ބާސެލޯނާ (ޑިސެމްބަރު 19) - ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން މި ސީޒަންގައި ދެން ނުކުޅެވޭނެ ކަމަށް ބެލެވޭ ބާސެލޯނާގެ ޒުވާން ތަރި ގަވީގެ ބަދަލުގައި މިޑްފިލްޑަރެއް ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ފަށައިފި އެވެ.
ބާސެލޯނާގެ އުއްމީދީ މިޑްފިލްޑަރު، ގަވީ އަށް އަނިޔާވީ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެނިކޮށެވެ. އޭނާގެ ކަކުލުގެ އޭސީއެލް އަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި ދެން ނުކުޅެވޭނެ އެވެ. އަނެއްކޮޅުން، އަންނަ އަހަރު އޮންނަ ޔޫރޯގައި ވެސް ސްޕެއިންގެ ޓީމަށް އޭނާ އަށް ނުކުޅެވޭނެ އެވެ.
ގަވީގެ ބަދަލުގައި އާ މިޑްފިލްޑަރެއް ހޯދަން ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނަކަން ކަށަވަރުކޮށްދިނީ އެކުލަބުގެ ރައީސް ހުއާން ލަޕޯޓާ އެވެ.
ލަޕޯޓާ ވިދާޅުވީ ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް މިޑްފިލްޑަރެއް އެކުލަބުން ގެންނާނެ ކަމަށެވެ. ޖެނުއަރީ ޓްރާންސްފާގައި އެ ކުލަބުން ގެންނަން ބޭނުންވަނީ ހަމައެކަނި މިޑްފިލްޑަރެއްކަން ވެސް އޭނާ ފާހާގަކުރެއްވި އެވެ.
ބާސެލޯނާގެ ރައީސް ވިދާޅުވީ އެކުލަބުން ބޭނުންވަނީ 2003ގެ ސީޒަންގައި ހަ މަހަށް އެކުލަބާ ގުޅުނު އެޑްގާ ޑާވިޑްސް ކަހަލަ ތަފާތެއް ގެނެސްދޭނެ ކުޅުންތެރިއެއް ކަމަށެވެ. ކުރު މުއްދަތަކަށް ބާސެލޯނާ އަށް ކުޅުނު ނަމަވެސް ޑާވިޑްސް އަކީ އެ ކުލަބުގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ކުޅުންތެރިއެކެވެ.
ޖެނުއަރީ ޓްރާންސްފާގައި އިތުރު ކުޅުންތެރިއަކު ހޯދުން ދުރުކަމަށް ބެލެވޭ އިޝާރާތެއް ރައީސް ލަޕޯޓާ ދެއްވިއިރު, އެ ކުލަބު މާލީ ހާލަތު އޮތް ގޮތުންވެސް އެކުލަބަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. މި ގޮތުން ބަޖެޓު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީ އެކުލަބުން މަޖުބޫރުވެގެން ނޫނީ ކުޅުންތެރިއަކު ހޯދުން މިވަގުތު ދުރުކަމަށް މީޑިއާތަކުން ރިޕޯޓްުކުރެ އެވެ.
ކުލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން މުސާރަ ބަޖެޓުވެސް މިހާރުވަނީ ކުޑަކޮށްފަ އެވެ. އަނެއްކޮޅުން އެ ކުލަބުން ޖެނުއަރީގައި ކުޅުންތެރިން ވިއްކާލުން ވެސް ގާތްކަމަށް ބެލެވެ އެވެ.
ބާސެލޯނާ މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގަ އެވެ. އެއް ވަނައިގައި އޮތް ޖިރޯނާ އާއި ބާސެލޯނާއާ ދެމެދު ނުވަ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.












