ބާސެލޯނާ (ޑިސެމްބަރު 11) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ދަނޑުގައި 4-2 އިން އެ ޓީމު ބަލިކޮށް ޖިރޯނާ އިން ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ.
ސިޓީ ފުޓްބޯލް ގްރޫޕްގެ ހިއްސާއާ އެކު ހިނގަމުން އަންނަ ޖިރޯނާ އިން އަންނަނީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ތަފާތު ދައްކަމުންނެވެ. ސްޕެނިޝް ލީގުގައި ހަތަރު ވަނަ ސީޒަން ހޭދަކުރަމުން އަންނަ ޖިރޯނާ މީގެ ކުރިން އެންމެ މަތިން ވެސް ލީގު ނިންމާފައިވަނީ 10 ވަނައިގަ އެވެ. އެކަމަކު، މި ސީޒަނުގައި ގިނަ ބަޔަކަށް ހައިރާންކަން ގެނުވައި، ޖިރޯނާ އަންނަނީ ލީގަށް ވާދަކުރަމުންނެވެ. އެ ގޮތުން، ރޭ އެ ޓީމުން ބާސެލޯނާ ދަނޑުގައި މި ހޯދީ ތާރީހީ މޮޅެކެވެ. މިއީ ކެޓަލޫނިއާއާ އަށް ނިސްބަތްވާ ޖިރޯނާ އަށް ލީގުގައި ބާސެލޯނާ އަތުން ހޯދުނު ފުރަތަމަ މޮޅެވެ.
ލީގުގެ އެއް ވަނައިގައި ޖިރޯނާ އޮތީ، ދެ ޕޮއިންޓުގެ ލީޑަކާ އެކު، 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 16 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އިން 16 މެޗު ކުޅެގެން ހޯދުނީ 34 ޕޮއިންޓެވެ.
އާޓެމް ޑޮވްބީކްގެ ގޯލުން 12 ވަނަ މިނިޓްގައި ޖިރޯނާ އިން ލީޑުނަގާފައިވަނިކޮށް، 19 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 40 ވަަނަ މިނިޓްގައި ޖިރޯނާ އިން ވަނީ އަލުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމުގެ ވާތު ބެކް، މިގޭލް ގުޓިއެރޭޒް އެވެ.
ބާސެލޯނާ އިން ދެ ވަނަ ހާފްގައި ގޯލެއް ޖަހައި، ނަތީޖާ ހަމަހަމަކުރެވޭތޯ މަސައްކަތް ކުރަނިކޮށް، މެޗުގެ 80 ވަނަ މިނިޓްގައި ވަލޭރީ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހައި، ޖިރޯނާ އަށް ދެ ގޯލުގެ ލީޑެއް ހޯދައިދީފަ އެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި އިލްކާއި ގުންޑޮގާން ވަނީ ބާސެލޯނާ އަށް ލަނޑެއް ޖަހައިދީ އުންމީދެއް ދީފަ އެވެ. އެކަމަކު، ޖިރޯނާގެ ކްރިސްޓިއަން ސްޓުއާނީ ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައި، ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ.












