ދުވަސްވަރަކީ އިސްލާމީ ފުރަތަމަ ރަސްކަން ނުވަތަ އުމަވީ ދަރިކޮޅުން ކުރި އިސްލާމީ ވެރިކަން ނިމި، އައްބާސީ ދަރިކޮޅަށް ވެރިކަން ލިބި އައްބާސީ ހިލާފަތު ފެށިގެން އައި ދުވަސްވަރެވެ. ވެރިކަން ބަދަލުވެގެން ދިޔައީ ކޮންމެވެސް މިންވަރެއްގެ ލޭއޮހޮރުވުންތަކަކަށް ފަހު އެވެ. އިސްލާމީ އުންމަތް އެކަތިގަނޑަކަށް ހެދުމަށް އިސްލާމީ ވެރިން ކުރި ގިނަގުނަ މަސައްކަތްތަކުގެ ތެރޭގައި ވެސް ކޮންމެވެސް މިންވަރަކަށް ލޭއޮހޮރުވުންތައް ފެންނަން ހުންނަނީ، އެއީ އެޒަމާނުގެ ދުނިޔެ އެމައްޗަށް ބިނާވެފައި އޮތް ގޮތްކަމަށްވާތީ އެވެ.
އައްބާސީ ދަރިކޮޅަށް އިސްލާމީ ހިލާފަތު ލިބުމުން އައްބާސީން ވަރަށް ވަރުގަދަ ނިންމުމެއް ނިންމި އެވެ. އެއީ އުމަވީ ދަރިކޮޅުގެ އެއްވެސް މީހަކު ދުނިޔޭގައި ނެތްކަން ޔަގީންކުރުމެވެ. ސަބަބަކީ ބަޣާވާތްތަކާއި ފިތުނަތަކުން އުންމަތް ހިމާޔަތްކޮށް ސަލާމަތުން ބޭއްވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފިލި މީހުން ފިލީ އެވެ. އަނެއް ބަޔަކު ގަތުލުވީ އެވެ. މިގޮތުން ސަލާމަތުން ފިލި އެކަކު ކަމުގައިވީ އިބްރާހީމް ބިން ސުލައިމާން ބިން އަބްދުލްމަލިކް އެވެ. މީނާގެ ބައްޕައަކީ ވެސް ކާފައަކީ ޚަލީފާއެކެވެ.
އިބްރާހީމް ބިން ސުލައިމާން ފިލައިގެން ހުރީ އިރާގުގެ ޙީރާއޭ ކިޔުނު ރަށުގެ ގެއެއްގަ އެވެ. މިހެން ހުންނަނިކޮށް ކޫފާއިން ނުކުމެގެން ޙީރާއާ ދިމާއަށް ކަޅު ދިދަތަކެއް ހިފައިގެން އަންނަ ލަޝްކަރެއްގެ ހަބަރު ލިބިއްޖެ އެވެ. އިބްރާހީމްއަށް ވިސްނުނީ އެ މީހުން އެ އަންނަނީ މީނާއާ ދިމާއަށް ކަމަށެވެ. އެހެން ވެގެން ޙީރާގައި ދެން އިތުރަށް ހުރުން ރަނގަޅު ނުވާނެކަމަށް ގަބޫލު ކުރެވިއްޖެ އެވެ. ލަސްތަކެއް ނުކޮށް ޙީރާއިން ނުކުމެ ކޫފާއަށް ދަތުރުފެށި އެވެ. އަދި ފިލައިގެން އުޅޭ މީހެއް ކަމުން ކުރިމަތިވެދާނެ ނުރައްކާތަކަށް ނުހަނު ސަމާލުކަން ދޭލެއް ބޮޑުކަމުން ކޫފާއަށް އެތެރެވެވުމާއެކު އެންމެ ފުރަތަމައަށް ޖެހުނު ގެޔަށް ވަނުން ނޫން ގޮތެއް ނެތްކަމުގައި ފެނިގެން އެ ގެޔަށް ވަދެއްޖެ އެވެ.
އެގޭގެ ގޯތި ތެރޭގައި މީނާ ހުންނަތާ އިރުތަކެއް ފަހުން އެގޭގެ ވެރިމީހާ އަތުވެއްޖެ އެވެ. އެމީހާ ބުނެފި އެވެ. ކީއްކުރާ މީހެއް ހެއްޔެވެ؟ އިބްރާހީމް ބުންޏެވެ. ތިމަންނާއީ ތިމަންނާގެ ލެޔަށް ބިރުން ފިލައިގެން އުޅޭ މީހަކީމެވެ. މުސްލިމުންނަކީ އެބައިމީހުންގެ ގާތަށް އަމާންކަންދޭތޯ އެދިގެން އަންނަ މީހުންނަށް އަމާންކަންދޭ ބަޔެކެވެ. އެހެންވީމާ ތިބާގެ އަމާންކަން ދެއްވައިތޯ އެދިގެން މިގެޔަށް ވެދެހުރީ އެވެ.
ކޮންމެއަކަސް ގޭގެ ވެރިމީހާ އިބްރާހީމް ގެޔަށް ވައްދައި އަމާންކަންދީފި އެވެ. އަދި އޭނާ ހުރުމަށް ވަކި ކޮޓަރިއެއް ހަމަޖައްސައި، އޭނާއަށް ކައިބޮއިއުޅެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފި އެވެ. އެންމެ ރަނގަޅު ކާތަކެއްޗާއި ބޯތަކެއްޗާއި އެންމެ ރަނގަޅު ފޭރާމުން އޭނާއަށް ލިބޭގޮތަށެވެ.
މިހެން ހުންނަތާ ދުވަސްކޮޅެއް ވީއިރު އިބްރާހީމަށް ފާހަގަކުރެވޭ ކަމަކީ، ގޭގެ ވެރިމީހާ ހެނދުނު ހެނދުނާ ހިމާރަކަށް އަރައިގެން ނުކުންނަ ގޮތަށް އިރުއޮއްސުނީމާ ނޫނީ ނާންނަކަމެވެ. މިކަމާމެދު ހިތުގައި ސުވާލު އުފެދިގެން އިބްރާހީމް މީނާއާ ސުވާލުކުރި އެވެ. އަހަރެންނަށް މިފެންނަނީ ކޮންމެ ދުވަހަކު ވެސް ތިބާ ހިމާރަކަށް އަރައިގެން ނުކުންނަ ގޮތަށް އިރުއޮއްސުނީމާ ނޫނީ ނާންނަ ތަނެވެ. މިކަމުގެ ސަބަބަކީ ކޮބާތޯ އެވެ؟ އެމީހާ ބުންޏެވެ. އަހަރެން މިހޯދަނީ އަހަރެން ބައްޕަ މެރިމީހާ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ފިލައި ހުރީ ޙީރާއޭ ކިޔުނު ރަށުގަ އެވެ. ކޮންމެ ދުވަހަކު މިކުރާ މަސައްކަތަކީ އޭނާ ހޯދުމުގެ މަސައްކަތެވެ. އޭނާ ހޯދަމުން މިދަނީ އޭނާގެ ކިބައިން ބަދަލުހިފުމަށެވެ. އަހަރެންގެ ބައްޕަގެ މަރުގެ ބަދަލު އޭނާގެ ކިބައިން ހިފާނަމެވެ. އެހިނދު އިބްރާހީމް ސުވާލުކުރި އެވެ. ތިބާގެ ބައްޕަ ގަތުލުކުރި އެ މީހަކީ ކާކު ހެއްޔެވެ؟ އެމީހާ ބުންޏެވެ. އިބްރާހީމް ބިން ސުލައިމާން ބިން އަބްދުލްމަލިކް އެވެ.
އިބްރާހީމްގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގެންހެންނެވެ. އޭނާ ފިލަންދުވި ގަދަރު މިއޮތީ ދެފައިދަށަށް އައިސްލައިގެންފައިކަން އެނގުމުންނެވެ. ދެން އިބްރާހީމް އޭނާއާ ސުވާލުކުރިއެވެ. ކަލޭގެ ބައްޕައަކީ ކާކު ހެއްޔެވެ؟ އޭނާގެ ބައްޕައަކީ ކާކުކަން ބުނެދިނުމުން އިބްރާހީމް ބުނެފިއެވެ. މިހިރަގެން ކުރިމަތިވީ ކަމެއްތާ އެވެ! ތިބާގެ ހެޔޮކަމުގެ ތެރެއިން ކަމެއް ތިބާއަށް އަނބުރާ ދޭންޖެހިއްޖެ އެވެ؟ އަދި އަހަރެންގެ މައްޗަށް ވާޖިބު ވަނީ ތިބާއަށް ފިޔަވަޅު ކައިރިކޮށްދިނުމެވެ. އެމީހާ އެއީ ކިހިނެއްވީ ކަމެއްތޯ އެހުމުން ބުންޏެވެ. އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުލްމަކިލްއަކީ ތިމަންނާ އެވެ. ތިބާގެ ބައްޕަގެ ގާތިލަކީ އަހަރެންނީމު އެވެ. ތިބާ އަހަރެންގެ ކިބައިން ބަދަލުހިފާށެވެ!
މިހެން ބުނުމުން އެމީހާ ސިއްސައިގެންދިޔަ އެވެ. ނަމަވެސް ހިތަށް އެރި އެވެ. މީނާ ފިލައިގެން އުޅެއުޅެ ފޫހިވެގެން ނާއުންމީދުގައި މަރުވާން ބޭނުންވެގެން އުޅޭ ގޮތަކަށްވެދާނެ އެވެ. އެހެން ހިތާފައި އިތުރަށް ސުވާލުކޮށްލުމުން، ވަރަށް ތަފުސީލުކޮށް ބައްޕަގެ ހާދިސާ ކިޔައިދީފި އެވެ.
ހަމަ ހަގީގަތުގައިވެސް ކުރިމަތީގައި މިހުރީ އިބްރާހީމް ބިން ސުލައިމާނުކަން އެނގި ޔަގީންވުމުން ގޭވެރިމީހާގެ މޫނު ރަތްވެގެންދިޔަ އެވެ. ރުޅިން މީހާ ފުރިގެންދިޔަ އެވެ. އޭނާ ޒަމާންތަކެއް ވަންދެން ހޯދި އޭނާގެ ބައްޕަގެ ގާތިލު މިހިރީ ދިމާއަށް ކުރިމަތީގަ އެވެ. އެކަމަކު އޭނާގެ ހިމާޔަތުގަ އެވެ. އޭނާ އަމާންކަންދީފައިވާ ހާލުގަ އެވެ. އެހެންވީމާ ދެން ހެދޭނީ ކިހިނެއް ހެއްޔެވެ؟
ވަރަށް ވިސްނަން ހުރެފައި އިސްއުފުލާލާފައި އެމީހާ ބުންޏެވެ. ދަންނާށެވެ! ތިބާ އަހަރެންގެ ބައްޕައާ ބައްދަލުކުރާނެ އެވެ. މީހުން އެބައި މީހުންގެ ހައްގުތައް އަނެކުންގެ އަތުން ހޯދޭ ދުވަހުގަ އެވެ. އަދި އަހަރެންގެ ބައްޕަގެ ހައްގު ބައްޕަ ތިބާގެ އަތުން ހޯދާނެ އެވެ. އެކަމަކު އަހަރެން ކަށަވަރުކަންދީފައިވާ އަމާންކަމުގެ އަހުދު އުވައެއް ނުލާނަމެވެ. އެކަމަކު މިއަދަށް ފަހު މިގެއިން ތިބާ ނުކުމެގެންދާށެވެ! އެހެނީ ތިބާއަށް ގޯނާއެއް ނުދެވި ހުރެވިދާނެކަމާމެދު އަހަރެންގެ ނަފުސުގެ މައްޗަށް އިތުބާރެއް ނެތެވެ. މިހެން ބުނުމަށް ފަހު އޭނާއަށް އެއްހާސް ދީނާރު ވެސް ދިއްކޮށްލި އެވެ. ނަމަވެސް އިބްރާހީމް އޭގައި ހިފުމަށް އިންކާރުކުރި އެވެ. އަދި އެގެއިން މަޑުމަޑުން ނުކުމެގެންދިޔަ އެވެ.
މުސްލިމުންގެ އަހުލާގަކީ އެއީ އެވެ. އެބައި މީހުންގެ އަހުދުތަކަށް އެބައިމީހުން ރައްކާތެރިވެ އެވެ. މީހަކަށް ދީފި އަމާނެއް އަނބުރައެއް ނުގެންދެ އެވެ. އަމިއްލަ ޖަޒުބާތުތަކުގެ ކުރިމަތީގައި ދުލުން ބުނާ ބަހާއި، ހުވައިން ދޭ ކަށަވަރުކަން އިސްކުރެ އެވެ. އެއީ އިސްލާމީ ހަޟާރަތުގެ ރަންޒަމާނުގެ އަހުލުވެރިންނެވެ. އެ ޒަމާނުގެ ލޮބުވެތި ރައްޔިތުންނެވެ. އެބައިމީހުންގެ ދުލާއި ފުރާނައިގައި އަގުހުއްޓެވެ. އެބައިމީހުންގެ ނަފުސުގައި އަބުރާއި އިއްޒަތް ހުއްޓެވެ. ދުނިޔޭގައި އެބައިމީހުން އިއްޒަތްތެރިންކަމުގައި ވެގެން ދިޔައީ އެހެން ވެގެންނެވެ.








