ރާއްޖޭގައި ޓޫރިޒަމް ފެށި ފަހުން މިހާތަނަށް އެއް އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި އަހަރަށް މި އަހަރުވެ، ކޮވިޑް-19 ގެ ކުރިން ފަތުރުވެރިން އަންނަމުންދިޔަ މިންވަރަށް އެރައިވަލްސް ރޭޓު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1،742،043 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ ކުރިން އެއް އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައި ވަނީ 2019 ވަނަ އަހަރެވެ. އެ އަހަރު ޖުމްލަ އައީ 1،702،043 ޓޫރިސްޓުންނެވެ.
މިދިއަ ތިން އަހަރު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު
- 2020 ވަނަ އަހަރު 555،494 ޓޫރިސްޓުން
- 2021 ވަނަ އަހަރު 1،321،937 ޓޫރިސްޓުން
- 2022 ވަނަ އަހަރު 1،675،303 ޓޫރިސްޓުން
ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑު ކާރިސާއެއް ކުރިމަތިވީ، މުޅި ދުނިއަށް 2019 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ސަބަބުންނެވެ. ރާއްޖެ އިން ފުރަތަމަ ކޮޑިވްގެ ބަލި މީހަކު ފެނުނީ މާޗް 7، 2020 ގަ އެވެ. އެ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، ރާއްޖޭގެ ޓޫރިޒަމަށް ކޮޑިވްގެ އަސަރު ކުރަން ފެށި އެވެ.
ކޮވިޑް-19 ގެ ސަބަބުން، ރާއްޖޭގެ ބޯޑަރު މާޗް 27، 2020 އިން އިން ޖުލައި 14، 2020 އާ ހަމައަށް ބަންދުކުރި އެވެ. ކޮވިޑް-19 ގެ ސަބަބުން 1.1 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެއްލުނެވެ. ނަމަވެސް، އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށްފަހު އެންމެ ފުރަތަމަ ބޯޑަރު ހުޅުވީ ރާއްޖެއިންނެވެ. ކޮވިޑް-19 ގެ ކުރިން ރާއްޖޭގެ ޓޫރިޒަމަށް އެންމެ ބޮޑު އަސަރެއް ކުރީ ޑިސެމްބަރު 26، 2004 ގެ ގެ ސުނާމީ އާ ގުޅިގެންނެވެ. ބޮޑުރާޅާ ގުޅިގެން ރާއްޖެ އަށް 221،396 ޓޫރިސްޓުން ގެއްލުނެވެ.
ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19 ގެ ކުރީގެ ހާލަތަށް ދިޔުމުގައި އެންމެ ބޮޑީ ރަޝިޔާގެ ޓޫރިސްޓުންގެ ހިއްސާ އެވެ. ކޮވިޑް-19 ކުރިމަތިވިއިރު، ރާއްޖެ އަށް ހަ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިޔާއަކީ މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ.
2019 ވަނަ އަހަރު ރާއްޖެ އަށް އެންމެ ގިނައިން ޓޫސްޓުން އައި ތިން ގައުމު
- ޗައިނާ - 284،029 ޓޫރިސްޓުން
- އިންޑިޔާ - 166،030 ޓޫރިސްޓުން
- އިޓަލީ - 136،369 ޓޫރިސްޓުން
މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ތިން ގައުމު
- ރަޝިޔާ - 196،643 ޓޫރިސްޓުން
- އިންޑިޔާ - 191،985 ޓޫރިސްޓުން
- ޗައިނާ - 179،675 ޓޫރިސްޓުން
ކޮވިޑް-19 އައި އިރު ރާއްޖޭގައި ހިންގަމުން ގެންދިޔައީ 51،432 އެނދެވެ. މިހާރު ރާއްޖޭގައި 62،778 އެނދު ހިންގަމުން ގެންދެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19 ހާލަތުން އަރައިގަތުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯޑްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެންޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭ އެންމެ މަގުބޫލު މަންޒިލުގެ މަގާމު ވިދިވިދިގެން ހަތަރު އަހަރު ރާއްޖެ ވަނީ ހޯދާފަ އެވެ.











