ޝަރުއީ އަދި ގާނޫނީ ދާއިރާގެ މަސައްކަތަށް ނުވަތަ ތަމްރީނަކަށް، ބޭރު ގައުމެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއަކަށް ނުވަތަ އެހެން ޕްރޮގްރާމަކަށް ވެސް ފަނޑިޔާރުން ވީއްލުމުގައި އަމަލު ކުރާ ގޮތުގެ އުސޫލެއް އެކުލަވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލައި މިދިޔަ ބުދަ ދުވަހު ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ އެ އުސޫލުގައި ފަނޑިޔާރުންނަށް ވީއްލެވޭނެ ހާލަތްތަކާއި ވީއްލުމަށް ޓަކައި ފަނޑިޔާރުން ފުރިހަމަ ކުރަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ.
ފަނޑިޔާރުން ވީއްލެވޭނެ ހާލަތްތަކަކީ؛
- ލެކްޗާއެއް ނުވަތަ ތަމްރީނެއް ދިނުމަށް
- ތައުލީމު ފޯރުކޮށްދޭ ފަރާތުން އެދިގެން ކުރާ ދިރާސީ މަސައްކަތަށް
- ޖުޑީޝަލް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ޕްރޮގްރާމްތަކަށް
- ކޯސްތަކުގެ ނުވަތަ ތަމްރީނު ޕްރޮގްރާމްތަކުގެ ކްލާސްތަކަށާއި އިމްތިހާނުތަކަށް
- ކުރު މުއްދަތުގެ ފުލްޓައިމް ތަމްރީނު ޕްރޮގްރާމްތަކަށް
- ދިގު މުއްދަތުގެ ފުލްޓައިމް ކޯސްތަކަށް
- ޝަރުއީ އަދި ގާނޫނީ ދާއިރާގެ މަސައްކަތަކަށް
- ބޭރު ގައުމެއް ނުވަތަ ބައިނަލް އަގުވާމީ ޖަމިއްޔާއެއްގެ މަސައްކަތަކަށް
ފަނޑިޔާރުން ވީއްލުމުގެ ހުއްދަ ދިނުމަށް ބަލާނެ މިންގަނޑުތަކަކީ؛
- ފަނޑިޔާރަކު ކުރާ މަސައްކަތާއި ފުރިހަމަކުރާ ތަމްރީނަކާ ގުޅުން ހުރި މިންވަރު
- ފަނޑިޔާރުގެ ކޭސް ޑިސްޕޯސަލް ރޭޓް ނުވަތަ މައްސަލަ ނިންމަމުން އަންނަ ރޭޓު
- ހިދުމަތުގެ މުއްދަތު
- ޖުޑިޝަރީން ކުރިއަށްދާ ބިނާކުރަނިވި މަސައްކަތާއި ތަމްރީނުތަކުގައި ބައިވެރިވާ މިންވަރު
- މަސައްކަތުގެ ފެންވަރު ވަޒަންކުރާ އިވެލުއޭޝަނުން އެންމެ ފަހުން ލިބިފައިވާ ނަތީޖާ
- ޖޭއެސްސީން ތަހުގީގުކޮށް ސާބިތުވެފައިވާ މައްސަލަތަކުގެ ތުހުމަތުގެ ކުޑަބޮޑުމިން
- ހާޒިރީ ރިކޯޑު
މުސާރައާއި އިނާޔަތް ލިބޭ ގޮތަށް ވީއްލުމުން، ފަނޑިޔާރުން ހިދުމަތް ކުރުމަށް އިގުރާރު ވާން އޮތް އުސޫލުތަކަކީ؛

- ތިން މަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، އެއް އަހަރު ދުވަހަށް ހިދުމަތް ކުރުން
- ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، ތިން އަހަރު ދުވަހަށް ހިދުމަތް ކުރުން
- އެއް އަހަރާއި ދެ އަހަރުގެ ދެމެދުގެ މުއްދަތެއް ނަމަ، ފަސް އަހަރު ދުވަހަށް ހިދުމަތް ކުރުން
މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ވީއްލުމުން، ފަނޑިޔާރުން ހިދުމަތް ކުރުމަށް އިގުރާރު ވާން އޮތް އުސޫލުތަކަކީ؛
- ތިން މަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތެއް ނަމަ، އެއް އަހަރު ދުވަހަށް ހިދުމަތް ކުރުން
- ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތެއް ނަމަ، ދެ އަހަރު ދުވަހަށް ހިދުމަތް ކުރުން
- އެއް އަހަރާއި ދެ އަހަރުގެ ދެމެދުގެ މުއްދަތެއް ނަމަ، ތިން އަހަރު ދުވަހަށް ހިދުމަތް ކުރުން
ޖުޑިޝަލް އެޑަމީން ހިންގާ ޕްރޮގްރާމްތަކަށް ފަނޑިޔާރުން ވީއްލުމަށް އެދި ޖޭއެސްސީއަށް ހުށަހަޅަން ޖެހެނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ. އެހެން ޕްރޮގްރާމްތަކަށް އެ ކަމަށް އެދި ކޮމިޝަނަށް ހުށަހަޅަން ޖެހޭނީ ފަނޑިޔާރު އަމިއްލައަށެވެ.
އެ ގޮތަށް އެދި ހުށަހަޅާއިރު ތަމްރީނު އިންތިޒާމުކުރާ ފަރާތުން ދައުވަތު ދިން ނުވަތަ ޖާގަ ލިބުނުކަމުގެ ލިޔުމާއި އޭގެ މުއްދަތު އަންގައިދޭނެ ލިޔުމަކާއި ދަތުރު ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ޕްރޮގްރާމް ކުރިއަށް ދާނެ ގޮތް އަންގައިދޭ ލިޔުމަކާއި ޓައިމްޓޭބަލް ހުށަހަޅަން ޖެހެ އެވެ.
ތިން މަހަށް ވުރެ ކުރު މުއްދަތުގެ ޕްރޮގްރާމެއް ނަމަ ކޮމިޝަނުގެ ރައީސްގެ ބެލުމުގެ ދަށުން ހުއްދަ ދޭނެ އެވެ. ނަމަވެސް އެއަށް ވުރެ ދިގު މުއްދަތެއް ނަމަ، އޭގައި ގޮތެއް ނިންމާނީ ކޮމިޝަނުންނެވެ.












