ބާސެލޯނާ (ޑިސެމްބަރު 21) - ކެޕްޓަން ސާޖިއޯ ރޮބާޓޯ ޖަހައިދިން ދެ ގޯލުން ސްޕެނިޝް ލީގުގެ ފުލުގައި އޮތް އަލްމޭރިއާ އަތުން ބާސެލޯނާ އިން 3-2 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް އަލްމޭރިއާ އަތުން ލިބުނު މޮޅާ އެކު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. ތާވަލްގެ ދެވަނައިގައި 42 ޕޮއިންޓާ އެކު ރެއާލް އޮތްއިރު، ބާސެލޯނާ އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 44 ޕޮއިންޓް ހޯދާފައިވާ ޖިރޯނާ އެވެ.
ލީގުގައި ރޭ އަލްމޭރިއާ އަތުން މޮޅުވި މެޗުގައި ތިން ފަހަރަށް ވެސް ލީޑު ނެގީ ބާސެލޯނާ އިންނެވެ. މެޗުގެ ކުރީކޮޅު ލިބުނު ކޯނަރެއްގައި ބާސެލޯނާ އިން އަލްމޭރިއާ ފަހަތަށް ނުރައްކާކުރިއިރު، އެ ޓީމުން ފުރަތަމަ ގޯލުވެސް ޖެހީ ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގަ އެވެ. ރޮނާލްޑޯ އަރައުހޯ ބޮލުން ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅަ ގޯލަށް ވައްދާލީ ރަފީނިއާ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްމޭރިއާ އިން އެއްވަރުކުރި އެވެ. ބާސެލޯނާގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ލިއޯ ބަޕްޓިސްޓާއޯ އެވެ.
ބާސެލޯނާއިން ދެ ވަނަ ފަހަރަށް ލީޑު ނެގީ ކެޕްޓަން ސާޖިއޯ ރޮބާޓޯ ޖެހި ގޯލުންނެވެ. ސާޖިއޯ ރޮބާޓޯ މި ގޯލު ޖެހުމުގެ ކުރިން އެ ޓީމުގެ ރޮބާޓް ލެވަންޑޯސްކީ އާއި ފެެރާން ޓޮރޭސް އަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ.
މެޗުގައި އަލްމޭރިއާ އިން ޖެހި ދެ ވަނަ ގޯލަކީ ބާސެލޯނާގެ ކީޕަރު އިނާކީ ޕެނާ އަށް ހެދުނު ގޯހަކުން އެ ޓީމުން ޖެހި ގޯލެކެވެ. ގޯލް އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ކީޕަރު ޕެނާ އަތުން ދޫވުމުން އަލްމޭރިއާގެ އެޑްގާ ގޮންޒާލޭޒް ވަނީ ހުސް ގޯލަކަށް އެބޯޅަ ވައްދާލައިފަ އެވެ.
ބާސެލޯނާ މެޗުން މޮޅުވި ގޯލު އެޓީމަށް ސާޖިއޯ ރޮބާޓޯ ޖަހައިދިނީ މެޗު ނިމެން ނުވަ މިނެޓު އޮއްވަ އެވެ.
މި މެޗަކީ ސާޖިއޯ ރޮބާޓޯ ބާސެލޯނާ ކުޅެދިން 357 މެޗުތަކުގެ ތެރެއިން އެއް މެޗެއްގައި ދެ ގޯލު އޭނާ ޖެހި ފުރަތަމަ މެޗެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާ ދާނީ އެމެރިކާ އަށެވެ. އާ އަހަރަށް ލިބޭ ކުރި ޗުއްޓީގައި އެޓީމުން އެމެރިކާގައި އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ. ލީގު ބްރޭކަށް ފަހު ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ލަސް ޕަލްމާސްއާ ދެކޮޅަށެވެ.












