އަބީޖާން، އައިވަރީ ކޯސްޓް (ޖެނުއަރީ 16) - އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅުނު ފުރަތަމަ މެޗުތަކުން މުބާރާތުގައި ތަފާތު ދައްކާނެ ކަމަށް ބެލެވުނު، ނައިޖީރިއާ، މިސްރު، ކެމަރޫން، ގާނާ އަދި އަލްޖީރިއާ އަށް މޮޅެއް މޮޅެއް ނުވެވި އުނދަގޫ ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ގްރޫޕް އޭގައި ނައިޖީިރިއާ ވަނީ 1-1 އިން އިކުއޭޓްރަލް ގިނީއާ އެއްވަރުވެފަ އެެވެ. ގްރޫޕް ބީގައި މިސްރުން ވަނީ މޮޒަމްބީކާ ކުޅެ 2-2 އިން އެއްވަރުވެފަ އެވެ. އެ ގްރޫޕްގައި އޮތް ގާނާ ވަނީ 2-1 އިން ކޭޕް ވާޑް އަތުން ބަލިވެފަ އެވެ.
ގްރޫޕް ސީގައި ކެމަރޫން އާއި ގިނީ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ގްރޫޕް ޑީގައި ރޭ އެންގޯލާ އިން ވަނީ 1-1 އިން އަލްޖީރިއާއާ އެއްވަރުކޮށްފަ އެވެ.
އެފްރިކަން ކަޕް، 2019 ވަނަ އަހަރު ކާމިޔާބު ކުރި އަލްޖީރިއާ އިން ރޭ ކުޅުނު މެޗުގައި ވަނީ ބަގުދާދު ބޫނެޖާގެ ގޯލުން ފުރަތަމަ ހާފުގައި ލީޑުނަގައިފަ އެވެ. ގަތަރުގެ އަލް ސާދަށް ކުޅޭ ބޫނެޖާ އިތުރު ގޯލެއް ވެސް ޖެހި އެވެ. އެކަމަކު، އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
ދެ ވަނަ ހާފުގައި އެންގޯލާ އިން ޕެނަލްޓީއެއް ކާމިޔާބުކޮށް އެއްވަރުކުރި އެވެ. މިއީ ޕެނަލްޓީ އަކުން މަބުލޫލޫ ޖެހި ލަނޑެކެެވެ. މިއީ އަލްޖީރިއާގެ މިޑްފީލްޑަރު، ނަބީލް ބެންޓަލެބް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
މި ފަހަރުގެ މުބާރާތް ވަރުގަދަކޮށް ފެށި ޓީމުތަކަކީ އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލް އާއި ހޯސްޓް، އައިވަރީ ކޯސްޓް އެވެ. އައިވަރީ ކޯސްޓުން ގިނީ ބިސާއު އަތުން 2-0 އިން މޮޅުވިއިރު، ސެނެގާލުން ވަނީ 3-0 އިން ގެމްބިއާ ބަލިކޮށްފަ އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ، މޮރޮކޯ އާއި ޓިއުނީޝިއާ އިން އަދި މެޗެއް ނުކުޅެ އެވެ. ޓިއުނީޝިއާ އިން ފުރަތަމަ މެޗުގައި މިއަދު ނަމީބިއާއާ ކުޅޭއިރު، މޮރޮކޯ އިން މާދަމާ ކުޅޭނީ ޓެންޒޭނިއާއާ އެވެ.












