ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި ރޭ ކުޅުނު މެޗުތައް ފަސޭހަކަމާ އެކު ހއ. ބާރަށް, ފިއްލަދޫ, ދިއްދޫ އަދި ހޯރަފުށިން ކާމިޔާބު ކޮށްފި އެވެ.
ރެހެންދި ޓާފް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް ވަނީ އަށް މެޗު ކުޅެފަ އެވެ. އަތޮޅު ރައުންޑްގެ މެޗުތައް ކުޅެމުން އަންނައިރު, މިއީ ހއ. އަތޮޅުގެ ޓީމުތައް މި މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ.
ހއ. އަތޮޅުުގެ އެންމެ ފަހުގެ ޗެމްޕިއަން އުތީމުން ރޭ ކުޅުނު މެޗުން ބާރަށް އަތުން ވަނީ 4-2 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. މި މެޗުގެ އަށްވަނަ މިނެޓުގައި ބާރަށުގެ އަހުމަދު ފައިޒާން ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި އަބްދުالله މިސްބާހު ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އުތީމުގެ މުހައްމަދު ނަބީލް ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އުތީމުގެ މުހައްމަދު ރިޝްމީ ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ މިސްބާހު ވަނީ އިތުރު ގޯލެއް ޖަހާ އަލުން ބާރަށަށް ލީޑު ނަގާ ދީފަ އެވެ. އަދި ދެވަނަ ހާފުގެ ހަތް ވަނަ މިނެޓުގައި ބާރަށުގެ ހަތަރު ވަނަ ގޯލު އެ ޓީމަށް ޖަހާދިނީ ފުރަތަމަ ގޯލު ވެސް ޖެހި ޝާމިލް އެވެ.
ހއ. ތުރާކުނު އަދި އެ އަތޮޅު ކެލާ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތުރާކުނުން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. އެކަމަކު ދެވަނަ ހާފުގެ އަށްވަނަ މިނެޓުގައި ކެލާގެ އަހުމަދު ޝަފަގު ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ތުރާކުނަށް އަލުން ލީޑު ނަގާދިނީ ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައި މުހައްމަދު ސަމީހު އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އިސްމާއިލް އާސިފް ކެލާއަށް ލީޑު ނަގާދީފަ އެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ތުރާކުނުގެ އިބްރާހީމް ޝަރީފް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ހއ. އަތޮޅުގެ ގަދަ ބާރު އިހަވަންދޫގެ މައްޗަށް ފިއްލަދޫ އިން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ހަތަރުވަން މިނެޓުގައި އިހަވަންދޫގެ ކެޕްޓަން އިބްރާހީމް ހާމިދު ވަނީ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ފިއްލަދޫގެ އަލީ އަފްރާހް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 16 ވަނަ މިނެޓުގައި ހާމިދު ވަނީ އިތުރު ގޯލެއް ޖަހާ އިހަވަންދޫ ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ފިއްލަދޫގެ ކެޕްޓަން އަބްދުالله އިކުވާން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ފިއްލަދޫ އިން ލީޑު ނެގި ގޯލު މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމަށް ޖަހާ ދިނީ އާދަމް އަބްދުލް ރަހީމް އެވެ. އަދި ފިއްލަދޫގެ ފަހު ގޯލު ޖެހީ މުހައްމަދު ހުޝާމް އެވެ.
ހއ. މުރައިދޫގެ މައްޗަށް އެ އަތޮޅު މާރަންދޫ އިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާރަންދޫގެ މުހައްމަދު ތަހުސީން ދެ ގޯލު ޖެހިއިރު, މުހައްމަދު ޝާމް ހަމީދު ވަނީ ގޯލެއް ޖަހާފަ އެވެ.
ހއ. ތަކަންދޫގެ މައްޗަށް އެ އަތޮޅު ދިއްދޫ އިން ކުރިހޯދީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ދިއްދޫގެ ފާއިގް އަހުމަދު ދެ ގޯލު ޖެހިއިރު, ހައިޝަމް ރަޝީދު, ޒުނާމް މުހައްމަދު ޒުހައިރު, މުހައްމަދު ވިޝާހު އަދި މުހައްމަދު ޝަނާއު ނަސީރު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. ތަކަންދޫގެ ގޯލުތައް ޖަހާދިނީ އަލީ އަމްޖަދު އަދި ޖަމްޝާދު ޖައުފަރެވެ.
ހޯރަފުށިން ވަށަފަރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ހޯރަފުށީގެ ފުރަތަމަ ގޯލު ޖެހީ އަބްދުالله ޔާމީން (ޔާނު) އެވެ. އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ޔާނު ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ވަޝަފަރުގެ އަބްދުالله ޝިނާން ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ, ހޯރަފުށީގެ ތިންވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖަހާ ދިނީ އަހުމަދު މާހިލް އެވެ.
ހއ. އަތޮޅުގެ އިތުރުން ށ. އަތޮޅުގެ މެޗުތައް ވެސް ރޭ ވަނީ ކުޅެފަ އެވެ. ށ. އަތޮޅުގެ ފުރަތަމަ މެޗުގައި ފޯކައިދޫ އިން މަރޮށީގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި މަރޮށީގެ މުހައްމަދު މާޖިދު ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ފޯކައިދޫގެ ކެޕްޓަން އާދަމް ނަވާޒް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން ފޯކައިދޫގެ އިބްރާހީމް މުޝީރު ވަނީ ގޯލު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. އެކަމަކު މެޗުގެ 16 ވަނަ މިނެޓުގައި މަރޮށީގެ އިބްރާހީމް ނިޔާަޒް ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މި މެޗުން ފޯކައިދޫ މޮޅުވި ގޯލު މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އެ ޓީމަށް ޖަހާދިނީ ހުސެއިން ނަބީހް އެވެ.
ރޭގެ ފަހު މެޗުގައި ށ. ފީވަށް އަތުން އެ އަތޮޅު ފޭދޫން ކުރި ހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ތިންވަނަ މިނެޓުގައި ފޭދޫ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝިރުފާން އެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ފޭދޫގެ ކެޕްޓަން އަހުމަދު ފާއިން މުހައްމަދު ވަނީ ގޯލު ޖަހާ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި މެޗުގައި ފީވަކުން ޖެހި ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެޓީމަށް ޖަހާދިނީ ހުސެއިން ޝާމިހް އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މާދަމާ 12 މެޗު ކުޅޭނެ އެވެ. އެއީ ހަވީރު ހަތަރު މެޗު އަދި ރޭގަނޑު އަށް މެޗެވެ. މި މުބާރާތުގެ މެޗުތައް ކުޅޭނީ ރެހެންދި އެއް ނަމްބަރު އަދި ދެ ނަމްބަރު ފުޓްސަލް ދަނޑުގަ އެވެ.













