ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރެއްގެ ގޮތުގައި ގިޒްމޯ ހަމަޖައްސައިފި އެވެ.
މި މަހުގެ 14 ވަނަ ދުވަހު ފަށާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން ގޯލްޑަން އިން ވަނީ މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންނާއެކު ސޮއި ކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ނައިބު ރައީސް މުހައްމަދު ނިހާން (ޑޮނީ) އެވެ. އަދި މި އެއްބަސްވުމުގައި ގިޒްމޯގެ ފަރާތުން ސޮއި ކުރެއްވީ ހުސެއިން ވިޝާއު މުހައްމަދެވެ.
ގިޒްމޯ އަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ކޮމްޕިއުޓަރު އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
މި މަހު ފަށާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2024" މުބާރާތުގަައި 129 ޓީމު ވާދަކުރާނެ އެވެ. އެ ގޮތުން، 320 މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅުން ޓީމުތައް ވާދަކުރާނެ އެވެ. މީގެ ކުރިން، ވ އަތޮޅާއި ނ. އަތޮޅުން މެޗުތަކެއް ނުފެނުނު ނަމަވެސް ކުރިއަށް އޮތް މުބާރާތުގައި އެ އަތޮޅުތަކުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖް ފެށުން އޮތީ ޗެރިޓީ ޝީލްޑް މެޗަކުންނެވެ. މިހާރު ޝެޑިއުލްކޮށްފައިވާ ގޮތުން، ޗެރިޓީ އަށް ކުޅޭ އެ މެޗުގައި އަންނަ މަހު 14 ވަނަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ދެ ޗެމްޕިއަނުން ކަމަށްވާ ތ. ތިމަރަފުށްޓާއި ލ. ގަން އެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. މީޑިއާ ޕާޓްނަރަކަށް ވަން ސްޕޯޓްސް ހަމަޖައްސާފައިވާއިރު، މީޑިއާ/ޕަބްލިކް ރިލޭޝަން (ޕީއާރް) ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އިން މި ފަހަރު ވެސް މަސައްކަތް ކުރާނެ އެވެ.
މީގެ އިތުރުން ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި އިމޭޖަސް. އެމްވީ މަސައްކަތް ކުރާއިރު, އޮފިޝަލް ޖާޒީ ޕާޓްރަކީ ޖާޒިއާ އެވެ. އަދި ޕާޓްނަރެއްގެ ގޮތުގައި ގިޒްމޯގެ އިތުރުން ލައިޕް ސަޕޯޓް ހިމެނެ އެވެ.













