މެންޗެސްޓާ (ޑިސެމްބަރު 7) - މިދިޔަ ސީޒަނެކޭ އެއްގޮތަށް މި ސީޒަންގައި ވެސް ތިން ތަށި ހޯދިއްޖެނަމަ މަގާމުން އިސްތިއުފާދޭނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މެންޗެސްޓާ ސިޓީ އަކީ މިދިޔަ އަހަރުގެ ޔޫރަޕްގެ ޗެމްޕިއަން ކުލަބެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ތައްޓާއި އިނގިރޭސި އެފްއޭ ކަޕް ވެސް ކާމިޔާބުކުރީ ސިޓީ އިންނެވެ. މިއީ ތިން ތަށި ހޯދައި "ޓްރެބެލް"އެއް ސިޓީ އިން ހޯދި ފުރަތަމަ ފަހަރެވެ.
މިދިޔަ ސީޒަންގެ ކާމިޔާބީއާ ގުޅޭގޮތުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ހުރިހާ ގޮތަކުން ބަލާއިރުވެސް މިދިޔަ ސީޒަނަކީ ބުރަ ބޮޑު ސީޒަނެއް ކަމަށާއި، ޗެލެންޖްތައް ވެސް މިދިޔަ ސީޒަންގައި ގިނަ ކަމަށެވެ. އެ ކާމިޔާބީއަކީ ކޮންމެ ކޮންމެ ދުވަހަކު ހޯދޭވަރުގެ ކާމިޔާބީއެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ގާޑިއޯލާ ބުނީ "ޓްރެބެލް" އެއް ހޯދުމަކީ ކިހާ އުނދަގޫކަމެއް ކަން ތާރީހަށް ބަލާލާއިރުވެސް ފެންނަން އެބައޮތް ކަމަށާއި، އިންގެލްންޑުގައި ވަރުގަދަ ގިނަ ޓީމްތަކެއް ކާމިޔާބީތައް ހޯދާފައިވާއިރު، ޓްްރެބެލް ހޯދުނީ އެންމެ ދެ ޓީމަށް ކަމަށެވެ.
"ޓްރެބެލް މި ފަހަރު ހޯދޭނެކަމަށް ހަނދާން ނައްތާލާ. އެއީ ނުވާނެކަމެއް. އެހާވެސް އުނދަގޫކަމެއް އެއީ. ސިޓީއަށް މިއަހަރު އެކަންވެއްޖެއްޔާ އަހަރެން އިސްތިއުފާދޭނަން މި މަގާމުން" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނި ގޮތަށް މި ސީޒަންގައި ސިޓީއަށް އޮތް ޗެލެންޖް ފެންނަނީ މާ ވަރުގަދަކޮށެވެ. މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން ސިޓީ މިވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގައި އެ ޓީމަށް މޮޅެއް ނުހޯދެ އެވެ.












