މިއުނިކް (ޑިސެމްބަރު 12) - ބާސެލޯނާ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ގަންނަން ބަޔާން މިޔުނިކުން ތައްޔާރުވެއްޖެ އެވެ.
އަރައުހޯ އަކީ މި ވަގުތު ޔޫރަޕްގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑިފެންޑަރެވެ. ބާސެލޯނާ ޓީމުގެ އެންމެ މުހިންމު ޑިފެންޑަރު އެ ކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2026ގަ އެވެ. އޭގެ ކުރިން އޭނާ ގަންނަން ބަޔާނުން ބޭނުންވެ އެވެ.
އަރައުހޯ ހޯދަން ބަޔާނުން ރެކޯޑު ހޭދައެއް ކުރަން ޖެހޭނެ އެވެ. އޭނާގެ ރިލީޒް ކްލޯސްގެ ގޮތުގައި 850 މިލިއަން ޕައުންޑް ބާސެލޯނާއިން ކަނޑައަޅާފައި އޮތްއިރު، ކުޅުންތެރިޔާގެ ޓްރާންސްފާ ފީ 100 މިލިއަން ޕައުންޑަށް ވުރެ އިތުރުވާނެކަމަށް ބެލެވެ އެވެ.
ބަޔާން މިޔުނިކުން މިހާތަނަށް ގަތް އެންމެ އަގުބޮޑު ކުޅުންތެރިއަކީ އިނގިރޭސި ކުލަބު ޓޮޓެންހަމުން 82 މިލިއަން ޕައުންޑަށް ގަތް ހެރީ ކޭން އެވެ.
އެކުލަބުގެ ސްޕޯޓިން ޑިރެކްޓަރު ކްރިސްޓޮފް ފްރެއުންޑް ވިދާޅުވީ އަރައުހޯ ގަތުމަށް ބަޔާން އިން ބޭނުންވާ ކަމަށާއި، އަރައުހޯގެ އޭޖެންޓާ އެކު މަޝްވަރާތައް ކުރެވެމުން އަންނަކަމަށެވެ.
އަރައުހޯއާ އެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ މި ޓްރާންސްފާ އަށް އެއްވެސް ހުރަހެއް ނެތްކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޖަރުމަންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އަރައުހޯ ގަތުމަށް ބަޔާނުން ބިޑުކޮށްފިނަމަ ބާސެލޯނާ އިން އެކަމަށް އާނއެކޭ ބުނާނެ އެވެ. ސަބަބަކީ މިވަގުތު މާލީ ގޮތުން އުނދަގޫ ހާލަތެއްގައި އޮތް ބާސެލޯނާ އަށް އެ ވަރުގެ ބިޑެއް ލިބުމަކީ ކުލަބުގެ ހަރަދުތައް ބަލަހައްޓަން ލިބޭނެ ބޮޑު ލުޔަކަށް ވުމެވެ.
ޖެނުއަރީ ޓްރާންސްފާގައި ސްކޮޑު ވަރުގަދަ ކުރަން ބާސެލޯނާ އިން ވެސް ވިސްނަމުން އަންނައިރު، ހަރަދު ކުޑަކޮށް ކުޅުންތެރިން ގަތުމަށް އެ ކުލަބުން އިސްކަންދޭނެ އެވެ.












