ވެލެންސިއާގެ ދެ ފެކްޝަނުގެ ކޯޅުމެއް: އެފްއޭއެމް އިންތިހާބު ނުބައި މަގަކަށް!

2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް ބޭއްވި، ސައިކަލް ބުރުގެ ތެރެއިން: ވެލެންސިއާގެ ބޯޑް މެމްބަރު، ދޮނާ އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފޯރިގަދަ ކުރުމަށް ބޭއްވި، ސައިކަލް ބުރުގެ ތެރެއިން: ވެލެންސިއާގެ ބޯޑް މެމްބަރު، ދޮނާ އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ކްލަބް ވެލެންސިއާގެ ތާއީދު ސިޓީއެއް އެފްއޭއެމް އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން އަތުގައި ވެސް އެބައޮތެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ކޮންމެ ކްލަބަކަށް ވެސް ދެވޭނީ އެއް ތާއީދު ސިޓީ އެވެ. މި ފަހަރު މި އޮތް ވެލެންސިއާގެ ދެ ސިޓީގެ ތެރެއިން، އެއް ސިޓީ އަކީ ފޯޖުކޮށްފައިވާ ސިޓީއެއް ކަމަށް ތުހުމަތުކޮށްފައިވާއިރު، ވެލެންސިއާ ޗެއާމަންގެ މަގާމުން، އަބްދުﷲ އަޒްމީން އިސްތިއުފާ ދިން "ފޭކް" ސިޓީއެއް ވެސް، އެފްއޭއެމަށް ލިބި، އެ ސިޓީގެ މައްސަލައެއް، ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

މިއީ ކްލަބް ވެލެންސިއާގެ ތެރޭގައި އުފެދިފައި އޮތް ދެ ފެކްޝަނެއްގެ ކޯޅުމެއްގެ ސަބަބުން އައިސްފައިވާ ސިޓީތަކެކެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އަތުގައި ވެސް ޖުމްލަ އެކު، ފަސް ކްލަބެއްގެ ތާއީދު އޮންނަން ޖެހޭއިރު، އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން ތިން ކްލަބެއްގެ ތާއީދު އޮންނަން ލާޒިމްކުރެ އެވެ.

މި މަހު 31 ގައި ބާއްވަން، އިއުލާނުކޮށްފައިވާ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ކަމަށްވާ، އެފްއޭއެމްގެ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އާއި ކްލަބް އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) އަތުގައި ވެސް ކްލަބް ވެެލެންސިއާގެ ތާއީދު ސިޓީ އެބައޮތެވެ.

މުފާ އަތުގައި އޮތީ، ވެލެންސިއާގެ ވައިސް ޗެއާމަން، އިލްމާއު ހުސެއިން (މައު)، ސޮއިކޮށްފައިވާ، ތާއީދު ސިޓީއެކެވެ. ތޯރިގު އަތުގައި އޮތީ، ވެލެންސިއާގެ ޗެއާމަން، އަޒްމީން ސޮއިކޮށްފައިވާ ސިޓީއެކެވެ. ދެ ސިޓީގައި ވެސް ބުނެފައިވަނީ މިއީ ބޯޑް މެމްބަރުންގެ ތާއީދާ އެކު އޮތް ސިޓީއެއް ކަމަށެވެ.

ވެލެންސިއާ އިން ރަސްމީކޮށް، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މި ފަހަރުގެ އިންތިހާބުގައި އެ ކްލަބްގެ ތާއީދު އޮތީ ތޯރިގަަށް ކަމަށެވެ. ދެން އޮތް، ސިޓީ (މުފާ އަތުގައި އޮތް ސިޓީ)ގެ މައްސަލަ ފުލުހުންނާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، ފުލުހުން ވަނީ އެ ސިޓީގެ މައްސަލައެއް އެ އިދާރާ އަށް ހުށަހަޅާފައިނުވާ ކަމަށް ބުނެފަ އެވެ.

މި ސިޓީގެ މައްސަލައާ ގުޅޭގޮތުން، ތޯރިގު ވިދާޅުވީ، މުފާގެ ޓީމުން، ވެލެންސިއާގެ ސިޓީ ހޯދީ "ފޯޖު ކޮށްގެން" ކަމަށެވެ. އެ ތުހުމަތަށް އިންކާރުކުރައްވައި، މުފާ ވިދާޅުވީ، ވެލެންސިއާ ނުލައި ވެސް އޭނާ އަށް ފުރަތަމަ ޑިވިޝަނުގެ ފަސް ކްލަބެއްގެ ތާއީދު އެބައޮތް ކަމަށެވެ. އެހެންކަމުން، ސޮއި ފޯޖުކުރަން އޭނާ ނުޖެހޭނެ ކަމަށް މުފާ ވިދާޅުވި އެވެ.

އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު، ވެލެންސިއާގެ ދެ ތާއީދު ސިޓީގެ މައްސަލައިގައި ހައްލެއް ހޯދަން ގާނޫނީ ލަފައެއް ބޭނުންވާ ކަމަށް ނިންމި އެވެ. އެ ކަމަށް، އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު، އޭއެފްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީ ވަނީ ފީފާ އަށް ވެސް ކޮޕީކޮށްފަ އެވެ.

އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ، ދަތުކް ވިންޑްސޯ ޖޯން އަށް، އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ވެލެންސިއާގެ މި ތާއީދު ދެ ސިޓީގެ ކަންކަމުގައި ފާހަގަކުރެވުނު މައްސަލައިގެ ގާނޫނީ ލަފާ ހޯދަން ބޭނުންވާތީ އެކަމަށް ވަނީ އޭއެފްސީ ކިބައިން އެދިފަ އެވެ. ގާނޫނީ ގޮތުން އެ ކަމަށް ލަފާ ދޭން މުއްދަތު އޮތީ މި މަހު ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ގޮތުން، 27 ޑިސެމްބަރު ވަަނަ ދުވަހު، ވެލެންސިއާގެ ބޯޑު މެމްބަރުންގެ ރިޒޮލިއުޝަނަކުން، އެފްއޭއެމް އިންތިހާބުގައި ތޯރިގަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް، ވެލެންސިއާގެ ޗެއާމަން، އަޒްމީން ސޮއިކޮށްފައިވާ ސިޓީއެއް އެބައޮތް ކަމަށް އިލެކްޓޯރަލް ކޮމިޓީން ބުނެފައިވެ އެވެ.

އެކަމަކު، 26 ޑިސެމްބަރު ދުވަހުގެރޭ، 23:32 ގައި ވެލެންސިއާގެ ޗެއާމަން ކަމުން އަޒްމީން އިސްތިއުފާ ދިން ސިޓީއެއް (ދިވެހިން ލިޔެފައިވާ ސިޓީއެއް) ވެލެންސިއާގެ އީމެއިލުން، އެފްއޭއެމް އެކްޓިން ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު) އަށް ލިބިފައިވާ ކަމަށް އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން، އަބްދުﷲ އަލީ ވަނީ އޭއެފްސީ އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފަ އެވެ.

ވެލެންސިއާގެ އެއް ފެކްޝަންގެ ބަސް: އަޒްމީންގެ ހައިސިއްޔަތެއް ނެތް!

ވެލެންސިއާގެ ބޯޑް މެމްބަރުންގެ ތެރޭގައި އުޅޭ ކޯޅުމުގެ ތެރެއިން އެ ކްލަބްގެ އެއް ފެކްޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެލެންސިއާގެ ބޯޑު މެމްބަރު ހަސަން ވަހީދު (ދޮނާ) ބުނީ, ކުލަބް ވެލެންސިއާ އިން އެފްއޭއެމްގެ އިންތިހާބުގައި ތާއިދު ކުރަނީ މުފާ އަށް ކަމަށެވެ.

އިއްޔެގެ އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ދޮނާގެ ވާހަކައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، މިިދިޔަ މަހު 26 ވަނަ ދުވަހު އަޒްމީން ވަނީ ވެލެންސިއާގެ ވަޓްސަޕް ގްރޫޕަށް ފޮނުވި ސިޓީއެއް މެދުވެރިކޮށް، މަގާމުން އިސްތިއުފާ ދީފަ އެވެ. އެކަމަކު، ފަހުން އެ ސިޓީ ހިމެނި މެސެޖް ޑިލީޓް ކޮށްލާފައިވާ ކަމަށް ދޮނާ ބުނެފައިވެ އެވެ.

ދޮނާ ބުނީ، އަޒްމީން، ވެލެންސިއާގެ ރަސްމީ މެއިލް، "ހިސޯރުކޮށްގެން އުޅޭ" ކަމަށާއި އެކަމަކު، ވަގުތު ކޮޅަކަށް ވެލެންސިއާގެ މެއިލްގެ އެކްސަސް ދިނުމާ އެކު، އޭނާ، އަޒްމީންގެ އިސްތިއުފާ ސިޓީ އެފްއޭއެމަށް ފޮނުވާފައިވާނެ ކަމަށެވެ.

އަޒްމީން ވަނީ އޭނާގެ އިސްތިއުފާ ސިޓީ ވެލެންސިއާގެ މެއިލްގެ ސެންޓް އައިޓަމްސް ތެރޭގައި ވެސް ނެތް ކަމަށާއި މަގާމުން އިސްތިއުފާ ނުދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. މީގެ އިތުރުން، ވެލެންސިއާގެ މެއިލް އެކްސަސް ފަސް ފަރާތެއްގެ އަތުގައި އޮންނަ ކަމަށް އަޒްމީން ވިދާޅުވި ނަމަވެސް، ދޮނާ ބުނީ އެއީ ހަގީގަތެއް ނޫން ކަމަށާއި މެއިލް އޮންނަނީ އަޒްމީން އަތުގައި އެކަނި ކަމަށެވެ.

ފުލުހުން ބަލަމުން އަންނަ ވެލެންސިއާގެ ސިޓީގެ މައްސަލައިގައި (އަޒްމީންގެ އިސްތިއުފާ ސިޓީގެ މައްސަލައިގައި) ބަޔާން ދޭން ހާޒިރުވި ކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ވައިސް ޗެއާމަން، މައު ވިދާޅުވި އެވެ.

މައު ވިދާޅުވީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު މުފާ އަށް ތާއީދުކުރަން ދިން ސިޓީގައި ވެލެންސިއާ ބޯޑުގެ ފަސް މެމްބަރުން ވެސް ސޮއި ކުރި ކަމަށެވެ. އަދި މިދިޔަ މަހު 26 ވަނަ ދުވަހުގެރޭ ވެލެންސިއާގެ ބޯޑުން ވަނީ ޗެއާމަން ކަމުން އަޒްމީންގެ އިތުބާރު ނެތް ކަމަށް ނިންމައި، މަގާމުން ވަކިކޮށްފައި ކަމަށް މައު ވިދާޅުވި އެވެ.

ދޮނާ ބުނީ އަޒްމީންގެ އިތުބާރު ނެތް ކަމަށް ނިންމީ އަޒްމީން، ވެލެންސިއާ ބޭނުންކޮށްގެން، ތޯރިގު އަތުން ފައިސާ ނެގިކަން ތުހުމަތު ކުރެވުމުން ކަމަށެވެ. އަދި ވެލެންސިއާގައި އޮންނަނީ އެންމެ ސްޓޭމްޕެއް ކަމަށާއި, އަޒްމީން ވެލެންސިއާގެ ސްޓޭމްޕް ބޭނުން ކުރަނީ "ނުގަވައިދުން" ކަމަށް ދޮނާ ބުނެފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން، އަޒްމީން، ރޭ ނެރުނު ބަޔާނެއްގައި ވަނީ ކަންކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް ސާފުކޮށްދީފަ އެވެ.

މައިގަނޑު ގޮތެއްގައި ފަސް ކަމަކަށް އަލި އަޅުވާލާ ގޮތަށް ނެރެފައި އޮތް އެ ބަޔާނުގައި އަޒްމީން ވިދާޅުވީ ވެލެންސިއާގެ ބޯޑް މެމްބަރުންނަށް ނޭނގި ކްލަބްގެ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި ކޮންމެ ކަމެއް ވެސް ނިންމާފައި އޮންނާނީ ބޯޑުގެ ތާއީދާ އެކު ކަމަށް ވިދާޅުވެ، އަޒްމީން ވަނީ ޔަގީންކަން ދެއްވައިފަ އެވެ.

ވެލެންސިއާ ބޯޑުން ބޭނުންވީ "ކްލަބްގެ މަސްލަހަަތަށް" ވިސްނާފައި ތާއީދުކުރާ ކެންޑިޑޭޓް ކަނޑައަޅަން

ވެލެންސިއާގެ ބޯޑުން، މި ފަހަރުގެ އެފްއޭއެމް އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގައި ވިސްނާފައި އޮތީ، އެ ކްލަބްގެ އޮތް މައްސަލަތަކަށް ހައްލެއް ލިބި، ދަރަނިތައް ހަލާސްކޮށްދޭން އެހީތެރިވެދޭނެ ކެންޑިޑޭޓަށް ތާއީދު ކުރުމަށެވެ.

ވެލެންސިއާ މި ވަގުތު އޮތީ، ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ފީފާގެ ޓްރާންސްފާ ބޭން އެއްގަ އެވެ. މާލީ މައްސަލަތަކާއި އެހެނިގެން ކަންކަމާ ހުރެ، މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ވެލެންސިއާ ވަނީ މުބާރާތުން ވަކިވެފަ އެވެ.

ވެލެންސިއާގެ ބޯޑު މެމްބަރުންގެ މަޝްވަރާގެ މަތިން ފުރަތަމަ އެއްބަސްވެ، ސޮއިކުރީ، ތޯރިގު އަށް ތާއިދުކުރަން ކަމަށް އެނގިފައިވެ އެވެ.

އެކަމަކު، ވެލެންސިއާ ތެރޭގައި ފަހުން ދެ ފެކްޝަނެއް އުފެދި، އެފްއޭއެމް އިންތިހާބުގައި، މުފާ އަށް ވެސް ތާއީދުކުރަން ވަކި ބަޔަކު ނިންމީ މީގެ އެހެން ބޭނުންތަކެއް ވެސް އޮތުމުންކަން ދޭހަވެ އެވެ.

ދޮނާ ވަނީ ތޯރިގު އަތުން، އަޒްމީން، ވެލެންސިއާ ބޭނުންކޮށްގެން ފައިސާ ނެގި ކަމަށް ބުނެފަ އެވެ. އެނގިފައިވާ ގޮތުގައި، ތޯރިގު އަތުން ވެލެންސިއާ އިން ބޭނުންވީ، އެ ކްލަބަށް މި ވަގުތު ދިމާވެފައި އޮތް ހާލަތުން އަރައިގަނެވޭނެ ކަމުގެ އެހީތެރިކަމުގެ ޔަގީން ކަމެކެވެ. އެއީ، ފީފާގައި އޮތް ބިދޭސީ ކުޅުންތެރިންގެ މުސާރައިގެ މައްސަލަތަކުން ސަލާމަތްވެވޭނެ ފައިސާ ހަމަޖެހިގެންދާނެ އުސޫލެކެވެ. އެނގިފައިވާ ގޮތުގައި އެ ފައިސާގެ އަދަދު، އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރެވެ.

ކްލަބް ވެލެންސިއާގެ މެޗެއްގެ ތެރެއިން ކުޑަހީނާ: ވެލެންސިއާގެ ބޯޑް މެމްބަރުންގެ ތެރޭގައި ވެސް ހިމެނޭ ކުޑަހީނާ ވަނީ އެ ކްލަބުން ތޯރިގަށް ތާއީދުކުރަން ނިންމި ކަމަށް ވިދާޅުވެފައި،.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ވެލެންސިއާގެ ބޯޑް މެމްބަރުގެ އިތުރުން ސްޕޯޓްސް ޑައިރެކްޓަރުގެ މަގާމު އަދާކުރަމުން އަންނަ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އަދި މިހާރު ފުޓްބޯޅަ ކޯޗު، އިސްމާއިލް އާސިފް (ކުޑަހީނާ)، އިއްޔެ، މީޑިއާ އަށް ދީފައިވާ އިންޓަވިއުގައި ވެސް ބުނެފައިވަނީ، ވެލެންސިއާގެ ބޯޑް މެމްބަރުން ތޯރިގަށް ތާއީދުކުރުމަށް ނިންމީ ކްލަބަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ.

ތޯރިގަށް ތާއީދުކުރަން ވެލެންސިއާ ބޯޑް މެމްބަރުން އޭނާގެ ހާޒިރުގައި ސޮއިކުރި ކަމަށް ވެސް ކުޑަހީނާ ވަނީ ބުނެފަ އެވެ.

ވެލެންސިއާގެ ފެކްޝަންތަކުގެ ކޯޅުމާ ހެދި ތޯރިގު ކެންޑިޑެސީއާ މެދު ސުވާލުތަކެއް

ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް، ވަނީ ކަންބޮޑުވާންޖެހޭ ގިނަ މައްސަލަތަކެއް އެފްއޭއެމް ހިންގުމުގެ ކަންކަމުގެ ތެރޭގައި ހުުރުމުން، އެ އެސޯސިއޭޝަންގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ.

އެކަމަކު، ކޮމިޝަނަރުގެ އެ އެންގުމަށް ބޯނުލަނބައި، އިންތިހާބުގެ ކަންކަން އެފްއޭއެމް އިން އަންނަނީ ކުރަމުންނެވެ. ދާދި ފަހުން، އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި އިލެކްޓޯރަލް ކޮމިޓީން ބުނީ އިންތިހާބުގެ ކަންކަން ކުރިއަށްދަނީ، ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން ކަމަށެެވެ.

ވެލެންސިއާގެ މި ދެ ފެކްޝަންގެ ކޯޅުމާއި، މި ސިޓީތަކުގެ މައްސަލައިގައި ހުރިހާ ކަމެއް މި ނިމެނީ، އެފްއޭއެމް އިންތިހާބުގައި ތޯރިގުގެ ކެންޑިޑެސީގެ ސައްހަ ކަން ކަނޑައެޅުމުގައި ގޮތެއް ނިންމުމަށެވެ. އެކަން ބަރޯސާވެފައި އޮތީ، މާދަމާގެ ނިޔަލަށް ގާނޫނީ ލަފާ ހޯދަން އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީން އޭއެފްސީގައި އެދިފައިވާ އެދުމަށެވެ.

އެ ގޮތުން، އެފްއޭއެމް އިލެކްޓޯރަލް ކޮމިޓީ އަށް މި ވަގުުތު އޮތް އެންމެ ބޮޑު ޗެލެންޖަކީ، އޭއެފްސީގެ ލަފާގެ މަތިން، ވެލެންސިއާގެ ނަމުގައި މި އޮތް ދެ ތާއީދު ސިޓީގެ ތެރެއިން ސައްހަ ސިޓީއެއް ކަނޑައެޅުމަށެވެ. އެ ގޮތުން، މުފާ އަތުގައި އޮތީ ވެލެންސިއާގެ ސައްހަ ސިޓީ ކަމަށް ކަނޑައަޅައިފިނަމަ، އެ ހިސާބުން، ތޯރިގު އަތުގައި ކެންޑިޑެސީގެ ޝަރުތުގައި ބުނާ ތާއީދު ހަމަނުވެ، އޭނާގެ ކެންޑިޑެސީ ބާތިލްވުމުގެ ފުރުސަތު އެބައޮތެވެ.

އެނގިފައިވާ ގޮތުގައި، ވެލެންސިއާގެ ތާއީދު ނުލައި، ފުރަތަމަ ޑިވިޝަނުން ތޯރިގަށް ތާއީދު ކޮށްފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯޓްސް ކްލަބް އެވެ. މުފާ އަށް، ފުރަތަމަ ޑިވިޝަނުން ތާއީދުކުރަން ނިންމާފައި އޮތީ، އޭނާގެ ޓީމު، ކްލަބް އީގަލްސްގެ އިތުރުން، ކްލަބް ގްރީން ސްޓްރީޓްސް، ބުރު ސްޕޯޓްސް ކްލަބް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ރައީސެއް ކަނޑައެޅުމަށް، މި ވަގުތު އޮތް އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން، އަބަދުވެސް ވާދަކުރެވެން އޮތީ ދެ ކެންޑިޑޭޓަކަށެވެ. އެއީ، އަސާސީ ގަވާއިދުގައިވާ ގޮތުން ފުރަތަމަ ޑިވިޝަނުގައި ހިމެނެނީ އަށް ކްލަބް ކަމަށްވެފައި، ކޮންމެ ކެންޑިޑޭޓެއްގެ ޝަރުތު ހަމަވަނީ ތިން ކްލަބެއްގެ ތާއީދު އޮވެގެން ކަމަށްވާތީ އެވެ. އެހެން އޮތުމުން، ތިން ވަނަ ފަރަތާކަށް އެފްއޭއެމްގެ އިންތިހާބުގެ ދޮރު އޮތީ ބަންދުވެފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތީގެ ބަސް ބުނުމުގެ ބާރު އޮތީ ފުރަތަމަ ޑިވިޝަނުގައި މި އޮތް އަށް ކްލަބެއްގެ މުށުތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox