ބާސެލޯނާ (ޖެނުއަރީ 5) - ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު އިލްކާއި ގުންޑޮގާން ކާމިޔާބުކުރި ޕެނަލްޓީން ލަސް ޕަލްމާސް އަތުން. ބާސެލޯނާ 2-1 އިން މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ބާސެލޯނާ ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެ ވަނައިގައި އޮތް ޖިރޯނާ އަށް ވަނީ 19 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 19 މެޗުން ވަނީ 41 ޕޮއިންޓް ލިބިފަ އެވެ.
ހަތަރެއްގައި އޮތީ ރޭ ސެވިއްޔާ އަތުން 2-0 އިން މޮޅުވި، އެތުލެޓިކް ބިލްބާއޯ އެވެ. ބިލްބާއޯ އަށް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. ފަހެއްހައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ލަސް ޕަލްމާސް އިން ވަނީ 12 ވަނަ މިނިޓްގައި ކުރިން ބާސެލޯނާ އަށް ކުޅުނު މުނީރް އަލް ހައްދާދީ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ބާސެލޯނާ އިން އެއްވަރުކުރީ ދެ ވަނަ ހާފް ފަށައިގެން ނުވަ މިނިޓް ތެރޭގަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ، ފެރާން ޓޮރޭޒް އެވެ.
އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ގުންޑޮގާން ބާސެލޯނާ މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކުރިއިރު، މި ޕެނަލްޓީ ވެސް ހޯދީ އޭނާ އެވެ. ގުންޑޮގާން އަށް ލަސް ޕަލްމާސްގެ ޑޭލީ ސިންގްރޭވަން ކުރި ފައުލަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.












