ލަންޑަން (ޑިސެމްބަރު 19) - އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އަށް ބިޑުކުރަން ޗެލްސީ އިން ތައްޔާރުވެއްޖެ އެވެ.
ޗެލްސީ އިން އާ ކީޕަރެއް ހޯދަން ފަށާފައިމިވަނީ އެ ޓީމްގެ އެއް ވަނަ ކީޕަރު ރޮބާޓް ސަންޗޭޒް އަށް އަނިޔާވެ, ކުޅުމާ ދުރަށްދާން ޖެހުމުންނެވެ. މި މަހުގެ 10 ވަނަ ދުވަހު އެވަޓަން އަތުން ޗެލްސީ ބަލިވި މެޗުގައި ސަންޗޭޒް އަށް އަނިޔާވިއިރު, އެންމެ ފަހުން ކުޅުނު މެޗުގައިވެސް އޭނާ ނުކުޅެ އެވެ. އެ މެޗުގައި އެޓީމްގެ ގޯލު ބެލެހެއްޓީ ސާބިއާގެ ކީޕަރު ޑޯޑޭ ޕެޓްރޮވިޗެވެ.
ސަންޗޭޒްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އިތުރު މެޗުތަކެއް އޭނާ އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ. މި ދަނޑިވަޅުގައި އެކުލަބުން ބޭނުންވަނީ އާ ކީޕަރެއް ހޯދާށެވެ. އެ ގޮތުން، އިނގިރޭސި ޕްރިމިއާ ލީގުގެ ތަޖުރިބާ ހުރި ކީޕަރެއް ހޯދުމަށް އިސްކަންދޭނެ ކަމަށް ކުލަބުން ހާމަކުރެ އެވެ.
ޗެލްސީ އިން މިވަގުތު ފާރަލަމުން އަންނަ ކީޕަރަކީ އާސެނަލްގެ އާރޮން ރަމްސްޑޭލް އެވެ. މިދިޔަ ސީޒަންގައި އާސެނަލްގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ހުރި ރަމްސްޑޭލް އަށް އޭނާގެ މަގާމު މިހާރު ވަނީ ގެއްލިފަ އެވެ.
ލޯން އެއްބަސްވުމެއްގެ ދަށުން އާސެނަލުން ޑޭވިޑް ރަޔާ ސޮއިކުރި ފަހުން ރަމްސްޑޭލް އަކީ ކޯޗު އާޓެޓާގެ ދެ ވަނަ ޗޮއިސް އެވެ. އޭނާ އަށް ފުރުސަތު ލިބެނީ މަދު މެޗުތަކެއްގަ އެވެ.
މަގާމު ގެއްލުމުން ރަމްސްޑޭލް ހިތްހަމަނުޖެހިގެން އުޅޭކަމަށް އަޑުފެތުރިފައިވާ މި ދަނޑިވަޅުގެ ފައިދާ ނަގަން ޗެލްސީ އިން ބޭނުންވެ އެވެ. ރަމްސްޑޭލް އާސެނަލް ދޫކޮށްލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަމުން އަންނައިރު އޭނާ އަށް ބިޑުކުރުމާ މެދު ޗެލްސީ އިން މި ހަފްތާގައި ގޮތެއް ނިންމާނެ އެވެ.
ކީޕަރެއް ހޯދަން ޗެލްސީއިން ބޭނުން ވިޔަސް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އެންމެ ބޮޑު އިސްކަމެއް ދެނީ ފޯވާޑެއް ގަތުމަށެވެ. މިގޮތުން ބޮޑު އަގުގައި އެކުލަބުން ފޯވާޑެއް ހޯދަން ވެސް ތިބީ ތައްޔާރަށެވެ.
މިދިޔަ އަހަރެއްހާ ދުވަހު ބިލިއަނެއްހާ ޑޮލަރު ކުޅުންތެރިން ގަންނަން ހަރަދުކުރި ޗެލްސީ އަށް އަދިވެސް އެކަށީގެންވާ ނަތީޖާތަކެއް ނުނެރެވެ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ފައިނޭނެޝިއަލް ފެއާ ޕްލޭގެ ގަވާއިދާ އެކުލަބު ހިލާފުވެފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް, ބޮޑު އަގުގައި ކުޅުންތެރިން ގަންނަން އެކުލަބުން ޖެހިލުމެއް ނުވެ އެވެ.
ޗެލްސީ އިން އާ ކުޅުންތެރިން ހޯދަން ޖެނުއަރީގައި ވެސް ބޮޑު ހޭދައެއް ކުރާނެކަމަށް ބެލެވޭއިރު, ގިނަ ކުޅުންތެރިންތަކެއް އެކުލަބު ދޫކޮށްލުން ވެސް ގާތްކަމަށް ބެލެވެ އެވެ.












