މެޑްރިޑް (ޑިސެމްބަރު 17) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ 1-1 އިން އެއްވަރުވެ، ބާސެލޯނާ އަށް މޮޅެއް ނުލިބި ޖެހިޖެހިގެން ތިން މެޗު ނިންމާލަން ޖެހި އިތުރު ހާސްކަމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މި ނަތީޖާއާ އެކު ލީގުގެ އެއް ވަނައިގައި އޮތް ޖިރޯނާ އާއި ބާސެލޯނާއާ ދެމެދު ނުވަ ޕޮއިންޓަށް ފަރަގު ބޮޑުވުމުގެ ފުރުސަތު އެބައޮތެެވެ. ޖިރޯނާ، މި ވަގުތު އެއް ވަނައިގައި އޮތީ 16 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 16 މެޗުން ވަނީ 39 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 17 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 16 މެޗުން 34 ޕޮއިންޓް ލިބިފަ އެވެ.
ފަސް ވަނައިގައި އޮތީ ރޭ އެތުލެޓިކޯ އަތުން 2-0 އިން މޮޅުވި އެތުލެޓިކް ބިލްބާއޯ އެވެ. ބިލްބާއޯ އަށް ވަނީ 17 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ.
ވެލެންސިއާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުފެނުނު ނަމަވެސް ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭގައި ވަނީ ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ރަފީނިއާ ނަގައިދިން ހުރަހަކުން ޔާއޯ ފެލިކްސް އެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ޔާއޯ ފެލިކްސް ޖެހި ތިން ވަނަ ގޯލެވެ.
މެޗު ނިމެން 20 މިނިޓަށް ވެފައި ވަނިކޮށް ވެެލެންސިއާ އަށް އެއްވަރުކޮށްދިނީ ހޫގޯ ގީލަމޯން އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ޑިއޭގޯ ލޮޕޭޒް ދިން ބޯޅަ ގީލަމޯން ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ މި މެޗުން އެ ގެއްލުނީ އަތުގައި އޮތް ޕޮއިންޓްތަކެއް ކަމަށާއި މެޗުގެ ކުޅުމަށް ބަލާއިރު މިއީ ތިން ޕޮއިންޓް ލިބެން ޖެހޭނެ ވަރުގެ މެޗެއް ކަމަށެވެ.
ވެލެންސިއާ އޮތީ ލީގުގެ 10 ވަނައިގަ އެވެ. އެއީ 17 މެޗުން ލިބުނު 20 ޕޮއިންޓާ އެކު އެވެ.












