މިއަދު ބޭއްވި މާލޭ މޭޔަރު ހޮވުމުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބުނު ކާމިޔާބީއާއެކު ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖެއްސުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މާލޭގެ މޭޔަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންގައި އާދަމް އާޒަމް ހޯއްދެވި ކާމިޔާބީ ފާހަގަކުރަން ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ކުރީގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރަކަށް ޖެެއްސުމުގެ ގޮތުން އަންނަ ހަފްތާގައި އަތޮޅުތަކަށް ދަތުރުތައް ފަށާނެ ކަމަށެވެ. ފުރަތަމަ ދަތުރު ރާވާފައި ވަނީ ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ.
ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީގެ މާޔޫސް ކަމަށް ފަހު، އެމްޑީޕީން މަޑުކޮށްލައިގެން އޮތީ ސަރުކާރު ހިންގާ ގޮތުގެ "ވާނުވާ" ބަލައިލުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިއީ އާ ފެށުމެއް، އާ ހިތްވަރެއް، މި ލިބުނު ކާމިޔާބާ އެކު ދެން އޮތް މަސައްކަތަކީ މަޖިލީހުން ރަނގަޅު އަދަދެއް ހޯދައި ސަރުކާރު ޖަވާބުދާރީ ކުރުވުން، މާލެ މުއިއްޒު ކުރުމަށް ފަހު ރާއްޖެ މުއިއްޒު ކުރާކަށް ފުރުސަތެއް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.
މިއަދު ބޭއްވި އިންތިހާބުން މާލޭ ރައްޔިތުން ދިން މެސެޖާއި މާލޭ ރައްޔިތުން ތިބި ގޮތް ވެސް ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

މޭޔަރު ކަމަށް އާޒިމް ހޮވުމަށް ދިން އެއްބާރުލުން މަޖިލިސް އިންތިހާބަށް ކުރާ މަސައްކަތުން ވެސް ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
މިއަދުގެ އިންތިހާބުގައި ގާތްގަނޑަކަށް 17،442 މީހުން ވޯޓުލިއިރު އޭގެ ތެރެއިން 44 ޕަސެންޓު ވޯޓު ހޯއްދެވީ އާޒިމް އެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރެވެ. އޭނާއަށް ގާތްގަނޑަކަށް 5026 ވޯޓު ލިބިވަޑައިގަތެވެ.
މޭޔަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ތިން ވަނައަށް ވަޑައިގަތީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހެވެ. ހަތަރު ވަނައަށް އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދު ވަޑައިގެންނެވިއިރު އެންމެ ފުލަށް ދިޔައީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝުއައިބު އަލީ އެވެ.













