މެންޗެސްޓާ (ޑިސެމްބަރު 21) - ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓާ ސިޓީ ދޫކޮށްލާނެކަން އިއުލާނުކޮށްފައިވާ އިނގިރޭސި މިޑްފީލްޑަރު، ކަލްވިން ފިލިޕްސް ދެން ބަދަލުވާނެ ޓީމެއް ކަނޑައަޅާއިރު، ކޮންޓްރެކްޓްގައި ވަކި އަދަދަކަށް މެޗު ކުޅެން ލިބޭ މާއްދާއެއް ހިމަނަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ މިޑްފީލްޑަރު، ފިލިޕްސް، 28، އަށް ސިޓީގައި އެކަށީގެންވާ ވަރަށް މެޗު ނުލިބެނީ އަނިޔާގެ މައްސަލަތަކާ ހުރެ އެއްކޮށް ފިޓްވެގެން މެޗުތަކުގައި ކުޅެން ފުރުސަތު ނުލިބޭތީ އެވެ. އަދި ސިޓީގައި ފިލިޕްސް ކުޅޭ މަގާމުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭތީ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.
ލީޑްސް ޔުނައިޓެޑްގެ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، އެ ޓީމާ އެކު ޕްރިމިއާ ލީގުގައި ވެސް ކުޅުނު ފިލިޕްސް، ސިޓީ އަށް ސޮއިކުރީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި، 50 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ.
ފިލިޕްސް ދޫކޮށްލަން ސިޓީން ވެސް ނިންމާފައިވާއިރު، އޭނާ އަންނަނީ ދެން ގުޅޭނެ ކްލަބެއް ކަނޑައެޅުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ ގޮތުން، ފިލިޕްސް އަށް ފާރަލަމުން އަންނަ ޓީމުތަކުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑާއި ޔުވެންޓަސް ހިމެނެ އެވެ.
އާ ކްލަބެއް ކަނޑައެޅުމުގެ މަޝްވަރާތަކުގައި ފިލިޕްސް ކުރާ އެންމެ ބޮޑު ޑިމާންޑަކީ، ދެން ކުޅޭ ޓީމަކުން، އޭނާ އަށް ސީޒަނެއްގެ މައްޗަށް ވަކި އަދަދަކަށް މެޗު ކުޅެން ލިބޭ ގޮތަށް ކޮންޓްރެކްޓްގައި މާއްދާއެއް ހިމެނުމަށެވެ.













