ލަންޑަން (ނޮވެމްބަރު 29) - ޓޮޓެންހަމް ހޮޓްސްޕާސްގެ މިޑްފީލްޑަރު ރޮޑްރިގޯ ބެންޓަންކޫރަށް އަނިޔާވެ އަނެއްކާވެސް ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ މިޑްފިލްޑަރު ބެންޓަންކޫރަށް އަނިޔާވީ މިދިޔަ ހަފްތާގައި އެސްޓަން ވިލާއާ ދެކޮޅަށް އެޓީމް ކުޅުނު މެޗުގަ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި ވިލާގެ މެޓީ ކޭޝް ކުރި ނުރައްކާތެރި ފައުލުގެ ސަބަބުން އޭނާގެ ފައިގެ ކުޑަހުޅަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ.
މެޗަށްފަހު ހެދި ސްކޭންތަކުން ދައްކާގޮތުން ބެންޓަންކޫރުގެ ކުޑަ ހުޅުގެ ލިގަމެންޓަށް އަނިޔާވެ އޭނާ ދޮޅުމަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. ބެލެވޭ ގޮތުގައި ބެންޓަންކޫރަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ 2024ގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
އެސްޓަން ވިލާއާ ދެކޮޅަށް އުރުގުއޭގެ މިޑްފިލްޑަރު ބެންޓަންކޫރު ކުޅުނު މެޗަކީ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ޓޮޓެންހަމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ބެންޓަންކޫރުގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ މިދިޔަ ހަ މަސް ހުރީ ކުޅުމާ ދުރުގަ އެވެ.
ބެންޓަންކޫރުގެ އަނިޔާއަކީ ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫއަށް ލިބޭނެ އިތުރު ކަންބޮޑުވުމެކެވެ. އެ ކުލަބުގެ ސީނިއާ ޓީމްގެ 11 ކުޅުންތެރިއަކު މިވަގުތު ތިބީ އަނިޔާގަ އެވެ. މިގޮތުން ސީޒަންގެ ފެށިއިރު އެކުލަބުގައި މޮޅަށް ކުޅުނު ކުޅުންތެރިންކަމަށްވާ ޖޭމްސް މެޑިސަން، ކްރިސްޓިއަން ރޮމޭރޯ އަދި މިކީ ވެން ޑެ ވެންވެސް މިވަގުތު އަންނަނީ އަނިޔާއަށް ފަރުވާ ހޯދަމުންނެވެ. މި ކުޅުންތެރިންގެ އިތުރުން މާނޯ ސެލަމޮން، އިވާން ޕްރިސިޗްވެސް ހުރީ ކުޅުމާ ދުރުގަ އެވެ.
އަންނަ ޖެނުއަރީ މަހު ކޯޗަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕްގައި ކުޅުމަށް ޓީމްގެ މުހިންމު ދެ މިޑްފިލްޑަރުންކަމަށްވާ ޔްވެސް ބިސޫމާ އާއި ޕަޕޭ މަޓާ ސާ ދޫކޮށްލަން ޖެހޭއިރު، އޭޝިއަން ކަޕްގައި ކުޅުމަށް އެޓީމްގެ ކެޕްޓަން ކޮރެއާގެ ސަން ހުއެން މިންވެސް ދޫކޮށްލަން ޖެހޭނެ އެވެ.












