މެންޗެސްޓާ (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ރޭ މޮޅުނުވެވުނީ ނަސީބު ނެތިގެން ނޫން ކަމަށާއި، މުހިންމު ދަނޑިވަޅުގައި ޓީމުން ދެއްކީ ދަށް ކުޅުމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 76 ވަނަ މިނެޓާ ހަމައަށް ސިޓީ އޮތީ ދެ ގޯލުގެ ލީޑެއްގަ އެވެ. ނަމަވެސް 76 ވަނަ މިނެޓުގައި ފިލިޕް މެޓޭޓާ ޖެހި ގޯލާއި، އެންމެ ފަހު ސިކުންތުކޮޅުގައި ލިބުނު ޕެނަލްޓީއަކުން މައިކަލް އޮލީސް ޖެހި ގޯލުން، މެޗު 2-2 އިން އެއްވަރުވެ، ސިޓީ އަށް ދެ ޕޮއިންޓް ގެއްލުނީ އެވެ.
މި ނަތީޖާއާ އެކު ލީގައި ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ސިޓީ އިން ވަނީ ނަގާލައިފަ އެވެ. އަނެއްކޮޅުން އެ ޓީމަށް ވުރެ ކުރީގައި އޮތް ތިން ޓީމަށް ލީގުގައި ކުރިއަށް ޖެހިލުމުގެ ފުުރުސަތު މިހާރު ވަނީ ލިބިފަ އެވެ.
ޕެލަސް މެޗަށް ފަހު މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މެޗުގެ ފަހު ވަގުތު ބޮޑު "މިސްޓޭކެއް" ހަދައި ޕެނަލްޓީއެއް ދިނުމުން މި ނަތީޖާ އެޓީމަށް ހައްގު ކަމަށެވެ.
"މިއީ ނަސީބު ދެރަވެގެން ލިބުނު ނަތީޖާއެއް ނޫން، އަހަރުމެންނަށް ހައްގުމިންވަރު މި ލިބުނީ." ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަނުޖެހިފައިހުރެ ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ މިހާތަނަށް ލީގުގައި ސިޓީ އެއްވަރުވި ހަތަރު މެޗަށް ބަލާއިރުވެސް އެއްގޮތް ކަންތައްތަކެއް ފެންނަ ކަމަށާއި، މެޗުގެ ފަހުކޮޅު ކުޅުންތެރިން މާ ބޮޑަށް ފަސޭހަކުރަނީ ކަމަށެވެ.
ލީގުގައި ސިޓީ އެއްވަރުވި ހަތަރު މެޗަކީ، ރޭ ޕެލަސްއާ އެއްވަރުވި މެޗާއި، ޓޮޓެންހަމް އާ ވާދަކޮށް 3-3 އިން އެއްވަރުވި މެޗާއި، ލިވަޕޫލާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގެ އިތުރުން، ޗެލްސީއާ ދެކޮޅަށް ކުޅެ 4-4 އިން އެއްވަރުވި މެޗެވެެ.
ޕެލަސް މެޗު ފަހު ވަގުތު ޕެނަލްޓީއަކުން އެއްވަރުވިއިރު، ޗެލްސީ މެޗުންވެސް އެއްވަރުވީ ފަހު ވަގުތު ދިން ޕެނަލްޓީ އަކުންނެވެ. ޓޮޓެންހަމް މެޗު އެއްވަރުވީ ފަހު މިނެޓުގައި އެ ޓީމުން ޖެހި ގޯލުންނެވެ. ލިވަޕޫލް މެޗު އެއްވަރުވީ ފަހު ދިހަ މިނެޓުގައި ލިވަޕޫލުން އެއްވަރުކުރި ގޯލުންނެވެ.
ގާޑިއޯލާ ބުނީ އެޓޭކިން ކުޅުންތެރިންނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭ ކަމަށާއި، ޑިފެންސްލައިނުން ވެސް ފެންނަނީ ބޮޑެތި ގޯސްތައް ހަދާތަން ކަމަށެވެ. ޕްރިމިއާ ލީގު ކަހަލަ ވާދަވެރި ލީގެއްގައި އެއް ފެންވަރެއްގައި ކުޅެން ޖެހޭކަން އޭނާ ފާހަގަކުރި އެވެ.
މެންޗެސްޓާ ސިޓީ މިހާރު ތައްޔާރުވަމުން އަންނަނީ ސައުދީ އަރަބިއްޔާ ގައި ކުރިއަށްދާ ކުލަބު ވޯލްޑް ކަޕަށެވެ. އެ މުބާރާތުގައި ކުޅުމަށް ފަހު އެނބުރި އައިސް ޕްރިމިއާ ލީގުގައި އެ ޓީމު ދެން މެޗެއް ކުޅޭނީ 10 ދުވަސް ފަހުންނެވެ.












