ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ރޭ ކުޅުނު މެޗުތައް ހދ. ނޮޅިވަރަންފަރު, ހދ. ހަނިމާދޫ, ހދ. ނައިވާދޫ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ކުލޭ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އެއީ ހދ. އަތޮޅު ރައުންޑްގެ މެޗުތަކާއި, ރ. އަތޮޅު ރައުންޑްގެ މެޗުތަކެވެ.
ހދ. އަތޮޅު ޗެމްޕިއަން، ނައިވާދޫން ރޭގެ މެޗު ކާމިޔާބުކުރީ ހދ. ނޭކުރެންދޫ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ނައިވާދޫން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝާއިން އެވެ. މެޗުގެ ދެ ވަނަ ހާފުގައި ނޭކުރެންދޫގެ ފައުލްތައް ގިނައިން ފެނުނުއިރު, ނޭކުރެންދޫ އިން ވަނީ މެޗުގެ ފަހު ފަސް މިނެޓަށް ދިޔައިރު, ފަސް ފައުލު ހަމަވެފަ އެވެ. އެ ޓީމުގެ ފަސް ފައުލް ހަމަވެ, ލިބުނު ޕެނަލްޓީއަކުން ނައިވާދޫގެ ދެވަނަ ގޯލު ޖެހޭ އަބްދުالله ޝާފިއު (ޝާއްޕެ) އެވެ. އެކަމަކު، އޭގެ މިނެޓެއް ފަހުން ނޭކުރެންދޫގެ މުހައްމަދު ވިލްފް ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. ނައިވާދޫގެ ތިން ވަނަ ލަނޑު ވެސް ޖެހީ ޝާއްޕެ އެވެ. ނޭކުރެންދޫ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ޝާއްޕެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އެކަމަކު، އޭގެ މިނެޓެއް ފަހުން ނޭކުރެންދޫގެ މުހައްމަދު ފަރުުހާން ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.

ގޯލު ޖެހުމަށްފަހު ނައިވާދޫ ކުޅުންތެރިން އުފާފާޅު ކުރަނީ - ފޮޓޯ: އަބްދުالله އިޔާން / އަދަދު
ރޭ ނޮޅިވަރަންފަރުން އެ އަތޮޅު ކުޅުދުއްފުށީގެ މައްޗަށް ކުރިހޯދީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި ނޮޅިވަރަންފަރުގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, އެ ޓީމުގެ ނާއިޒް ހަސަން (ދާދު) ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދެން ނޮޅިވަރަންފަރުން މި މެޗުގައި ޖެހި ގޯލު އެ ޓީމަށް ޖަހާދިނީ އަލީ ހުސެއިން އެވެ. މި މެޗުގައި ކުޅުދުއްފުށިން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ޖަހާދިނީ އަސްވަދު ރަޝީދެވެ.
ރޭ ހދ. އަތޮޅު ފިނޭގެ މައްޗަށް ހަނިމާދޫ ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ހަނިމާދޫން ކާމިޔާބުކުރި ލަނޑުތައް އެ ޓީމަށް ޖަހާދިނީ އާލިފް އިބްރާހީމް, ހައުޒާން އަބްދުލް ރަހީމް, އަބޫބަކުރު ސިއްދީގު އަދި ނައުފަލް އަބްދުލް ރައޫފް އެވެ.
ހދ. މަކުނުދޫ އަދި ވައިކަރަދޫ ބައްދަލުކުރި މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުން މަކުނުދޫ ކުރިހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ވައިކަރަދޫން ވަނީ ގޯލު ޖަހައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އިބްރާހީމް އަގީލް އެވެ. އަދި އޭގެ މިނެޓެއް ފަހުން އަގީލް ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު، އޭގެ ދެ މިނެޓު ފަހުން ވައިކަރަދޫން ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. ވައިކަރަދޫގެ ކެޕްޓަން އިބްރާހީމް ސާވީގެ އެހީތެރިކަމާއެކު މި ގޯލު އެ ޓީމަށް ޖަހާދިނީ ޒިދާން އަހުމަދެވެ. އަދި އޭގެ ދެ މިނެޓު ފަހުން ޒިދާން ވަނީ އިތުރު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި މެޗުން ވައިކަރަދޫ މޮޅުވި ލަނޑު މެޗުގެ ފަހު ސިކުންތުކޮޅު ތެެރޭގައި ވައިކަރަދޫއަށް ޖަހާދިނީ ސާވީ އެވެ.
ހދ. އަތޮޅުގެ މެޗުތަކުގެ އިތުރުން ރޭ ވަނީ ރ. އަތޮޅުގެ މެޗުތައް ވެސް ކުރިއަށް ގޮސްފަ އެވެ.
ރޭ އިނގުރައިދޫ އިން އެ އަތޮޅު ފައިނު ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތްވަނަ މިނެޓުގައި އިނގުރައިދޫގެ އަހުމަދު މަސީދު ވަނީ ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 11 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު އައިހަމް ވަނީ އިނގުރަދޫގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިނގުރައިދޫގެ ތިންވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އިސްމާއިލް ޝައިހާން އެވެ. ފަހު ހާފުގައި އިނގުރައިދޫން އެ ޓީމުގެ ބެންޗުގެ ބޭނުން ވަރަށް ބޮޑަށް ހިފި އެވެ. އިނގުރައިދޫގެ ފަހު ލަނޑު އެޓީމަށް ޖަހާދިނީ ވެސް ޝައިހާން އެވެ.
ރ. އަތޮޅުގެ ދުވާފަރުން ރޭ ކުޅުނު މެޗުގައި އަލިފުށީގެ މައްޗަށް ކުރިހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ހަތަރުވަނަ މިނެޓުގައި ދުވާފަރުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ހަސަން އަޒޫމް އަލީ އެވެ. އޭގެ ފަސް މިނެޓު ފަހުން ދުވާފަރުގެ ލީޑު އެ ޓީމަށް ފުޅާކޮށްދިނީ އިސްމާއިލް އީސަ (މެސީ) ޖެހި ގޯލުންނެވެ. މެޗުގައި ދުވާފަރުން ޖެހި ފަހު ދެ ލަނޑު އެ ޓީމުން ޖެހީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އެ ގޯލުތައް ޖެހީ އީސަގެ އިތުރުން މޫސާ މުޒާހް މުހައްމަދެވެ.

ރ. ދުވާފަރާއި ރ. އަލިފުށި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު
މީދޫން މަޑުއްވަރީގެ މައްޗަށް ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މީދޫގެ ލަނޑުތައް ޖަހާދިނީ, މުހައްމަދު އަނާން, އިބްރާހީމް ނައީމް އަދި މާޖިދު އަބްދުލް ގަފޫރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. އެއީ ނ. އަތޮޅުގެ މެޗުތަކާއި, ތ. އަތޮޅުގެ މެޗުތަކުގެ އިތުރުން ލ. އަތޮޅުގެ މެޗުތަކެވެ.













