އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި ހުރި ކުޅިވަރު ދަނޑުތަކުގެ މަޝްރޫއުތަކުގައި ފެންނަން ހުރީ ހަމައެކަނި ކުރެހުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ރާފިއު ވިދާޅުވީ އެލްއޯސީގެ ޕްރޮޖެކްޓްތަކުން ފެންނަން ހުރީ ހަމައެކަނި ކުރެހުން ކަމަށެވެ.
އެހެންވެ، އެލްއޯސީގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެ ގޮތުން، އެލްއޯސީ ބޭފުޅުންނާ އެކު ބޭއްވުނު ބައްދަލުވުންތަކުން އެނގިގެންދިޔައީ އަދި މި މަސައްކަތްތައް ހުރީ "ޕްރިލިމިނަރީ" ސްޓޭޖުގައި ކަމަށާއި, ޕްރޮޖެކްޓުތައް ހުރީ ކޮންޓްރެކްޓް ނުކުރެވި ކަމަށް ރާފިއުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
ކުރެހުން އެބަހުރި, ވާހަކަވެސް ދެކެވިފަ ހުރީ އެކަމަކު ޕްރޮޖެކްޓްތައް ހުރީ ކޮންޓްރެކްޓުވެސް ނުކުރެވި -- މިނިސްޓަރު ރާފިއު
އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ކުޅިވަރުގެ ގިނަ ޕްރޮޖެކްޓްތަކެއް މިދިޔަ ސަރުކާރުން ވަނީ ހިންގަން ނިންމައިފަ އެވެ. އެ ގޮތުން ގަލޮޅު ދަނޑުގެ މަސައްކަތާއި, ވޮލީ ކޮމްޕްލެކްސްގެ މަސައްކަތާއި, ޓީޓީ ކޮމްޕްލެކްސްގެ މަސައްކަތުގެ އިތުރުން ބާސްކެޓް އިންޑޯގެ މަސައްކަތް އަދި އަތޮޅުތެރޭގެ ހަތަރު ސަރަހައްދުގައި ސިންތެޓިކް ޓްރެކް އެޅުން ހިމެނެ އެވެ.

ކެބިނެޓް ބައްދަލުވުމުގެ ތެރެއިން ރާފިއު.--- ފޮޓޯ: ރައީސް އޮފީސް
ރާފިއު ވިދާޅުވީ މިދިޔަ ސަރުކާރުން އެޅުމަށް ނިންމި ސްޕޯޓްސް ކޮމްޕްލެކްސްތަކަކީ ކޮމްޕްލެކްސް ފެންވަރު ހުރި ތަންތަންތޯ ސުވާލު އުފެދޭ ކަމަށެވެ. އޭގެ ބަދަލުގައި އެއީ ޓްރެއިނިންގް ފެސިލިޓީތަކެއް ކަމަށް ރާފިއު ވިދާޅުވި އެވެ.
"ކުރެހުން ބަލާލީމަ އެބަ ފެނިގެންދޭ މިއީ އަސްލު ކޮމްޕްލެކްސްގެ ސިފަތައް ހުރިތަންތަން ނޫން ކަން. އަޅުގަނޑަށް ބޮޑަށް ސިފަވެގެންދަނީ މިއީ ޓްރެއިނިންގް ފެސިލިޓީއެއްގެ ގޮތައް." ރާފިއު ވިދާޅުވި އެވެ.
އެހެން ނަމަވެސް މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި, ސަބަބަކީ މީގެން އެއް ޕްރޮޖެކްޓް ކެންސަލް ކުރަން ބޭނުންވި ނަމަވެސް ވަރަށް ބައިވަރު މަސައްކަތް އެޑްމިނިސްޓްރޭޓިވްލީ ކުރަން ޖެހޭތީ ކަމަށެވެ.
މި ވާހަކަތަކާ ބެހޭގޮތުން، ކުރީ ސަރުކާރުގެ ކުޅީވަރާ ބެހޭ ވަޒީރު، އަހުމަދު މަހުލޫފް ވިދާޅުވީ އެލްއޯސީގެ ޕްރޮޖެކްޓްތަކުގައި ކުރެވިފައި ހުންނާނީ ހަމައެކަނި ކުރެހުމުގެ ކަންކަމެއް ނޫން ކަމަށެވެ.
"އެލްއޯސީގެ ޕްރޮޖެކްޓްތަކުގައި އޮންނާނީ ހަމައެކަނި ކުރެހުމެއް ނޫން. ފިނޭންސް މިނިސްޓްރީ އިން އިވެލުއޭޝަން ނިންމާ ކޮންޓްރެކްޓްގައި ސޮއިކުރަން އަންގާފައި އޮތީ" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އޭރު ކޮންޓްރެކްޓުގައި ސޮއި ނުކުރީ އާ ސަރުކާރު ހަވާލުވާން ކައިރިވެފައި އޮތުމުން އަވަސް އަރުވާލައިގެން އެކަން ނުކުރުމަށް ކަމަށެވެ.
މިނިސްޓަރު، ރާފިއު ވިދާޅުވީ، އެންމެ ބޮޑަށް ދެކެވިފައި އޮތީ ގަލޮޅު ދަނޑުގެ މަސައްކަތުގެ ވާހަކަ ކަމަށެވެ. އެ ގޮތުން، އޭނާގެ އަމިއްލަ ވިސްނުންފުޅުގައި ކަމެއް ފާހަގަކުރާނަމަ، ރާފިއު ވިދާޅުވީ ގަލޮޅު ދަނޑު ހުރިތަނުގައި ސްޓޭޑިއަމެއް އެޅުމުގެ ބަދަލުގައި، ޖާގަ ތަނަވަސްތަނެއްގައި އެކަން ކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އެ ގޮތުން، އާބަންކޯ އާއި ޕްލޭނިން މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.
އިންޑިއާ އިން ދޭން ނިންމި 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެރެއިން ގަލޮޅު ތަރައްގީ އަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށް މިދިޔަ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.













