ދިވެހިރާއްޖެއަށް ވެފައި މިވާ ގޮތަކީ، ލޮނު ފަސާދަވުން

ދިވެހިރާއްޖެއަށް ވެފައި މިވާ ގޮތަކީ، ލޮނު ފަސާދަވުން

އިހުޒަމާނުގެ ވާހަކައެއްގައި އޮވެ އެވެ. ދެމަފިރިއަކު އެކަނިމާއެކަނި އުޅެންޖެހުމުން އެމީހުން ގުޅޭނެ ގަބީލާއެއް ހޯދުމަށް އެމީހުން ނުކުތެވެ. އިހުގެ ޒަމާންތަކުގައި ގައުމުތަކެއް ނޯވެ އެވެ. އެކަމަކު ގަބީލާ ގަބީލާއަށް އެބައި މީހުން އެއްބަސްވާ ވެރިއަކު ހުރެގެން ޖަމާއަތް ހަދައިގެން ކުރިއަރައިދިއުމަށާއި ދުނިޔަވީ މަސްލަހަތުތަކަށްޓަކައި އުޅެމުންދާ ދިއުން އެންމެ ދެމީހަކު އެފަދައިން އުޅުމަށްވުރެ ރައްކާތެރިކަން ބޮޑުވެފައި މަސްލަހަތުގެ ގޮތުން ފައިދާ ބޮޑުކަމުގައި އޭރުވެސް އިންސާނުން ގަބޫލުކުރާތީ އެވެ. މި ދެމަފިރިން ގަބީލާއެއް ހޯދަމުންދަނިކޮށް ސަރަހައްދެއްގައި ވަޒަންވެރިވެގެން އުޅޭ ބަޔަކު ފެނިއްޖެ އެވެ. އެ ގަބީލާގެ ބޮޑަކަށް ހުރި މީހާ އަށް މިދެމީހުން އެބައިމީހުންގެ ތެރޭގައި ބަލައިގަތުމަށް ހުށަހެޅުމުން ގަބީލާގެ ވެރިމީހާ އެކަމަށް މަރުހަބާ ކިޔައި، އެދެމަފިރިންނަކީ އެ ގަބީލާގެ މީހުންކަމުގައި ހަދައިފި އެވެ.

އޭގެ ހަތަރު ވަރަކަށް ދުވަސް ފަހުން ގަބީލާގެ ވެރިމީހާއަށް އެއްކަލަ ދެމަފިރިންގެ ތެރެއިން އަންހެން މީހާ ފެނި، އެއަންހެން މީހާގެ ރީތިކަމާމެދު އަޖައިބުވެގެން އޭނާގެ ހިތުގައި ނުބަޔެއް ހަދާލުމުގެ ނިޔަތެއް ހިނގައިފި އެވެ. އެޔާއެކު ގަބީލާގެ މީސްތަކުން އެއްކޮށްފައި ބުނެފި އެވެ. އަހަރެމެން މިހާރު ވަޒަންވެރިވެގެން މިތިބަ ސަރަހައްދަށް ވުރެ، ހުރިހާ ގޮތަކުން ވެސް މާރަނގަޅު ސަރަހައްދެއް އެއްރޭ އެއް ދުވާލުގެ ރާސްތާގެ ދުރުމިނުގައިވެ އެވެ. އެހެންވީމާ އެއީ ހަމަ އަސްލަށް ވެސް މިއަށްވުރެ ރަނގަޅު ތަނެއްތޯ ބަލައި ކަށަވަރުކުރުމަށް ފަހު އެތަނަށް އަހަރެމެން އެންމެން ގޮސް އެތަނުގައި ވަޒަންވެރިވުން މާބުއްދިވެރި އެވެ. އެހެންވީމާ އަހަރެން މިގަސްދު ކުރަނީ، ތިން މީހެއްގެ ޖަމާއަތެއް ފުރަތަމަ އެތަނަށް ފޮނުވުމަށެވެ. މިހެން ބުނެފައި ތިން މީހަކު އިހްތިޔާރުކޮށްފި އެވެ. އަދި އޭގެ ތެރޭގައި އެއްކަލަ ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ހިމަނައިފި އެވެ. އެއަށްފަހު އެކަން ކުރުމަށް އަމުރުކޮށް އެބައިމީހުން އެ ދަތުރުގައި ފޮނުވައިފި އެވެ.

އެ ދުވަހުގެ އިރުއޮއްސި ދަންވަރުވުމުން ގަބީލާގެ ވެރިމީހާ އެއްކަލަ އަންހެން މީހާ ހުރި ފޭލިގެއަށް ގޮސް ސަލާން ގޮވާލައިފި އެވެ. އެމީހާ ކާކުތޯ ސުވާލުކުރުމުން މިއީ ގަބީލާގެ ވެރިމީހާ ކަމުގައި ބުނެފި އެވެ. މިހާ ދަންކޮށްފައި އައީ ކޮން ކަމަކާތޯ އަންހެން މީހާ ސުވާލުކުރުމުން، ވެރިމީހާގެ ހިތުގައި އޮތް ނުބައި ނިޔަތް ހާމަކޮށް އޭނާ އެދޭ ކަންތައް ހުށަހަޅައިފި އެވެ. އަންހެން މީހާ ބުނެފި އެވެ. ތިމަންނާގެ ފިރިމީހާ އެ ދަތުރުގައި ފޮނުވީ ތިހެން ވެގެން ހެއްޔެވެ؟ ވެރިމީހާ ބުންޏެކެވެ. އާއެކެވެ. އެހެންވެ އެވެ. އަންހެން މީހާ ބުނެފި އެވެ. ވެރިމީހާ ބޭނުންވެގެން އުޅޭ ކަންތައް ވެދާނެ އެވެ. އެކަމަކު ޝަރުތަކާއެކުގަ އެވެ. އަހަރެން މިކުރާ އަރަތުގެ ޖަވާބު ގެނެސްދޭށެވެ. ވެރިމީހާ އެކަމަށް އެއްބަސްވުމުން އަންހެން މީހާ ބުންޏެވެ. އަހަރެމެން ގިނަ ދުވަހަށް އެއްގަމު މަސް ރައްކާތެރި މިކުރަނީ ލޮނު އަޅައިގެންނެވެ. އެކަމަކު ލޮނު ފަސާދަވެއްޖެނަމަ، ލޮނު ރަނގަޅު ކުރާނީ ކާކު ހެއްޔެވެ؟

ޖެހިގެން އައި ދުވަހު ވެރިމީހާ ގަބީލާގެ އެންމެން އެއްކޮށްފައި، މި އަރަތް އެމީހުންނަށް ހުށަހަޅައިފި އެވެ. ލޮނު ފަސާދަވެއްޖެނަމަ، ލޮނު ރަނގަޅު ކުރާނީ ކާކު ހެއްޔެވެ؟ ކޮންމެ މީހަކު ވެސް ވައްތަރެއްގެ ޖަވާބެއްދެ އެވެ. އެކަމު ޖަވާބަކަށް ވާކަހަލަ ޖަވާބަކަށް ނުވެ އެވެ. އެތަނުގައި ވަރަށް ހިކުމަތްތެރި މީހަކު ވެސް އިނެވެ. އޭނާ ހަމަ ބަހަކުން ބަހެއް ނުބުނެ އިނީ އެވެ. މަޖިލިސް ނިމިގެން އެންމެން އެކި ދިމަދިމާއަށް ގޮސް ހިކުމަތްތެރި މީހާއާއި ގަބީލާގެ ވެރިމީހާއާ އެކެނި ވީމާ ހިކުމަތްތެރިޔާ ބުނެފި އެވެ. އަރަތުގެ ޖަވާބު އަހަންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ގަބީލާގެ ވެރިމީހާ ބުންޏެވެ. ޖަވާބަކީ ކޮބާ ހެއްޔެވެ؟ އަވަހަށް ބުނެދީބަލާށެވެ! މި އަރަތުގެ ޖަވާބު ވަރަށް އަވަހަށް އެނގުން އަހަންނަށް މުހިންމެވެ.

އެމީހާ ބުންޏެވެ. ވެގެން އުޅޭ ގޮތަކީ ފިރިއަކު ހާޒިރުގައި ނެތް އަތްނބަކަށް ތިބާ ހުށަހަޅަނީ އާދައިގެ ހުށަހެޅުމެއް ނޫނެވެ. އެކަން މަނާ ކުރުމުގެ ގާބިލުކަމެއް، ކުޅަދާނަ ކަމެއް އެ އަންހެން މީހާގެ ނެތެވެ. ސަބަބަކީ އޭނާއަށް ލިބޭ އަނިޔާއެއް ނުވަތަ އުނދަގުލެއްގެ ޝަކުވާ އުފުލަންޖެހޭ ފަރާތަކީ ތިޔައީ އެވެ. އަދި އެކަމުގެ ހައްލު ވެސް ދޭނެ ފަރާތަކީ ތިޔައީ އެވެ. އެކަމަކު އެ އަނިޔާ ނުވަތަ އުނދަގޫ އަންނަނީ ތިޔަ ފަރާތުން ކަމަށްވީމާ އެކަމަނާއަށް އެކަމުގައި ލިބޭނެ އެއްވެސް ހައްލެއް ނެތެވެ. އެހެންވެގެން އެކަމަނާ ސުވާލުކުރަނީ އެވެ. ގަބީލާގެ އާންމުން ގޯސްވީމާ ހަމަ މަގަށް އަޅުވަނީ ގަބީލާގެ ބޮޑުންނެވެ. ބޮޑު މީހާ އެވެ. އެކަމަކު ބޮޑުންނާއި ބޮޑުމީހާ މަގުން އެއްކިބާވީމާ، އެމީހުން ހަމަ މަގަށް އަޅުވާނީ ކާކު ހެއްޔެވެ؟ ގަބީލާގެ ވެރި މީހާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އެވެ. އެއަށްފަހު ބުންޏެވެ. އަހަރެންގެ ކަންތައް ސިއްރުކޮށްދޭށެވެ. ތިބާއަށާއި، އެ އަންހެން މީހާއަށާއި އެ އަންހެން މީހާގެ ފިރިމީހާއަށް ވެސް ރައްކާތެރިކަން ލިބިގެންދާނެ އެވެ.

ފަށަމުން ވެސް އަޅުގަނޑު ދެންނެވި ފަދައިން ވާހަކައިގެ ހާދިސާ ނިސްބަތް ކުރެވެނީ ސަހަރާތެރޭގައި އިންސާނުންގެ ގަބީލާތައް ދިރިއުޅެމުންދިޔަ ދުވަސްވަރަށެވެ. ވަކި ސަރަހައްދެއްގައި ވަޒަންވެރިވެގެން އުޅެފައި، އެސަރަހައްދު ކަމުނުދިޔައީމާ އެހެން ސަރަހައްދަކަށް ހިޖުރަކުރަމުން ދިއުމުގެ މައްޗަށް ދިރިއުޅުން ބައްޓަންކޮށްގެން ތިބި ވަރަށް އިހުގެ، އިހުޒަމާނުގެ އިންސާނުންގެ ދުވަސްވަރަށެވެ. އެދުވަސްވަރުގައި ކާބޯތަކެތި ދިގު މުއްދަތަކަށް ރައްކާތެރިކުރާނޭ ވަސީލަތްތަކެއް ނުހުރެ އެވެ. ދިގު މުއްދަތަށް ތަކެތި ރައްކާތެރިކުރުމުގައި އެންމެ ބޮޑަށް ބޭނުންކުރާ އެއްޗަކަށް ވެފައި އޮތީ ލޮނެވެ. މަސް ފަދަ ތަކެތި ލޮނު އަޅައިގެން ލޮނަށް ލައިގެން ލޮނު ބޭނުންކޮށްގެން، ވަރަށް ދިގު މުއްދަތަކަށް ރައްކާތެރިކުރެވޭ ގޮތް ހެދެ އެވެ. އެހެން ކަމަށްޓަކައި އޭރުގައި ލޮނަކީ ތަކެތި ފަސާދަވެ ހަލާކުވުމުން ދުރުކުރުމަށް ވަރަށް މުހިންމު ވަސީލަތަކަށް ވެފައިވެ އެވެ.

އެހެންވީމާ އަންހެން މީހާ އެކުރަނީ މުހިންމު ސުވާލެކެވެ. ގަބީލާގެ މީހުން ބަނޑުފުރާނަ މުއްތިކުރުމަށް ކޮންމެ ދުވަހަކު ކާ އެތިކޮޅެއް ނުލިބެ އެވެ. އެއް ދުވަހު ގިނައިން ލިބޭ އެތިކޮޅު ފަސާދަވިޔަނުދީ، ފަހަށް ރައްކާކުރުމަށް ކުނި ނުވާ ގޮތް ހެދުމަށް ބޭނުންކުރަނީ ލޮނެވެ. އެކަމަކު އެ ލޮނު ފަސާދަވެއްޖެނަމަ ނުވަތަ ކުނިވެއްޖެނަމަ ދެން ކަންކުރާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އަހަރެމެންގެ މި ދިވެހިރާއްޖެއަށް ވެފައި ވަނީ އެފަދަ ގޮތެކެވެ. ތަންތަނަށް މީހުން އިންތިހާބުކޮށް ވަރުވަރުން ވެރިންނާއި ނާއިބުންނާއި ސެކެރެޓަރީން ލަނީ ކަންކަން އިސްލާހު ކުރުމަށެވެ. އެކަމަކު އިސްލާހު ކުރަން ތިބި މީހުން ފަސާދަ ވެއްޖެނަމަ ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ ބޯމަތިވަމުން މިއަންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރެވެ. ރައްޔިތުންގެ މަޖިލީހަކީ، ދައުލަތުގެ ތިންބާރުގެ ތެރެއިން އެންމެ މަސްއޫލިއްޔަތު ބޮޑު، އެންމެ ބޮޑު ބާރުތައް ލިބިފައިވާ އެންމެ ބޮޑު ބާރެވެ. އެބާރުގައި ހިމެނެނީ ރައްޔިތުން ހޮވާ މަންދޫބުންނެވެ. އެހެންވީމާ ގަބީލާގެ ވެރިންނަކީ މިއަދު ގާނޫނީ ނިޒާމު އޮތް ގޮތުން ރައްޔިތުންނެވެ. އެކަމަކު ލާރިކޮޅު ދޭ މީހާއަށް ވޯޓު ދީފައި، އެއްމަހުގެ ކަރަންޓު ބިލު ދައްކައިދޭ މީހާއަށް ތިމާގެ ތާއީދު ވިއްކާލާނަމަ، ވޯޓުގެ ބާރުން އަންނަ މަޖިލީސް ރަނގަޅު ވާނީ ކިހިނަކުން ހެއްޔެވެ؟

އައްރަޢުދު ސޫރަތުގެ 11 ވަނަ އާޔަތުގައި ވެއެވެ. "ހަމަކަށަވަރުން، ބަޔަކު މީހުންގެ ހާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ އެ ހާލަތު ބަދަލެއް ނުކުރައްވާނެ އެވެ. ހަމަކަށަވަރުން ﷲ ބަޔަކު މީހުންނަށް ނުބައި ކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެ އެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެ އެވެ."

ބޯހިޔާވަހިކަމުގެ މައްސަލައާގެން ޝަކުވާކުރާ އާންމު ރައްޔިތު މީހާއެވެ! ކޯޓުތަކުން އަދުލު އިންސާފު ނުލިބޭކަމަށް ބުނެ ކުސްތަޅާ ރައްޔިތު މީހާއެވެ! ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމު ބޮއްސުންލައިފިކަމަށް ބުނާ މީހާއެވެ! ދައުލަތުގެ އިދާރާއެއްގެ ތެރެއިން ކޮންމެވެސް ނުފޫޒަކާ ނުލައި ހަމަ އެއްވެސް ކަމެއް މިހާރު ނުކުރެވޭކަމަށް ބުނަމުން އަންނަ އިންސާނާއެވެ! ތިބާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަށް ވޯޓު ދިނުމުގައި، ތިބާގެ އަމަލު ފާސިދުވީމާ ތިބާގެ އަމަލު އިސްލާހުކުރާނީ ފަހެ ކާކުހެއްޔެވެ؟ ތިބާގެ އަމަލަކީ ލޮނެވެ. ލޮނު ފަސާދަވީމާ އެކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

ކަލާންގެ ސަފުން ބަދަލުނުކުރައްވަތޭ ގައުމެއްގެ ހާލާތެއް، ނުވާނަމަ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ހިޔާލާތެއް.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox