ޔަމޯސޯކްރޯ، އައިވަރީ ކޯސްޓް (ޖެނުއަރީ 18) - ކްލަބާއި ގައުމީ ފުޓްބޯޅަ ޓީމުގެ ތެރެއިން އެއް ބަޔަކު އިހުތިޔާރުކުރުމަކީ މަންމަ އާއި ބައްޕަގެ ތެރެއިން އެކަކު ނެގުން ކަހަަލަ ނިންމުމެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ކެމަރޫންގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ ބުނެފި އެވެ.
ޔުނައިޓެޑުން އެންމެ ފަހުން ޓޮޓެންހަމް ހޮޓްސްޕާސްއާ 2-2 އިން އެއްވަރުވި މެޗުގައި ކުޅެފައި، އޮނާނާ ވަނީ އައިވަރީ ކޯސްޓަށް ޕްރައިވެޓް ޖެޓެއްގައި ދަތުރުކޮށްފަ އެވެ. އެއީ، އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކެމަރޫން އިން ކުޅުނު ފުރަތަމަ މެޗުގައި ކުޅޭށެވެ.
އެކަމަކު، ކެމަރޫންގެ ކޯޗު ރިގޮބާޓް ސޯންގް ނިންމީ، އޮނާނާ އަށް ފުރަަތަމަ މެޗުން ފުރުސަތު ނުދޭށެވެ. އެ ގޮތުން، ގިނީއާ 1-1 އިން އެއްވަރުވި މެޗުގައި އޮނާނާ ހުންނަން ޖެހުނީ ކުޅިބަލާށެވެ. ދިގު ދަތުރެއް ކޮށްފައި ދިއުމުން ވެސް ޓީމުން ފުރުސަތު ނުދިނުމުން އޮނާނާ ހިތްހަަމަނުޖެހުން ފާޅުކުރި އެވެ.
ކްލަބުން ރިލީސް ހޯދައިގެން، ގައުމީ ޓީމަށް ދުރާލާ ގުޅެން ލިބުނު ފުރުސަތުގެ ބޭނުން، އޮނާނާ، 27، ހިފާފައިނުވާތީ، ކެމަރޫން ފުޓްބޯޅަ ސަޕޯޓަރުންގެ ނުރުހުން އޮނާނާ އަށް ވަނީ އަމާޒުވެފަ އެވެ. ފީފާ ގަވާއިދު ބުނާގޮތުން، މުބާރާތެއް ފެށުމުގެ 14 ދުވަސް ކުރިން ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ކުރަން ޖެހޭނެ އެވެ. އެކަމަކު، އެ މުއްދަތު ކުޑަކުރަން، ކްލަބާއި ގައުމީ ޓީމާ މެދު އެއްބަސްވުމެއް ހެދިދާނެ އެވެ. އޮނާނާ އެ ފަދަ ގޮތަކަށް އަމަލުކުރަން ނިންމި ނަމަވެސް ކެމަރޫން އާއި ޔުނައިޓެޑުން ވަކި ގޮތަކަށް އެއްބަސްވެފައިނުވެ އެވެ.
"ވަރަށް އުނދަގޫ ނިންމުމެއް ނިންމަން ޖެހެނީ. މި ކަމަކީ މަންމަ އާއި ބައްޕަ ތެެރެއިން އެކަކު އިހުތިޔާރުކުރުން ކަހަލަ ކަމެއް. އަހަންނަށް އަބަދުވެސް ފުރަތަމަ އަންނާނީ ގައުމު، އަހަރެން މި ތަނުގައި މި ހުރި ސަބަބަކީ ވެސް އެއީ،" ގައުމީ ޓީމާއި ކްލަބާ ދެމެދު ގޮތެއް ނިންމުން އުނދަގޫކަމަށް އިޝާރާތްކޮށް ސުވާލަކަށް ޖަވާބު ދެމުން އޮނާނާ ބުންޏެވެ.
"މީހުން އަހަންނަށް ފާޑުކިޔަންވީ، އަހަރެން މި ހުރީ އެކަމަށް އާދަވެފައި. ފާޑުކިޔާނެ. އެކަމަކު، އަބަދުވެސް އަހަރެން ހުންނާނީ ގައުމަށްޓަކައި،"
އޮނާނާ އާއި ކެމަރޫން ފުޓްބޯޅަ ސަޕޯޓަރުންނާ ދެމެދު މީގެ ކުރިން ވެސް ގުޅުން ގޯހެވެ. އެ ގޮތުން، ކެމަރޫން އިން 2017 ވަަނަ އަހަރުގެ އެފްރިކަން ކަޕް ކާމިޔާބުކުރިއިރު، އެ ފަހަރު ޓީމަށް ނެގުމުން ވެސް އޮނާނާ އެ ފުރުސަތު ދޫކޮށްލީ އަމިއްލަ ސަބަަބަކާ އެވެ. އެ ފަހަރު ވެސް އޮނާނާ އަށް ފާޑުކިޔުން އަމާޒުވި އެވެ.
އޭގެ ފަހުން، 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ތެރެއިން ކޯޗު ސޯންގްއާ ދެމެދު ޖެހުނު މައްސަލައެއްގައި އޮނާނާ ވަނީ އެނބުރި ގައުމަށް ފޮނުވާލައިފަ އެވެ.
މީގެ ދެ އަހަރު ކުރިން، އެންމެ ފަހުން ކުޅުނު އެފްރިކަން ކަޕްގައި އޮނާނާ ނުކުޅެ އެވެ. އެއީ، މަނާ ބެހޭގު މައްސަލައެއްގައި ލިބުނު އަދަބަކާ ހެދި ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ފޯމަށް އަސަރުކޮށްފައިވާތީ އެވެ. އިންޓަ މިލާން ދޫކޮށް މި ފަހަރު ޔުނައިޓެޑަށް ބަދަލުވެ، އޮނާނާ އަށް އެއް ލެވަލެއްގައި ކުޅުން ދެމެހެއްޓުމުގައި އުނދަގޫވެފައިވާއިރު، ޔުނައިޓެޑްގެ ސަޕޯޓަރުންގެ ނުރުހުން ވެސް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ.
ކެމަރޫން އިން މި ފަަހަރުގެ އެފްރިކަން ކަޕްގައި ކުޅޭ ދެ ވަނަ މެޗު އޮތީ މާދަމާ ސެެނެގާލްއާ ދެކޮޅަށެވެ. އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ގެމްބިއާ އަތުން 3-0 އިން މޮޅުވެފަ އެވެ. ސެނެގާލާ ދެކޮޅަށް ކެމަރޫންގެ ގޯލު ބަލަހައްޓާނީ އޮނާނާ ކަމަށް ބެލެވެ އެވެ.












