ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 އިއްޔެ ހަވީރު ކުޅުނު މެޗުތަކަށް ބަލާއިރު، ރ. އަތޮޅު ބުރުގައި ދުވާފަރުން ދެ ވަނަ މެޗުން ވެސް މޮޅުވެ ރަނގަޅު ފެށުން ކުރިއަށްގެންދިޔައިރު، އަލިފުުށިން ވެސް މޮޅެއް ހޯދައިފި އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ވަނީ ހަތަރު މެޗު ކުޅެފަ އެވެ. އެއީ ރ. އަތޮޅުގެ މެޗުތަކާއި, ގއ. އަތޮޅުގެ މެޗުތަކެވެ.
އިއްޔެ ހަވީރު ދުވާފަރުން މަޑުއްވަރީގެ މައްޗަށް ކުރިހޯދީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ދުވާފަރުގެ އިސްމާއިލް އީސަ (މެސީ) ދެ ލަނޑު ޖެހިއިރު, އަހުމަދު އީސާ, މުސްލިމް މުހައްމަދު, އަހުމަދު އީރާސް އަދި އަބްދުالله ލޫތު އިބްރާހީމް, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. މި މެޗުގައި ދުވާފަރުން ޖެހި ހަ ގޯލުގެ ތެރެއިން ފަސް ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގަ އެވެ.
އިއްޔެ ހަވީރު ކުޅުނު ރ. އަތޮޅުގެ ދެވަނަ މެޗުގައި އަލިފުށިން މީދޫގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި އަލިފުށިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ އަހުމަދު ހުސާމް އެވެ. މި ނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހުސާމް ވަނީ އިތުރު ގޯލެއް ޖަހާ އަލިފުށީގެ ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އަލިފުށީގެ އަބްދުލް ސަމީއު ހަސަން އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.
އިއްޔެ ހަވީރު ވަނީ ގއ. އަތޮޅުގެ ދެ މެޗު ކުޅެފަ އެވެ. އެންމެ ފަހުގެ އެ އަތޮޅު ޗެމްޕިއަން މާމެންދޫ, ދާންދޫ އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ދާންދޫ ކޮޅަށް މާމެންދޫ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މާމެންދޫގެ ހަމަލާތައް ހުއްޓުވުމުގައި ދާންދޫގެ ކީޕަރު ޔައުގޫބް އަބްދުالله ގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ އެވެ. މި މެޗުގައި ދާންދޫން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ފެނުނުއިރު, މި ލަނޑަކީ މާމެންދޫގެ ޝަމްވީލް މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ގއ. ކޮނޑޭ އަދި ގެމަނަފުށި ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިންވަނަ މިނެޓުގައި ކޮނޑޭ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާ ދިނީ މުހައްމަދު އައިސަރު އެވެ.
އެކަމަކު އޭގެ ދެ މިނެޓު ފަހުން ގެމަނަފުށީގެ ހުސެއިން ތާއިމް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ, އަދި އޭގެ މިނެޓެއް ފަހުން ގެމަނަފުށިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝާހިލް އިބްރާހީމް އެވެ. މި މެޗުގެ ނަތީޖާ ކޮނޑޭއިން ހަމަހަމަ ކުރީ މެޗުގެ ފަހު މިނެޓުގަ އެވެ. މި ގޯލު އެޓީމަށް ޖަހާދިނީ އަލީ ފާރިހު މުހައްމަދެވެ.













