ޓެސްޓިން މަރުހަލާއަށް ފަހު ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން އެމްއެމްއޭގެ އިންސްޓެންޓް ޕޭމަންޓްސް ސިސްޓަމް "ފަވަރަ" އާ ގުޅިއްޖެ އެވެ.
ރާއްޖޭގައި ހިދުމަތްދޭ ބައިނަލްއަގްވާމީ މި ދެ ބޭންކާ އެކު އެމްއެމްއޭ އިން ވަނީ އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
މިހާރު މި ދެ ބޭންކުގެ ކަސްޓަމަރުންނަށް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން ފަވަރަގެ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.
މިދިޔަ އޮގަސްޓް މަހު ތައާރަފުކުރި މި ސިސްޓަމުގައި އެންމެ ފުރަތަމަ ބައިވެރިވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް), ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.
އަލަށް ގުޅުނު ބޭންކް އޮފް ސިލޯންއާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އާއިއެކު ޖުމްލަ ފަސް ބޭންކެއް މެދުވެރިކޮށް ފަވަރަގެ ހިދުމަތްތައް ބޭނުންކުރެވޭނެ އެވެ.
titledesc
މިއީ ރާއްޖޭގެ ޕޭމަންޓް ސްޓްރަކްޗާއަށް މިފަހުން ގެނައި އެންމެ ބޮޑު ބަދަލެވެ. އަދި މި ނިޒާމު ވުޖޫދަށް އައުމާ ގުޅިގެން މާލީ މުއާމަލާތްތައް ރައްކާތެރިކަމާ އެކީ ފަސޭހަވެ އަވަސްވެ، މުޅި މާލީ ނިޒާމަށް އީޖާދީ، އިންގިލާ ބަދަލުތަކެއް އަންނާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެ އެވެ.










