ރާއްޖޭގެ ކޯޓުތަކުގައި ހިނގާ އެކިއެކި ޝަރީއަތްތައް ލަސްވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ ހޯދުމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންގެ ތެރެއިން އާ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
އެ ކޮމިޓީ އެކުލަވާލުމަށް ފަހު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ހިންގާ ގަވާއިދަށް އެ އިސްލާހު ގެނެސް އިސްލާހު ވަނީ ސަރުކާރު ގެޒެޓުގައި ވެސް ޝާއިއުކޮށްފަ އެވެ.
ކޮމިޝަންގެ ހިންގާ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ކޮމިޝަންގެ ދާއިމީ ކޮމިޓީތައް ހިމެނޭ 46 ވަނަ މާއްދާއަށް ނަންބަރެއް އިތުރުކޮށްފަ އެވެ. އެ ނަންބަރުގައި ލިޔެފައިވަނީ "ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަންނަ ކޮމިޓީ" މި ގޮތަށެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޓީ އެކުލަވާލުމުގެ ބޭނުމަކީ، ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ލަސްވާ ސަބަބު ބަލާ އެ ކަންކަން ހައްލުކޮށް ދިނުމަށް ޓަކައި ކުރެވެން ހުރި މަސައްކަތްތައް ކުރުމެވެ.
އެކުލަވާލާފައިވަނީ ތިން މެންބަރުންގެ ކޮމިޓީއެކެވެ. ކޮމިޓީގައި ތިއްބަވަނީ ކޮމިޝަންގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން، ލ. އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ޝަރީފް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެންބަރު މުހައްމަދު ސަމީރެވެ.














