ދިވެހިން އެންމެ ގިނައިން ޒިޔާރަތްކުރާ އެއް މަންޒިލް ކަމުގައިވާ އިންޑިއާގެ ޓްރިވަންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން ޖެނުއަރީ 1، 2024 ފެށިގެން ތަފާތު ތަޖުރިބާއެއް ކުރެވޭނެ އެވެ.
އެ ދުވަހުން ފެށިގެން، އެ އެއާޕޯޓުން ބޯޑިންއަށް އިއުލާނު ކުރުން ހުއްޓައިލާނެ އެވެ. އޭރުން މުޅި އެއާޕޯޓުން ވަރަށް ބޮޑަށް ހިމޭންކަން އިހްސާސް ވާނެވެ.
ޓްރިވެންޑްރަމް އެއާޕޯޓް "ސައިލެންޓު އެއާޕޯޓަކަށް" ބަދަލު ކުރުމުގެ ބޭނުމަކީ ޕަސެންޖަރުންނަށް އުނދަގުލަކާ ނުލައި އެއާޕޯޓު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދީ، ހިމޭންކަމުގެ ފަސޭހަކަން އިހްސާސްކޮށް ދިނުން ކަމަށް ޓްރިވަންޑްރަމް އެއާޕޯޓުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ސައިލެންޓު އެއާޕޯޓަކަށް ބަދަލު ކުރިޔަސް، ޕަސެންޖަރުންނަށް ބޭނުންވާ މުހިއްމު މައުލޫމާތު އެއާޕޯޓުން ފެންނަން ހުންނާނެ އެވެ. ޖެނުއަރީ 1 އިން ފެށިގެން އެއާޕޯޓުން އިއުލާނު ކުރާނީ ސެކިއުރިޓީ އަދި އެމަޖެންސީ އެނައުންސްމެންޓާއި ބޯޑިން ގޭޓު ބަދަލުވުން ފަދަ މުހިއްމު އިއުލާނުތަކެވެ.










