ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 15 ޓީމަކުން ބައިވެރިވެއްޖެ އެވެ.
މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަކީ ގިނަ ޓީމްތަކަކުން ދުރާލާ ތައްޔާރުވަމުން އަންނަ އެއް މުބާރާތެވެ. މުބާރާތް ފުރަތަމަ ބާއްވަން ނިންމީ ނޮވެމްބަރު 20ގަ އެވެ. އެހެންނަމަވެސް، މިދިޔަ މަހުގެ ތިން ވަނަ ދުވަހު މުބާރާތް ވަނީ މި މަަހަށް ފަސްކޮށްފަ އެވެ.
މިއަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރުވަމުން އަންނަ ޓީމުތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ގިނަ ދުވަސްވީ ދެ ކުލަބުކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓްރީ ސްޕޯޓްސް ކުލަބު ހިމެނެ އެވެ.
ދެ ކުލަބުން ވެސް ވަނީ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކުޅުންތެރިންވެސް ހިމަނައިގެން ޓީމު ވަރުގަދަކޮށްފަ އެވެ. މި ގޮތުން ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި މުހައްމަދު އުމެއިރު ވަނީ ވިކްޓްރީ އަށް ސޮއިކޮށްފަ އެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ވެސް ވިކްޓްރީ އިން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ހުރި ކުޅުންތެރިން ހޯދާފައިވަނީ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ ވިސްނުން ވެސް ހިމެނޭ ގޮތަށެވެ. މީގެ އިތުރުން ބިދޭސީ ކުޅުންތެރިން ވެސް ވަނީ ވިކްޓަރީ ޓީމުގައި ހިމަނާފަ އެވެ.
މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ދެތިން ދުވަސްތެރޭގައި އޮންނާނެ ކަމަށް އެފްއޭއެމުން މައުލޫމާތުދެ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ދެ ވަނަ ޑިވިޝަން ފޯރިގަދަވާނެކަމަށް ބެލެވެ އެވެ. ކުލަބު ޓީނޭޖް ބަލިކޮށް މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ ބުރު ސްޕޯޓްސް ކުލަބެވެ. އެ ޓީމު މި އަހަރު ވާދަކުރީ ފުރަތަމަ ޑިިވިޝަނުގަ އެވެ.











