ޓެކް 2023: އޭއައި، އެޕަލުން ދައްކައިލި އާ ދުނިޔެ، އަދި އިންގިލާބީ އެހެން ބަދަލުތައް

ޓެކް 2023: އޭއައި، އެޕަލުން ދައްކައިލި އާ ދުނިޔެ، އަދި އިންގިލާބީ އެހެން ބަދަލުތައް

ޒަމާނީ ދުނިޔެއަކީ ޓެކްނޮލޮޖީގެ ރަންޒަމާނޭ ބުނުމުން ދޮގަކަށްވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ކޮންމެ އަހަރަކު ވެސް، އިންސާނުންގެ އުފެއްދުންތެރި ސިކުނޑިތަކުން ދަނީ، އެހެން އިންސާނުން ހައިރާންކޮށްލާ ފަދަ އައު އުފެއްދުންތައް އީޖާދުކުރަމުންނެވެ. މި ނިމިދިޔަ 2023 އަކީވެސް މިގޮތުން ބަލާނަމަ ތަފާތު އަހަރެއް ނޫނެވެ. އައު ޓެކްނޮލޮޖީތައް ވުޖޫދުވެ، ބައު ޓެކްނޮލޮޖީތައް ނެތިދަނީ ފުއްޓަކެއް ޖަހައިލާ އަވަސް މިނުގަ އެވެ. ނަމަވެސް މި ދާއިރާ އިން މި އަހަރު ހާއްސަވާ ވަރަށް ބޮޑު ސަބަބެއް އެބަ އޮތެވެ. އެއީ އެކަމެއްގެ ވާހަކަ އެތަކެއް ދަހަރެއް ވަންދެން ދެކެވި، އެތައް ފިލްމުތަކަކާއި ޓީވީ ޝޯތަކުން ސިފަކޮށްދީފައިވާ ޓެކްނޮލޮޖީއެއްގެ މަލަމަތި ފެންނަން ފެށި އަހަރުކަމަށްވުމުންނެވެ. ދެބަހަހެކެވެ. ދެ އަކުރެކެވެ. އާޓިފިޝަލް އިންޓެލިޖެން ނުވަތަ އޭއައި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ތައާރަފުކުރެވުނު ޓެކްނޮލޮޖީއެއްގެ ސަބަބުން، މިއަހަރަށް މިވަނީ އޭއައިގެ މާސިންގާ ރާޅެއް ބިންދާލައިފަ އެވެ. އެންމެ ބޮޑެތި ކުންފުނިތަކުން އިމަޖެންސީ މީޓިންތައް ބާއްވާ މި ރޭހުގެ އެންމެ ކުރިއަށް އެރޭނެ ގޮތެއް ހޯދަން މަސައްކަތްތަކެއް ފަށާ، ހަމަ އެހާ އަވަހަށް ނަތީޖާތައް ނެރެން ފެށިއެވެ. މިއަހަރުގެ ޓެކްނޮލޮޖީތަކުގެ ބޮޑު އިންސައްތައެއް މި "އޭއައި ހައިޕް" ވަށާ އެނބުރު ނަމަވެސް، އެހެން ޓެކްނޮލޮޖީތަކުގައި ވެސް ކުރިއެރުންތަކާ، ވެއްޓުމާ، ބަދަލުވުންތައް އެބަހުއްޓެވެ. އެހެންކަމުން އިތުރަށް ލަސްކުރުމެއް ނެތި މި ގެނެސްދެނީ، 2023 ގައި ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވުނު ކަންކަމެވެ.

Advertisement

ހިމެނޭ ބައިތައް

  • ތަހުތުގައި ޗެޓްޖީޕީޓީ، އެހެނަސް އެތެރޭގެ ލޮޅުމެއް
  • އެންމެ ފުރަތަމަ މައިކްރޮސޮފްޓް، ބިންގްއަށް އައު ދިރުމެއް
  • ގޫގުލް "ކޯޑް ރެޑް" ގަ، އަވަހިއްޔާ އަވަސް
  • ޒަކަބާގްގެ ތްރެޑްސް އަރާ، ފިޔަ ޖަހާ، އޮއްސުން
  • މަސްކްގެ ބަދަލަކަށް ފަހު ބަދަލެއް
  • އެޕަލް ވިޝަން ޕްރޯ ދައްކާލަދިން އާ ދުނިޔެ

ތަހުތުގައި ޗެޓްޖީޕީޓީ، އެހެނަސް އެތެރޭގެ ލޮޅުމެއް

އޭއައިގެ ވާހަކަ މުޅިން އައު ސިފައެއްގައި ދެއްކުން ފެށުނީ 2022 ގެ ނޮވެމްބަރުގައި ވުޖޫދުވި ޗެޓްޖީޕީޓާއާ އެކު އެވެ. އިންޓަނެޓުން ކުރިން މައުލޫމާތު ނުލިބޭ ފަދަ ގޮތަކަށް މި "ޗެޓްބޮޓުން" މައުލޫމާތު މީހުންނަށް ލިބެން ފެށިއެވެ. ސާޗް ކުރުމާއި ހިލާފަށް، އެމީހަކު ބޭނުންވާ ސީދާ މައުލޫމާތު ވަރަށް ސީދާ ސާދާ ކަމާއެކު ފޯރުކޮށްދެ އެވެ. އެތައް ބައެއްގެ ދިރިއުޅުން ފަސޭހަކޮށްލައިދިނެވެ.

މިކަމުގެ ސަބަބުން ޗެޓްޖީޕީޓީ އިން ވަނީ މިއަހަރުގެ ފެބްރުއަރީ ގައި، ދެ މަސް ތެރޭ 100 މިލިއަން ޔޫޒަރުން ހަމަކޮށް މި އަދަދު އެންމެ އަވަހަށް ހަމަކުރި މަންސަގެ ރިކޯޑް މުގުރާލައިފަ އެވެ. މީގެ ކުރިން މި ރިކޯޑު އޮތް ގޫގުލް އަށް ވެސް 100 މިލިއަން ޔޫޒާސް ހަމަކުރަން އަހަރެއްހާ ދުވަސް ނެގި އެވެ.

މީގެ އިތުރުން ޗެޓްޖީޕީޓީ އިން ވަނީ މިއަހަރު، އަމިއްލަ މޯބައިލް އެޕެއް ވެސް ނެރެފަ އެވެ. އޭގެ އިތުރުން މަހުފީ ދައްކާގޮތަށް ބޭނުންކުރެވޭ، އިތުރު ކުރިއެރުންތަކާ އެކު، ޖީޕީޓީ-4 އަދި ޖީޕީޓީ-4 ޓާބޯ ވެސް މިއަހަރު ނެފާވެ އެވެ.

އޯޕެންއޭއައިގެ ސީއީއޯ ސޭމް އޯލްޓަމަން
އޯޕެންއޭއައިގެ ސީއީއޯ ސޭމް އޯލްޓަމަން

އޯޕެންއޭއައިގެ ސީއީއޯ ސޭމް އޯލްޓަމަން

މިފަދަ އެތައް ކުރި އެރުންތަކެއް ޗެޓްޖީޕީޓީގެ ބެލެނެވެރި ކުންފުނި އޯޕެންއޭއައި އަށް ލިބެމުން ދިޔަ ނަމަވެސް، އަހަރުގެ ފަހުކޮޅު އެ ކުންފުންޏަށް ވަނީ މީހުން ސިއްސައިގެން ދިޔަ ލޮޅުމެއް އައިއްސަ އެވެ. އެއީ ކުންފުނީގެ ބޯޑުން، ސީއީއޯ ސޭމް އޯލްޓްމަން ވަކިކުރުމުންނެވެ. ނޮވެމްބަރު 17 ގައި އޯޕެންއޭއައިގެ ބޯޑުން ނެރުނު ބަޔާނެއްގައި ކުންފުނީގެ ބޯޑުން ބުނެފައިވަނީ، އޯލްޓްމަން ވަކިކުރަން ނިންމީ، ދެފުށް ފެންނަ ގޮތަކަށް މުއާމާލުތައް ނުބަހައްޓާތީ ކަމަށެވެ.

ދެން ފެނިގެން ދިޔައީ، އޯޕެންއޭއައިގެ މުވައްޒަފުން އޯލްޓްމަންއަށް ކުރާ އިހްތިރާމް ދައްކާލާ، އޭނާ ނެތް ނަމަ ކުންފުނިން ވަކިވާނެކަމަށް ބުނަމުން ދިޔަ ތަނެވެ. އަދި މައިކްރޮސޮފްޓް އިން އޭނާ އަށް ހާއްސަ ވަޒީފާއެއް ހުށަހެޅިތަނެވެ. ނަތީޖާއަކަށްވީ ވަކިކުރިތާ ދެ ދުވަސް ފަހުން، ނޮވެމްބަރު 20 ގައި، އޯލްޓްމަން އަށް އަލުން ސީއީއޯގެ މަގާމު ލިބި، ކުރީގެ ބޯޑު އުވާލުމެވެ.

އެންމެ ފުރަތަމަ މައިކްރޮސޮފްޓް، ބިންގްއަށް އާ ދިރުމެއް

ޗެޓްޖީޕީޓީއަށް ލިބެމުންދިޔަ ތަރުހީބާއާ އެކު، އާޓިފިޝަލް އިންޓެލިޖެންސްގެ ރޭހުގައި އެންމެ ބޮޑު އެއް ފިޔަވަޅު އެޅި ކުންފުންޏަކީ މައިކްރޮސޮފްޓެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖްންސްގެ ހޯދުންތައް އިތުރަށް ހަލުވިކުރުމަށް މައިކްރޮސޮފްޓް އިން ވަނީ ޗެޓްޖީޕީޓީގެ ބެލެނިވެރި ކުންފުނި އޯޕެން އޭއައިއަށް ޖެނުއަރީގައި10 ބިލިއަން ޑޮލަރުގެ އިންވެސްޓެއްކޮށްފަ އެވެ. މިކަމުގެ ސަބަބުން އޯޕެންއޭއައިގެ ވަސީލަތްތައް ބޭނުންކޮށް އަމިއްލަ އުފެއްދުންތައް އިތުރަށް ފުރިހަމަކުރުމުގެ ފުރުސަތު މައިކްރޮސޮފްޓަށް ލިބުނެވެ.

މައިކްރޮސޮފްޓް އިން އެންމެ ފުރަތަމަ ވެސް އެކުންފުނީގެ "މުސްކުޅިވެފައިވާ" ސާޗް އިންޖީން ބިންގް އަށް ޗެޓްޖީޕީޓީ އިންޓަގްރޭޓްކޮށް ޒުވާންކޮށްލި އެވެ. ނަމަވެސް މި ހިދުމަތުގައި ހުރި މައްސަލަތަކެއް މީހުން ވަނީ ވަރަށް އަވަހަށް ފާހަގަކޮށްފަ އެވެ. އެގޮތުން ނުބައި މައުލޫމާތު ދިނުމާއި ޔޫޒަރުންގެ ޒާތީ މައުލޫމާތު ހިއްސާކުރުމާއި ޒުވާބުކުރުންފަދަ ކަންކަން ހިމެނެ އެވެ. މިފަދަ އަދިރިކަމަކުން ފެށިގެން ދިޔަނަމަވެސް އަހަރުތެރޭ އެކި ހިސާބުތަކުން، އެކުންފުނިން ވަނީ ވަރަށް ރަނގަޅު ބަދަލުތައް ބިންގްއަށް ގެނެއްސަ އެވެ.

މައިކްރޮސޮފްޓް ކޯޕައިލަޓް
މައިކްރޮސޮފްޓް ކޯޕައިލަޓް

މައިކްރޮސޮފްޓް ކޯޕައިލަޓް

މައިކްރޮސޮފްޓްގެ "ފިއުޗާ އޮފް ވޯކް" އިވެންޓުގައި ވަނީ "ކޯޕައިލެޓް"ގެ ނަން ދީފައިވާ އޭއައި ޓޫލެއް ތައާރަފުކޮށްފަ އެވެ. މިއީ އެކުންފުނީގެ އޮފީސް ސޫޓްގެ ސޮފްޓްވެއާތަކުގައި ބޭނުންކުރެވޭ އޭއައި ޓޫލެކެވެ. މައިކްރޯސޮފްޓް 365 ގައި ހިމެނޭ ސޮފްޓްވެއާތައް ކަމުގައިވާ ވޯޑް، އެކްސެލް، ޕަވަޕޮއިންޓް އަދި އައުޓްލުކްގައި ބޭނުންކުރެވޭ މި ޓޫލްގައި ޓެކްސްޓް ޕްރޮމްޕްޓެއް ދިނުމުން، އަމިއްލައަށް ކޮންޓެންޓް ތައްޔާރުކޮށްދެ އެވެ. މިއީ މަސައްކަތު މާހައުލުގެ އުފެއްދުންތެރިކަމަށް އިންގިލާބެއް ގެނެސްދޭނެ އާލާތެއް ގޮތުގައި ގިން ބަޔަކު ދެކެ އެވެ. މައިކްރޮސޮފްޓް އިން ފަހުވަނީ ބިންގް ޗެޓްގެ ނަންވެސް ކޯޕައިލެޓަށް ބަދަލުކޮށްފަ އެވެ.

ގޫގުލް "ކޯޑް ރެޑް" ގަ، އަވަހިއްޔާ އަވަސް

އިންޓަނެޓުގައި މައުލޫމާތު ހޯދުމަށް އެންމެ ގިނަބަޔަކު މިހާތަނަށް ބޭނުންކުރަމުން އައީ ގޫގުލް ޑޮޓް ކޮމް އެވެ. ނަމަވެސް ޗެޓްޖީޕީގެ އާ ޓެކްނޮލޮޖީ އާއެކު، މީހުންނަށް މައުލޫމާތު ހޯދަން އެތައް ގުނައެއް ފަސޭހަވެގެން ދިޔަ އެވެ. އެހެންކަމުން މި އާ ޓެކްނޮލޮޖީގެ ސަބަބުން އެންމެ ބޮޑު ސިހުމެއް ލިބި ބިރުވެރިކަން ވެރިވީ ގޫގުލްއަށެވެ. އެހެން ކަމުން ގޫގުލްއިން ވަނީ އެތައް އިމަޖެންސީ މީޓިންތަކެއް ބާއްވާ ވީ އެންމެ އަވަހަކަށް އޭއައިގައި ކުރިއެރުންތަކެއް ހޯދުމަށް "ކޯޑް ރެޑް" އިއުލާންކޮށްފަ އެވެ.

ގޫގުލް ބާޑް
ގޫގުލް ބާޑް

ގޫގުލް ބާޑް

ގޫގުލްގެ "ކޯޑް ރެޑް" އިން އަވަސް މަސައްކަތްތަކެއްކޮށް އޭއައި ރޭހުގައި ކުރި އެރުމެއް ހޯދުމަށް "ބާޑް" ގެ ނަންދީފައިވާ އަމިއްލަ ޗެޓްބޮޓެއްގެ އިއުލާންކުރި އެވެ. ބާޑްގެ ހިދުމަތް ފުރަތަމަ ހޯދާފައިވަނީ ހޮވާލެވިފައިވާ ޓެސްޓު ގްރޫޕުތަކަކުންނެވެ. ނަމަވެސް ބާޑްގެ ފުރަތަމަ ޓެސްޓުތަކުގައި ވަނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން ބާޑުން ދޭ ޖަވާބުތަކުގައި ސައްހަނޫން އެތައް މައުލޫމާތެއް ހިމެނޭކަން އެތައް ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. މިކަންވީ މި އުފެއްދުމަށް އެޅުނު ވަރަށް ބޮޑު ހިޔަންޏަކަށެވެ. ނަމަވެސް އަހަރުގެ މެދުތެރެއިން ބޮޑު އަޕްޑޭޓެއް ގެނެސް، މިހާރު ބާޑްއަކާއި ޗެޓްޖީޕީޓާ ގާތްކުރާ ފެންވަރެއްގެ، ވަރުގަދަ އުފެއްދުމެކެވެ.

ޒަކަބާގްގެ ތްރެޑްސް އަރާ، ފިޔަ ޖަހާ، އޮއްސުން

ބިލިއަނަރު އިލޮން މަސްކް، މަޝްހޫރު ސޯޝަލް މީޑިއާ ޓްވިޓާ ގަތުމަށް ފަހު ގެންނަމުން ދިޔަ ބަދަލު ތަކުގެ ސަބަބުން ގިނަ ބަޔަކު ތިބީ ނުރުހިފަ އެވެ. މި ދަނޑިވަޅުގެ ބޭނުން ހިފައި، 'އާ ޓްވިޓާ' އެއް އުފެއްދުމުގެ މަސައްކަތް މެޓާގެ ސީއީއޯ ޒަކަބާގް ފެށި އެވެ. އަދި އަހަރުގެ ޖުލައި މަހު ރަސްމީކޮށް މި ސޯޝަލް މީޑިއާ ލޮންޗްކުރި އެވެ. އިންސްޓަގްރާމް މެދުވެރިކޮށް ލޮގިން ވެވޭ ގޮތަށް ހަދާފައިވާ ތްރެޑްސްއަށް މީހުން ޖޮއިންވާން ފެށިލެއް ހަލުވިކަމުން، ހަމަ ދެންމެ ދެންމެ ޓްވިޓާގައި ކަފުންލާންޖެހޭނެހެން ހީވި ކަމަހަލަ އެވެ. އެއް ދުވަސްތެރޭ ދެތިން މިލިއަން ހަމަކުރި އެވެ. އަދި ހަފްތާއެއްހާ ދުވަސްތެރޭ 100 މިލިއަން ޔޫޒަރުން ހަމަކޮށް، ފެބްރުއަރީ ގައި ޗެޓްޖީޕީޓީ ހެދި ރިކޯޑް މުގުރާލި އެވެ.

މާކް ޒަކަބާގް
މާކް ޒަކަބާގް

މާކް ޒަކަބާގް

ނަމަވެސް ކަންވީ ހީކުރި ގޮތާ ހިލާފަށެވެ. ޒަކަބާގްގެ އާ ޓްވިޓާ ވެގެން ދިޔައީ، ބައު ޓްވިޓާ އަކަށެވެ. މި މަންސަގެ ޑިޒައިނިން ހުރީ މީގެ އަހަރެއްހާ ދުވަސްކުރިން ޓްވިޓާ ހުރި ގޮތަށެވެ. މާ ބޮޑެތި އުފެއްދުންތެރިކަމެއް ނެތެވެ. ތްރެޑްސްގެ ލޯގޯ ނުލާ ބަލާލާ މީހަކަށް ހީވާނީ ޓްވިޓާހެނެވެ. އޭގެ އިތުރުން، ތްރެޑްސްގައި ވާ ފީޗާތަކުގެ އަދަދު ވެސް އެހާ މަދެވެ. ނަތީޖާއެއްގެ ގޮތުން، ތްރެޑްސްގެ މަގުބޫލުކަން އޮއްސެން ފެށި އެވެ. އެރިހާ ބާރުމިނުގަ އެވެ.

ތްރެޑްސް އަށް ޖޮއިން ކުރި 80 އިންސައްތަ މީހުން އެ ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލި އެވެ. މިއީ އާދައިގެ ކަމެއްގެ ގޮތުގައި ޒަކަބާގް ސިފަ ކުރި ނަމަވެސް، ފަހުން ތްރެޑްސްގެ ޔޫޒަރުންގެ އަދަދު ހާމަކުރަން އެކުންފުނިން ދެކޮޅު ހެދި އެވެ.

މަސްކްގެ ބަދަލަކަށް ފަހު ބަދަލެއް

އިލޮން މަސްކަކީ ވަރަށް ވެސް ތަފާތު ޝަހްސިއްޔަތެކެވެ. ކުރާކަންކަމުން މީހުން ހައިރާންކޮށްލާ ފަދަ ޝަހުސިއްޔަތެކެވެ. 2022 ގައި މީހުން ހައިރާންކޮށްލީ، މަގުބޫލު ސޯޝަލް މީޑިއާ ޓްވިޓާ 44 ބިލިއަން ޑޮލަރަށް ގަނެގެންނެވެ. ޓްވިޓާގެ ވެރިޔާގެ ގޮތުގައި މަސްކް ހުންނަތާ އަހަރެއްވެފައިވާ އިރު، ވަރަށް ގިނަ ބަދަލުތައް މިވަނީ ގެނެއްސަ އެވެ. އެންމެ ޓްވިޓާ ގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފި އެވެ. އަނއް ބަޔަކު ވަޒީފާއިން ވަކިވީ އެވެ.

އިލޮން މަސްކް
އިލޮން މަސްކް

އިލޮން މަސްކް

ދުވާލަކު ބެލޭ ޓްވީޓްތަކުގެ އަދަދު ލިމިޓްކޮށްފި އެވެ. ލިންކް ތަކުގެ ހެޑްލައިން ނުފެންނަގޮތް ހަދައިފި އެވެ. ނަމަވެސް މިއަހަރުގެ އެންމެ ބޮޑު ބަދަލަކަށް މިވީ ޓްވިޓާގެ އެއްކޮށް ރީބްރޭންޑްކޮށްލުމެވެ. ޓްވިޓާގެ ޒަމާޏްވީ ނަމާއި ލޯގޯ ބަދަލުކޮށް، މަސްކް މިވަނީ "އެކްސް" އަށް އެއް ސޯޝަލް މީޑިއާ ބަދަލުކޮށްފަ އެވެ. މަސްކްގެ އެހެން ބަދަލުތަކެކޭ ވެސް އެއްގޮތަށް، މި ބަދަލަށް ވެސް ދެކޮޅަށް ވާހަކަ މީހުން ދެއްކި އެވެ. މީގެ އިތުރުން މަސްކް މިވަނީ އެކުންފުނީގެ ސީއީއޯކަމާ ދުރުވެ، ލިންޑާ ޔަކަރީނޯ އެ މަގާމަށް ލާފަ އެވެ. ޓްވިޓާގެ ހިންގުމާ ޔަކަރީނޯ ހަވާލުވުމާއެކީ މަސްކް ދެން އަދާކުރާނެ ރޯލަކީ އެކްޒެކެޓިވް ޗެއާމަން އަދި ޗީފް ޓެކްނޮލޮޖީ އޮފިސާގެ ރޯލެވެ.

އެޕަލް ވިޝަން ޕްރޯ ދައްކައިލަދިން އާ ދުނިޔެ

އަހަރުތަކަކަށް ފަހު ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ބްރޭންޑް، އެޕަލް އިން މިވަނީ އަނެއްކާވެސް ދުނިޔެ ހައިރާންކޮށްލި އާ "ފިއުޗަރިސްޓިކް" ޓެކްނޮލޮޖީއެއް ދައްކާލައިފަ އެވެ. އެޕަލްގެ ވޯލްޑްވައިޑް ޑިވަލަޕާ ކޮންފަރެންސްގައި ދައްކާލި މި މިކްސްޑް-ރިއަލިޓީ ހެޑްސަޓަކީ، އެ ކުންފުނިން މިހާތަނަށް ނެރޭނެ އެންމެ ތަފާތު އެއް އުފެއްދުމެވެ. މި ހެޑްސެޓަކީ އޮގްމެންޓެޑް ވަރުގަދަ ޑެސްކްޓޮޕެއް ފަދައިން ބޭނުންކުރެވޭނެ އުފެއްދުމެކެވެ.

އެގޮތުން އެޕްތައް ބޭނުންކުރުމާއި، މީހުންނަށް ގުޅާލުމާއި، މަސައްކަތްތައް ކުރުމުގެ އިތުރުން ގޭމްތައް ވެސް ކުޅެވޭނެ އެވެ. ވިޝަން ޕްރޯ ބޭނުންކުރުމަށް އަތުން އިޝާރަތްކުރުމާއި އަޑު ބޭޏުންކުރެވޭނެ އެވެ. ބޭނުންކުރާ މީހައާއި ވަށައިގެންވާ މާހައުލު ދެނެގަތުމަށް ވިޝަން ޕްރޯގައި އެތައް ކެމެރާއަކާއި ސެންސަރެ ހިމެނެ އެވެ.

އެޕަލް ވިޝަން ޕްރޯ
އެޕަލް ވިޝަން ޕްރޯ

އެޕަލް ވިޝަން ޕްރޯ

ވިޝަން ޕްރޯގައި ވާގަނޑަކުން ގުޅިފައިވާ ވަކި ބެޓެރިއެއްވެ އެވެ. މި ބެޓެރީގެ ދިގުމިނަކީ ދެ ގަޑިއިރެވެ. ހެޑްސްޓް އަޅައިގެން ހުންނަ މީހަކަށް އެޕްތައް ފެންނާނީ ވަށައިގެންވާ މާހައުލުގައި ތްރީޑީ ގޮތަކަށެވެ. އެމީހާ ބޭނުންގޮތަކަށް އެކި އެޕްތައް އެކި ތަންތަނަށް ލާ ހެދޭނެ އެވެ. އަދި ބޭނުން ނަމަ އެހުރި މާހައުލުގެ ބެކްރައުންޑް އެހެން ތަނަކަށް ވެސް ބަދަލުކޮށްލެވޭނެ އެވެ.

ވިޝަން ޕްރޯ ނެރޭނެ ވަކި ތާރީހެއް އެޕަލް އިން އަދި އިއުލާންކޮށްފައި ނުވެ އެވެ. ނަމަވެސް އަޑުފެތުރިފައިވާ ގޮތުގައި 2024 ގެ ޖެނުއަރީ ނުވަތަ ފެބްރުއަރީގައި މި އުފެއްދުން އާންމުންނާއި ހިސާބަށް އަންނާނެ އެވެ. މި އުފެއްދުމުގެ އަގަކީ 3500 އެމެރިކާ ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox