ބާސެލޯނާ (ޑިސެމްބަރު 6) - ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ސާޖަރީއެއް ހަދަން ޖެހި، ދެ މަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ބާސެލޯނާގެ އެއް ވަނަ ކީޕަރު، ސްޓެގެން އަށް އަނިޔާވީ ޖަރުމަންގެ ގައުމީ ޓީމާ އެކު ފަރިތަކުރަނިކޮށެވެ. އެންމެ ފަހުން އޮތް އިންޓަނޭޝަނަލް ބްރޭކްގައި ޖަރުމަންގެ ގައުމީ ޓީމުން އޭނާ ވަކިވާން ޖެހުނީ ބުރަކައްޓަށް ތަދެއް އަރައިގެންނެވެ.
ގައުމީ ޓީމުން ވަކިވެ އެނބުރި ބާސެލޯނާ އަށް އައިސް ހެދި ސްކޭންތަކުން ދައްކާ ގޮތުން ޓާ ސްޓެގެންގެ ބުރަކައްޓަށް ވަނީ އަނިޔާއެއްވެފަ އެވެ. މެޑިކަލް ޓީމާ އެކު މަޝްވަރާކުރުމަށް ފަހު މިހާރު ނިންމާފައިވަނީ ސާޖަރީ ހެދުމަށެވެ.
ސްޓެގެން އަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ސާޖަރީ ހަދާނީ މި ހަފްތާގެ ތެރޭގަ އެވެ. އޭނާ އަށް އެނބުރި އާދެވޭނެކަމަށް ބެލެވެނީ ދެ މަސް ފަހުންނެވެ.
މިދިޔަ ސީޒަންގެ ސްޕެނިޝް ލީގު ބާސެލޯނާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސްޓެގެން އަށް އަނިޔާވުމުގެ ސަބަބުން އެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ގޯލު ބެލެހެއްޓީ ބަދަލު ކީޕަރު އިނާކީ ޕެނާ އެވެ. އެއީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗާއި، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެތުލެޓިކޯ މެޗުގައި ދެއްކި ކުޅުމަށް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ތައުރީފްކޮށްފަ އެވެ.
އަންނަ ޖެނުއަރީ ޓްރާންސްފާއާ ހަމައަށް ޕެނާގެ ކުޅުމަށް ބަލާފައި ބާސެލޯނާއިން އާ ކީޕަރެއް ހޯދުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ. ކުރު ޑީލެއްގައި އާ ކީޕަރެއް ހޯދަން އެ ކުލަބުން މަސައްކަތްކުރުން ގާތް ކަމަށް ބެލެވުނަސް ޕެނާގެ މި ވަގުތުގެ ފޯމަށް ބަލާއިރު ކޯޗު ޒަވީ ބުނަނީ އާ ކީޕަރެއް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށެވެ.












