މީހުން ދިރިއުޅޭ 29 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ބޭނުންވާތީ، އެ ވަޒީފާތަކަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން އެއިން ވަޒީފާއަކަށް ކުރިމަތިލުމަށް ޝައުގުވެރިވެ، ޝަރުތު ހަމަވާ މީހުން ފޯމު ހުށަހަޅަން ހުޅުވާލީ މި ހިނގާ ޑިސެމްބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. އެ މަގާމުތަކަށް ކުރިމަތިލާން ފޯމު ހުށަހަޅަން ޖެހެނީ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
އިއުލާނުގައިވާ ގޮތުން މެޖިސްޓްރޭޓަކަށް މުސާރައިގެ ގޮތުގައި މަހަކު 21،000ރ. ލިބެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވި ގޮތުގައި ކުރިމަތިލުމަށް ހުޅުވާލީ ބައެއް ކޯޓުތަކުން ހުސްވި ފަނޑިޔާރުންގެ މަގާމުގެ އިތުރަށް، އިތުރު ފަނޑިޔާރުން ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ބައެއް ރަށްތައް ވެސް ހިމެނޭ ގޮތަށެވެ.
"ކޭސް ލޯޑަށާއި މެޖިސްޓްރޭޓުން ތިބި އަދަދުތަކަށް ބަލާފައި، މެޖިސްޓްރޭޓުން އިތުރަށް ބޭނުންވާ ކަމަށް ބެލެވޭ ރަށްރަށް، އަދި މި ފަހުން މެޖިސްޓްރޭޓުން ހުސްވި ރަށްރަށް [އެއީ]،" އިޒްމީރާ ވިދާޅުވި އެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ރަށްރަށް
- ހއ. ކެލާ
- ހއ. ބާރަށް
- ހއ. މާރަންދޫ
- ހދ. ނެއްލައިދޫ
- ހދ. ވައިކަރަދޫ
- ށ. މާއުނގޫދޫ
- ނ. ވެލިދޫ
- ރ. އުނގޫފާރު
- ބ. ގޮއިދޫ
- ބ. ތުޅާދޫ
- ޅ. ހިންނަވަރު
- ކ. ކާށިދޫ
- ކ. ދިއްފުށި
- އއ. ހިމަންދޫ
- އއ. މާޅޮސް
- އއ. ފެރިދޫ
- އދ. މާމިގިލި
- ވ. ފެލިދޫ
- ވ. ކެޔޮދޫ
- ފ. ފީއަލި
- ދ. މީދޫ
- ލ. މާމެންދޫ
- ލ. މާވަށް
- ގއ. މާމެންދޫ
- ގދ. ގައްދޫ
- ގދ. ރަތަފަންދޫ
- ގދ. ނަޑެއްލާ
- ގދ. ފިޔޯރީ
- ސ. ހިތަދޫ













