މެޑްރިޑް (ޑިސެމްބަރު 6) - ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާ އަށް ކުޅެމުން އަންނަ ފޯވާޑް، ޔާއޯ ފެލިކްސް އެނބުރި އެތުލެޓިކޯ މެޑްރިޑަށް އައުމަށް ބޭނުންނުވާ ކަމަށް ބުނެ، އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ އަށް މި ސީޒަން ފެށުމުގެ ކުރިން ފެލިކްސް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުން ސީޒަންގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުން ބާސެލޯނާއިން އާ ނުކުރަން ނިންމައިފި ނަމަ ފެލިކްސް ޖެހޭނީ އެނބުރި އެތުލެޓިކޯ އަށް ދާށެވެ.
އެތުލެޓިކޯގެ ސަޕޯޓަރުން ފެލިކްސްއާ މެދު ހިތްހަމަނުޖެހި އޭނާއާ ދެކޮޅަށް ވާހަކަދައްކަން ފެށީ އެންމެ ފަހުން ސްޕެނިޝް ލީގުގައި އެތުލެޓިކޯއާ ބާސެލޯނާ ވާދަކުރި މެޗުގައި ގޯލު ޖެހުމަށްފަހު އޭނާ އުފާފާޅުކުރި ގޮތުންނެވެ. އަނެއްކޮޅުން މެޗުގެ އެކި ހިސާބުތަކުގައި އެތުލެޓިކޯގެ ސަޕޯޓަރުންނަށް އިހުތިރާމް ގެއްލޭ ގޮތަށް އޭނާގެ ހަރަކާތްތަށް ފެނުމުން ސަޕޯޓަރުން ތިބީ ރުޅި ގަދަވެފަ އެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އާއި އެ ޓީމަށް ފެލިކްސް ވަނީ މީގެ ކުރިން ފާޑުކިޔާފަ އެވެ. ފެލިކްސް ބުނީ ސިމިއޯނީ އަށް އެޓޭކިން ގޭމެއް ކުޅުވަން ނޭނގޭ ކަމަށާއި، އެކުލަބަށް ކުޅެން ފޫހިކަމަށެވެ.
އެތުލެޓިކޯގައި އޭނާގެ އަސްލު ފެންވަރު ދައްކާލަން ފުރުސަތު ނުލިބޭ ކަމަށް ވެސް ފެލިކްސް ވަނީ މީގެ ކުރިން ބުނެފަ އެވެ.
މިކަމާ ހިތްހަމަނުޖެހި އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ފެލިކްސް އަށް އަލުން އެޓީމުން މަރުހަބާ ނުކިޔާނެ ކަމަށް ބުނެފަ އެވެ. އެނބުރި އެ ކުލަބަށް ފެލިކްސް އަށް އައުމުގެ މަގު ބަންދުކުރުމަށް އެދި ސަޕޯޓަރުންވަނީ ކުލަބުގެ މެނޭޖްމަންޓުގައިވެސް އެދިފަ އެވެ.
އެތުލެޓިކޯ އިން ގަތް އެންމެ އަގުބޮޑު ކުޅުންތެރިޔާ، ފެލިކްސް ބޭނުންވަނީ މި ސީޒަން ނިމުމާ އެކު ބާސެލޯނާގެ ކޮންޓްރެކްޓް އާކުރާށެވެ. މިކަމާ ގުޅޭގޮތުން ބާސެލޯނާ އިން އަދި އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.












