވެސް މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް މާމިގިލިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެޓީމަސް ޖަހާ ދިނީ އަހުމަދު ނިޒާމް އެވެ.
މީގެ އިތުރުން އދ. މަންދޫ އިން ވަނީ އެ އަތޮޅު ހަންޏާމީދޫ 2-1 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި މަންދޫ އިން ވަނީ ގޯޅު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހަސަން އިރުޝާދެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަންޏާމީދޫން ވަނީ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަލީ އަހްލާމް އެވެ. އެކަމަކު މެޗުގެ ފަހު ސިކުންތުކޮޅުގައި މަންދޫގެ އިބްރާހީމް އިމްރާން ވަނީ ގޯލު ޖަހާ މެޗުން އެ ޓީމު މޮޅުކޮށްދީފަ އެވެ.
މީގެ އިތުރުން އދ. ދަނގެތިން އެ އަތޮޅު ފެންފުށި ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދަނގެތީގެ އަހުމަދު ޝުދައިސް އަލީ ދެ ގޯލު ޖެހިއިރު, މުހައްމަދު ސާއިފް ސާމިރު ވަނީ އެއް ގޯލު ޖަހާފަ އެވެ.
ރޭ ކުޅުނު ފ. އަތޮޅުގެ މެޗުތަކަށް ބަލާއިރު, ފ. ބިލަތްދޫ އިން އެ އަތޮޅު ދަރަނބޫދޫގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބިލެއްދޫގެ މުހައްމަދު ޒީދާން ޒުހުރީ ދެ ގޯލު ޖެހިއިރު, އެ ޓީމުގެ އަނެއް ގޯލު ޖަހާދިނީ ސާމިދް އަހުމަދެވެ.
ފ. ނިލަންދޫ އިން ކުޅުނު ފުރަތަމަ މެޗުގައި އެ އަތޮޅު މަގޫދޫ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނިލަންދޫގެ ސައްދާމް ހުސެއިން ދެ ގޯލު ޖެހިއިރު, އަހުމަދު ރިޒްވާން އިސްމާއިލް އަދި އަހުމަދު ސާޖިދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ގޯލެއް ޖަހާފަ އެވެ.
މި މުބާރާތުގައި މާދަމާ 12 މެޗު ކުޅޭނެ އެވެ. އެއީ ހަވީރު ހަތަރު މެޗާއި ރޭގަނޑު އަށް މެޗެވެ. މުބާރާތުގެ މިހާރު ކުރިއަށް ދަނީ ގްރޫޕް ސްޓޭޖު މެޗުތަކެވެ. ގްރޫޕް ސްޓޭޖަށްފަހު ދެން ކުޅޭނީ ޒޯން މެޗުތަކެވެ. އަދި އެއަށްފަހު މުބާރާތުގެ ގަދަ 16 އެނގިގެންދާނެ އެވެ.













