މިއުނިކް (ޑިސެމްބަރު 10) - ޖަރުމަނު ލީގުގައި ރޭ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 5-1 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މިއީ މި ފަހަރު ލީގުގައި ބަޔާން ބަލިވި ފުރަތަމަ މެޗެވެ. އަދި ފަހުގެ ތާރީހެއްގައި ލީގުގައި ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. އެންމެ ފަހުން ބަޔާން ލީގުގައި 5-1 އިން ބަލިވީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް ބަޔާން ބަލިކުރީ ފްރޭންކްފާޓް އެވެ.
ބަޔާން ބަލިވުމުން ލީގުގެ ކުރީގައި ބަޔާ ލެވަކޫސަނަށް ވަނީ ތިން ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލެވަކޫސަން އެއް ވަަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބަޔާނަށް ވަނީ 13 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފްރޭންކްފާޓުން ވަނީ 36 މިނިޓް ތެރޭގައި ތިން ލަނޑުގެ ލީޑެއް ނަަގައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ އޮމާރް މާމޫޝް، އެރިކް އެބިމްބޭ އަދި ހޫގޯ ލާސަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންގެ ޔޯސުއާ ކިމިކް ވަނީ ގޯލެއް ޖަހައިފަ އެވެ.
އެކަމަކު، ދެ ވަނަ ހާފުގައި ބަޔާނަށް އިތުރަށް ކުޅުން ރަނގަޅު ނުކުރެވި، ފްރޭންކްފާޓުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ އެބިމްބޭ އާއި އަންސްގާ ނައުފް އެވެ.
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެ ޓީމުން މެޗުގައި ކުޅެން ރޭވި ގޮތަށް އެއްވެސް ކަމެއް ނުދާ ކަމަށެވެ. އަދި މި މެޗުގައި ހިނގައިދިޔަ ކަންތައްތަކަށް ބަލައި، ކުރިއަށް ހުރި މެޗުތަކުގައި ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.












